ބޭރު ކުޅިވަރު

މޮރާޓާ ޗެލްސީ އަށް

Jul 20, 2017

ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާ ޗެލްސީ އަށް ވިއްކާލުމަށް ރެއާލް އިން އެއްބަސްވެއްޖެ އެވެ.

މޮރާޓާ ،24، ޗެލްސީ އަށް ވިއްކާލަން ރެއާލް އިން އެއްބަސްވީ ގާތްގަނޑަކަށް 60 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ރެއާލްއާއެކު ޓްރާންސްފާ ފީއަކަށް ޗެލްސީން އެއްބަސްވި ނަމަވެސް، ޓްރާންސްފާ މުޅިން ފުރިހަމަ ވާނީ މޮރާޓާއެކު އެއްބަސްވުމަކަށް އާދެވި، އޭނާގެ މެޑިކަލް ފުރިހަމަ ކުރުމުންނެވެ.

މޮރާޓާ ވަނީ މިދިޔަ ސީޒަންގައި ރެއާލްގައި 20 ލަނޑު ޖަހައިފަ އެވެ. ރެއާލްއާއެކު ސްޕެއިން ލީގާއި ޗެމްޕިއަންސް ލީގު މޮރާޓާ ހޯދި ނަމަވެސް، މިދިޔަ ސީޒަންގައި އޭނާ އަށް ރެއާލްގެ ފުރަތަމަ 11 އިން ގަވައިދުން ފުރުސަތެއް ނުލިބެ އެވެ. ރެއާލް ދޫކޮށްލަން އޭނާ ބޭނުންވި މައިގަނޑު ސަބަބަކީ ފުރަަތަމަ 11 އިން ލިބޭ ފުރުސަތުތައް މަދުުވުމެވެ.

ރެއާލްގެ ޔޫތު ޓީމާ 2008 ވަނަ އަހަރު ގުޅުނު މޮރާޓާ އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެންފެށީ 2010 ވަނަ އަހަރެވެ. ރެއާލް ދޫކޮށް މޮރާޓާ ވަނީ 2014 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޔުވެންޓަސްގައި ހޭދަކުރި ދެ ސީޒަންގައި މޮރާޓާ ވިދާލުމުން، ރެއާލް އިން ވަނީ މިދިޔަ އަހަރު އޭނާ އެނބުރި އެ ކްލަބަށް ގެނެސްފަ އެވެ.

ޗެލްސީ އަށް ކުޅެމުންދިޔަ ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ދޫކޮށްލަން ޗެލްސީން ނިންމުމާއެކު، ޓްރާންސްފާ ބާޒާރުގައި ޗެލްސީން އެންމެ ބޮޑު އިސްކަމެއް ދިނީ ފޯވަޑެއް ހޯދުމަށެވެ. ޗެލްސީން އެންމެ ފުރަތަމަ މަސައްކަތްކުރަީ އެވަޓަން އަށް ކުޅެމުންދިޔަ ޗެލްސީގެ ކުރީގެ ފޯވަޑް ރޮމެއޫ ލުކާކޫ އެ ޓީމަށް ގެންނާށެވެ. އެކަމަކު ޗެލްސީ ފަހަތަށް ޖައްސާލުމަށް ފަހު ލުކާކޫ ގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.