ހަބަރު

ގޮނޑި ގެއްލިއްޖެ ކަން އީސީއަށް ކަނޑައެއް ނޭޅޭނެ: އިބޫ

ރައްޔިތުން މަޖިލީސް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަން އިލެކްޝަން ކޮމިޝަން (އީސީ) އަށް ކަނޑައެއް ނޭޅޭ ކަމަށާއި އެ ކޮމިޝަން އިސްތިއުފާ ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "60 މިނެޓު' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ތެރެއިން އީސީއަށް ލިބޭ ބާރަކީ ޕާޓީއަކުން މެންބަރަކު ވަކިވެއްޖެކަން އެ ކޮމިޝަނަށް އެނގުމުން އެކަން މަޖިލީހަށް އެނގުން އެކަނި ކަމަށެވެ. ނަމަވެސް މެންބަރެއްގެ ގޮނޑިއާ މެދު ޝައްކެއް އުފެދޭ ނަމަ ގާނޫން އަސާސީގައި ބުނާ ގޮތުން އެކަން ނިންމާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ގޮނޑި ގެއްލިއްޖެކަމަށް އީސީއަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން އީސީ ގެ މެންބަރުންނާ ބައްދަލު ކުރިން އެ ބޭފުޅުން ވިދާޅުވީ އެމްޕީން ވަަކިކުރަން ނިންމީ އެ ކޮމިޝަންގެ މެންބަރުން އެއްވެ އޭގެ ގާނޫނީ ލަފައެއް އީސީގެ ގާނޫނީ ބޭފުޅުންގެ ލަފައެއް ހޯދައިގެން ކަމަށް. އެހެންވެ އެކަން އެގޮތަށް ބަލައިގެން މަޖިލީހަށް އެންގި ކަމަށް. މިއީ އީސީއަށް ކުރެވޭނެ ކަމެއް ނޫން ގާނޫނީ ވަކީލުންނަށް ވެސް ކުރެވޭނެ ކަމެއް ނޫން. މިއީ ގާނޫން އަސާސީއަށް ހިލާފަށް ހިންގި ކަމެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިސީއަކަށް މިއަދު ބައި އިލެކްޝަނަކަށް ވެސް ގޮވާލެވޭނީ ސުޕްރީމް ކޯޓުން އެންގުމުން ކަމަށެވެ ނަމަވެސް އެ ކޮމިޝަނުން މިއަދު އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އީސީގެ މެންބަރުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.