މާރާމާރީ އާ ރޭވިގެން ހިންގާ ކުށްތައް ކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި އެކި ސަރަހައްދުތަކުގައި ހަމަޖެހުން ނަގާލަން ބަޔަކު ރާވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރާމާރީ ތަކާއި ރާވައިގެން ހިންގާ ކުށްތައް އިތުރުވަމުން އަންނާތީ މާލޭގެ އަމާންކަން ގާއިމު ކުރަން ފުލުހުން އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް މާލެ ތެރެ ބެލެހެއްޓުމަށް ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މާރާމާރީތައް އިތުރުވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އެކަން މަދުކުރެވިފައިވަނިކޮށް ކަމަށް އިޝާރާތް ކުރި އިރު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހަމަޖެހުން ނަގާލުމަށް ގަސްދުގައި ބަޔަކު މަސައްކަތްތަކެއް ކުރަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރުދީ އެފަދަ އަމަލެއް ރާވާ ނުވަތަ އެފަދަ އަމަލެއް ކުރަނ އުޅޭކަމަށް ބެލެވޭ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރުކޮށްފަ އެވެ.