ހަބަރު

މަރުގެ އަދަބު ތަންފީޒު ކުރާ ސާމާނު ރާއްޖެ ގެންނަން މަސައްކަތް ފަށައިފި

Jul 19, 2017
13

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެ ގެންނަން މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް ތަންފީޒު ކުރާނެ ވަކި ދުވަހެއް ހާމަ ކުރަން ދަތިވަނީ ކަމާ ބެހޭ މާހިރުން ނެތުމުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ގިނަ ޓެކްނިކަލް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ވަނީ އެކަމަށް ބޭނުންވާ ހުރިހާ ސާމަނު ހޯދުމުގެ މަސައްކަތް ނިމުމުގެ މަރުހަލާގައި ކަމަށެވެ. ނަމަވެސް އެކަމުގެ ބާވަތުގެ ގޮތުން ތަންފީޒު ކުރާނެ ސީދާ ދުވަހެއް ބުނަން ދަތިވަނީ ޓެކްނިކަލް މާހިރުން ރާއްޖޭގައި ނެތީމައި ކަަމަށާއި ނަމަވެސް ވަރަށް އަވަހަށް އެކަން ތަންފީޒު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"މި ފަހުން އަޅުގަނޑު މިއައީ އެކަމާ ގުޅޭ ވަރަށް ހާއްސަ ދަތުރެއްގައި މެލޭޝިޔާއަށް ވެސް ގޮސްފައި. އެ ގައުމުގެ ޖަލުތަކަށް ޒިޔާރަތްކޮށް ޖަލުތަކުގައި އެ ވަސީލަތް ގާއިމް ކުރެވިފައި ވަނީ ކިހިނެތްތޯ ބަލާ ވަރަށް ބޮޑަށް މަޝްވަރާ ވެސް ކޮށްފިން. އެހެންވީމަ ރާއްޖޭގައި ވެސް އެކަން ކުރުމަށް ވަރަށް ބާރަށް މަސައްކަތްތައް ކުރިޔަށް އެބަދޭ،" އަޒްލީން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންވެސް އެކި ފަހަރުގެ މަތިން ވިދާޅުވަމުން އަންނަ އިރު މިހާތަނަށް ތިން މީހެއްގެ މައްޗައް މަރުގެ ހުކުމް އިއްވައި އެ ހުކުމްތަކަށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ވެސް ކޮށްފަ އެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.

ރައީސް އަބްދުﷲ ޔާމީން މިދިޔަ އެޕްރީލް 23 ވަނަ ދުވަހު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދެތިން މަސް ތެރޭގައި ފެށޭނެ ކަމަށެވެ.

އެގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެކަމަށް ހާއްސަ ކޮޓަރިއެއް މާފުށީ ޖަލުގައި މިހާރު ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.