(18 ޖުލައި 2017 އާ ގުޅޭ)
"ލޫކަން..." ވައިއަޑުން ލޫކަންގެ ނަން އައިރާއަށް ކިޔާލެވުނެވެ. އެހިނދު އަނެއްކާ ވެސް ދަރިފުޅު ތޮޅިލައިފިއެވެ. އެ ދަރިފުޅު ވެސް ބަނޑުގައި އޮވެ އައިރާއަށް ކަމެއް ބުނެދޭން މަސައްކަތް ކުރާ ކަހަލައެވެ.
މަޑު ހިނގުމެއްގައި އަންނަ ލޫކަން އެ އަންނަނީ އައިރާ ހޯދަންކަން އޭނާއަށް އެނގެއެވެ. އެހެންވެ ކޮޓަރިން ނުކުމެގެން އައިސް މައި ދޮރު ކައިރީ އައިރާ މަޑުކޮށްލިއެވެ. އައިރާ ފެނުމާއެކު ލޫކަންގެ ފިޔަވަޅުތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. ލައިގެން ހުރި ޖީންސުގެ ދެ ޖީބަށް އަތްތިލަ ކޮށްޕާލައިގެން އޭނާ ހުރިއިރު ލޯ އަމާޒުވެފައި ހުރީ ސީދާ އައިރާއަށެވެ. އެ ދެލޮލުގައިވަނީ ބަޔާންކުރާން ދަތި ބެގަރާރުކަމެކެވެ. ދުލުން ބުނަން ބޭނުންވެ ނުބުނެވި ހުރި އެތައް ވާހަކަތަކެކެވެ. ލޫކަންގެ ހިތް ގޮވަމުންދިޔައެވެ. އެންމެ ފިޔަވަޅެއް ނަމަވެސް ލޫކަންއާ ގާތަށް އައިރާ އަޅާނެ ނަމައެވެ. އެންމެ ހިނިތުންވުމަކުން ހުރިހާ ވާހަކައެއް ބުނެދޭނަމައެވެ. ހަމަ އެންމެ އިޝާރާތަކާއެކު ލޫކަންގެ މިލްކަކަށް އައިރާ ހަދާނެއެވެ. ނަމަވެސް... ފިނިނޭވާއެއް ލޫކަން ދޫކޮށްލިއެވެ. އަދި ކުރިއަށް ފިޔަވަޅު އަޅާން ޖެހިފައިވަނީ މިއަދު އޭނާއަށްކަން އެނގި ހުރެ ހިނގައިގަތެވެ. އައިރާގެ ގާތަށް އައުމަށެވެ.
ލޫކަން އައިސް އައިރާގެ ކުރިމަތީ މަޑުކޮށްލިއެވެ. އޭނާ ފެނުމާއެކު އެ އައީ ހަފުލާ ނިމުނު ގޮތައްކަން އައިރާއަށް އެނގުނެވެ. ބަހެއްނުބުނެ ލޫކަން ބަލަން ހުރީއެވެ. ކުޑަ ހިނދުކޮޅަށް ވިޔަސް ހަތަރުކަޅި ބައްދަލުވިއެވެ. ނަޒަރު ވަކިކޮށްލީ އައިރާއެވެ. އަނގައިން ނުބުނެ ދެ މީހުން ވެސް ތިބީއެވެ. މިފަހަރު ލޫކަންގެ ކުރިމަތީން ގެއްލޭކަށް އައިރާ މަސައްކަތެއް ނުކުރިއެވެ. އައިރާ ހުރި ފަރާތްނޫން އަނެއްފަރާތު ފާރުގައި ލޫކަން ލެނގިލިއެވެ. އެތައް އިރަކު އެގޮތަށް ދެމީހުން ތިއްބެވެ. ހިމޭންކަމުގައެވެ. ފާރުގެ ދެފަރާތުގައި ދެ ހިތުގެ ތެޅުން ވެސް އިވޭ ހާލުގައެވެ.
"ގުޑްނައިޓް" ފާރުގައި ޖައްސާލައިގެން ހުރި ފައި ތިރިކޮށްލުމާއެކު ކުރިއަށް ޖެހިލާ އައިރާއަށް ލޫކަން ބަލާލާފައި ބުންޏެވެ. އެއާއެކު އައިރާ މަޑުމަޑުން ބޯޖަހާލިއެވެ. ދެން ފެނުނީ އޭނާގެ ކުރިމަތިން ލޫކަން ދިއުމަށް ހިނގައިގަތް ތަނެވެ.
އެރޭ ނިދަން އުޅެ އުޅެ އައިރާއަށް ނިދޭ ގޮތެއްނުވިއެވެ. ލޫކަންގެ ހަމަހިމޭންކަން އޭނާގެ ހިތަށް އުނދަގޫ ކުރަނީއެވެ. އެހެންޏާ ލޫކަން އިސްވެ އެތައް ވާހަކައެއް ދައްކާނެއެވެ. ލޫކަންއަށް ވީގޮތެއް އަހާލަން ވެސް އައިރާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެފަދައިން ޢަމަލު ކުރާކަށް ނުކެރުނެވެ.
* * * *
"ހީކުރަނީ މަށަށް ކަމެއް ކުރާން ނުކުރޭތީއޭ މަޑުން މިހުންނަނީ. އެކަން މިއަދު އޭނާއަށް ދައްކާލާނަން... އެކަހަލަ އަންހެނަކާ ޤައިސް ޤަބޫލުވާނެހެން ހީވޭތަ؟ އޭނާގެ މުޅި އުމުރު އެ ދަރިއަކަށް ޓަކައި ވޭތުކުރަމުން އެ އައީ. ވީއިރު އޭނާ އެ ފެންވަރުގެ އަންހެނަކު ޅީދަރިއަކަށް ހަދާން ބޭނުންވާނީ ކިހިނެއް. އަވަހަށް ތިބުނާ ހަފުސީއެއްގެ ގާތުގައި ބުނޭ އެ ކޮޓަރި ތައްޔާރުކުރާށޭ. އަހަރެން އޭނާ ގޮވައިގެން އިރުކޮޅަކުން މި ދަނީ. ޤައިސް ވެސް އޮފީހަށް އެ ދިޔައީ. މިގަޑީގައި ގޭތެރޭގެ ބާރު އޮންނާނީ އަހަރެންގެ އަތުގައި" ހިދާއަށް ގުޅައިގެން ހުރެ ރުބީނާ ބުންޏެވެ. ފޯނުން ވާހަކަދައްކަމުން ބަދިގެތެރެއަށް އައިސް ވަނެވެ. އެތަނުގައި މަރިޔަންދީއާއި ކެތުލީނު ހަރަކާތްތެރިވަމުންދިޔައެވެ. އެމީހުންނަށް ބަލާލަފައި ރުބީނާ ވާހަކަ ކުރުކޮށްލާ ފޯނުކޯލު ނިންމާލިއެވެ.
"މަރިޔަންދީ! އަހަރެން ބޭރަށްދާން މިއުޅެނީ. ދޭބަލަ ކާރު ތައްޔާރުކުރާށޭ ބުނަން" އަމުރުވެރި ގޮތަކަށް ރުބީނާ ބުންޏެވެ. އެއާއެކު ޚާދިމެއްގެ ހައިސިއްޔަތުން މަރިޔަންދީ އަމުރަށް ކިޔަމަންތެރިކަން އަދާކުރިއެވެ. ހަލުވިކަމާއެކު އޭނާ ބަދިގެއިން ނުކުމެގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރެފައި ރުބީނާ ގޭގެ ބިއްދޮށަށް ނުކުމެވެން ހުރި ދޮރުން ޚާދިމުން އުޅޭ އިމާރާތާ ދިމާއަށް ހިނގައިގަތެވެ.
ސައިބޮއެގެން އައިސް އެނދުގައި އޮށޯވެލައިގެން އައިރާ އޮތެވެ. ނިތުގައި އެއްއަތް ބާއްވާލައިގެން އަނެއްއަތުން ބަނޑުގައި ފިރުމަމުން ދިޔައެވެ. ކޮންމެވެސް ފިކުރެއްގައި އޮތް ކަހަލައެވެ. ދެ ލޮލާއި މޫނުމަތިން ވަރުބަލިކަން ފާޅުވެއެވެ. ރޭގައި ރަނގަޅަށް ނިދިނުލިބުމުގެ އަސަރުތަކެވެ. އެހެން އޮއްވާ ކޮޓަރީ ދޮރު ކުއްލިއަކަށް ހުޅުވާލުމާއެކު ވައިސޫރިއެއްހެން ރުބީނާ އެތެރެއަށް ވަންތަން ފެނުނެވެ. ދެ ލޯ ބޮޑުކޮށްލުމާއެކު ބޭރަށް ލަމުންދިޔަ ނޭވާ ވެސް އައިރާއަށް ހިފަހައްޓާ ލެވުނެވެ. އެނދުން ތެދުވެ ތެދުވެ ހުއްޓާ ރުބީނާ އައިގޮތަށް އައިސް އައިރާގެ ދެފަރާތުން ކޮނޑުގައި ހިފާ ނަގާ ކޮޅަށް ބަހައްޓައިފިއެވެ.
"ކަލޭ ގެންގުޅޭ ފޮށިނަގާ. ހަމަމިހާރު އެއްޗެހި އަޅާ... ބޭނުން އެއްޗެއްވިއްޔާ އެ ފޮށްޓަށް އަޅާންވީ. މިގޭގައި ކަލެއަށް ހުރެވޭނެ މުއްދަތު ހަމަވީ. ދެންނިކަން މަގޫ ކުރިމަތީގައި ގަދަވާނަމޭ ހިތާ އުޅެބަލަ... އޭތް! ބަލަން ހުންނަންވީކީ ނޫނޭ" ގަބުވެފައި އައިރާ ހުއްޓާ އޭނާގެ ކޮނޑުގައި ރުބީނާ އަތްއަޅާ އަލަމާރިއާ ދިމާއަށް ކޮއްޕައިލިއެވެ.
"ކޮންތާކަށް ދާން" ރުބީނާގެ ވާހަކައިން އައިރާއަށް އަޑުއިވުނީ އެއްބައި ކަހަލައެވެ.
"މީ އައިރާގެ ފެންވަރެއްނޫން. އެހެންވީމަ ފެންވަރު ނޯޅޭވަރުގެ ތަނަކަށް މިގެންދަނީ. އަހަންނަށް ވެސް ބޮލަށް ފަސޭހަވާނީ އޭރުން. އެހެންނޫނީ ކަލޭ ފަދަ އަންހެނެއްގެ ގާތުން ސަލާމަތްނުވެވިގެން އުޅޭން ޖެހޭނީ. އަހަރެންގެ ފަސްފަހަތުގައި ލައްކަ ރޭވުން ރާވައިފީމެންނު. މިގެއަށް ކަލޭ ގެނައި މީހަކީ އަހަރެން... އަވަސްކުރޭ. ކަލެއަށް ފޮށިނުނެގޭނީތަ؟ ކޮބާ މިގެއަށް އައިއިރު ކަލޭ އެއްޗެހި އަޅައިގެން ގެނައި ފޮށި" ރުބީނާ ނުރުހިފައި ހުރެ ވާހަކަދެއްކިއެވެ. އެހެންނަމަވެސް އައިރާއަށް އެއިން އެއްވެސް ވާހަކައެއް އިވޭހެނެއް ހިޔެއްނުވެއެވެ. ތުންފިއްތާލާފައި އިސްޖަހާލި ގޮތަށް ހުރީއެވެ. ރުބީނާގެ އަޑު ހައްތަހާވީ ގަދައެވެ. އައިރާއާ ދިމާއަށް ހަޅޭލަވައިގަތެވެ.
"ބުނިއެއްޗެއް ނީވޭހާ ބީރީތަ؟ މަށަށް ވަރިހަމަ ކަލޭ ފޮށްޓަށް އެއްޗެހި ނޭޅިޔަސް. ހިނގާދާން... މިގެއަކު ދެނެއް ނުހުރެވޭނެ" އައިރާގެ އަތުގައި ހިފާ ރުބީނާ ދަމައިގަތެވެ. އެއާއެކު އައިރާ ވެސް ނުދާންވެގެން ގަދަ ހަދާލިއެވެ.
* * * *
އެނދުގައި ބަންޑުން ނިދިފައި އޮތް ލޫކަންއަށް ހޭލެވުނީ އަޑެއް އިވިގެނެވެ. އެއްފަރާތަކަށް ފުރޮޅިލާން އުޅެނިކޮށް އަތުގައި އޮތް ފޯނު ވެއްޓުނީ ތިރީގައި އަޅާފައި އޮތް ކާޕެޓު މައްޗަށެވެ. އޭނާ ބޮލުގައި ރިއްސާވަރުން މިއަދު ޑިއުޓީއަށް ނުދާނަންކަން ޒޭންއަށް އަންގާފައި ފޯނު ހިފައިގެން އޮއްވާ ނިދުނީއެވެ. ވެއްޓުނު ފޯނު ނަގާ އެނދުން ތެދުވުމާއެކު އުޅާހަށް ދެމިލިއެވެ. އޭނާއަށް އިވުނު އަޑަކީ މީހަކު ނިކަން ބާރަށް ވާހަކަދައްކާއަޑުކަން ޔަގީންވިއެވެ. އަދި އެ އަޑު އަންނަނީ ކޮޓަރިން ނުކުމެވެން ހުރި ބެލްކަންޏާ ދިމާލުންނެވެ. ވެގެން އުޅޭ ގޮތެއް ބަލަން ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރު ނިވާކުރުމަށް ދަމާފައި ހުރި ފަރުދާ ކަހާލިއެވެ. ބެލްކަންޏަށް ނުކުތުމުގެ ކުރީން އޭނާގެ ކަންފަތުގައި ޖެހުނު އަޑުން ހިތުގެ ހިނގުމަށް ބަދަލު އައެވެ. ހާސްވެފައި ބެލްކަނީގެ ފާރުބުރިން ތިރިފެންނަ ހިސާބަށް ޖެހިލެވުނު ވަގުތު އޭނާއަށް ފެނުނު މަންޒަރުން ވަގުތުން ދެބުމަ ގޮއްޖެހުނެވެ. ރުބީނާ ގަދަކަމުން އައިރާގެ ދެއަތުގައި ދަމަނީއެވެ. ދޮރުކަނިން އަތް ނައްޓުވާލި ގޮތަށް ހިފަހައްޓާނޭ ތަނެއް ނެތުމުން ރުބީނާގެ ބާރާއެކު ކުރިއަށް އައެވެ. ރުބީނާގެ އަތް ނައްޓުވާލަން އައިރާ ދެއަތް ތަޅުވަމުން ދިޔައެވެ. މުޅި މީހާ ވެސް ތެޅި ފޮޅެނީއެވެ. ރުބީނާ ގެނައި ކުއްލި ހަރަކާތަކާއެކު ވިނަގަނޑު މައްޗަށް އައިރާ ވެއްޓުނެވެ. އެހިނދު ލޫކަންއަށް ވީގޮތެއް ވެސް ނޭނގުނެވެ. އެނބިރި ކޮޓަރިއަށް ވަން ގޮތަށް އަތުގައި ޖެހުނު ޖީންސު ނިދަންލީ ސޯޓުމަތިން އަރުވާލުމާއެކު ގޮށް އަޅުވަމުން އަޅުވަމުން ދުއްވައިގަތެވެ. ސިޑީގެ ހަރުފަތްތައް މަތީން ވެސް ހީވީ ފުންމާލި ހެނެވެ. ބަދިގެތެރޭގައި ހުރި ކެތުލީނާއި ކާރުގެ ޚަބަރު ބަލަން ދިޔަ މަރިޔަންދީ ވެސް އޭރު ތިބީ ހަދާނޭ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ. އެމީހުންނަށް ވެސް ފެނުނީ އައިނައިތަނެއް ނޭނގި ލޫކަން ދުވެފައި ނުކުތްތަނެވެ.
"ލޫކް... ލޫކް..."
ރުބީނާއަށް ދިމާއަށް އައި ލޫކަންއަށް ގިސްލަމުން ދިޔަ އައިރާ ގޮވާލީ ނިކަން ބާރަށެވެ. އެހިނދު ލޫކަންގެ ދެފައިތިލަ ހުއްޓުމަކަށް އަތުވެއްޖެއެވެ. ހީވީ ތޫނު އެއްޗެއް މޭ ފޫއަޅުވާލާފައި އެއްކޮޅުން ވަދެ އަނެއްކޮޅުން ނުކުމެގެން ދިޔަ ހެނެވެ. އައިރާ މިއަދު އޭނާއަށް އެ ގޮވާލީ މަދަދަށް އެދިގެންކަން ލޫކަންއަށް ޔަގީންވިއެވެ. އެހެންޏާ އައިރާއަށް އެހީތެރިވަނީ ލޫކަން އަމިއްލައަށް ފެނިގެންނެވެ. ނަމަވެސް މިއަދުގެ މިވަގުތުގެ ހާލަތު ވަރަށް ތަފާތެވެ. ރުބީނާ ފަސްއެނބުރި ލޫކަންއަށް ބަލާލި ވަގުތު އައިރާގެ ކަނާތު އަތް ރުބީނާގެ އަތުގެ ތެރެއިން މިނިވަންވިއެވެ. އޭނާ އެ އަތް ދިއްކޮށްލީ ލޫކަންއަށެވެ.
"ލޫކް... ލޫކް..." ލޫކަން އައި ގޮތަށް އައިސް ރުބީނާގެ އަތް އައިރާގެ އަތާ ވަކިކޮށްލި ގޮތުން ރުބީނާ ފަހަތަށް ގޮސް ވެއްޓި މީހާ އިނދަޖެހުނެވެ. އޭނާއަށް ފަރުވާލެއްނެތި އައިރާގެ ބޮޑު ބަނޑާއެކު ލޫކަން އޭނާ އަތްދަނޑިމައްޗަށް އުފުލާލީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އޭރު ވެސް އައިރާއަށް ރޮމުން ލޫކަންއަށް ގޮވެނީއެވެ. ބޭއިޚްތިޔާރުގައި ލޫކަންގެ ގައިގާ އޭނާއަށް ހިފައިގަނެވުނެވެ. ރުބީނާގެ އަތްދަށުން އޭނާ ސަލާމަތްކުރާނެކަން އައިރާގެ ޟަމީރު ޔަގީންކޮށްދިނެވެ. މިއަދު އޭނާގެ ހިތާއި ސިކުނޑި ވެސް އެކަމަށް އެއްބަސްވެއެވެ. ދުލުން ހާމަނުކުރި ނަމަވެސް ނިޔާނު ފިޔަވައި ފިރިހެނަކަށް އިތުބާރު ކުރިނަމަ އޭނާ އެ އިތުބާރު ކުރީ ލޫކަންއަށެވެ.
ރުޅިވެރިކަމާއެކު ލޯ ހިމަކޮށްލާފައި ރުބީނާއަށް ލޫކަން ބަލާލިއެވެ. ރުބީނާ އިނީ ލޫކަން އައީތީ ހައިރާންވެފައެވެ. ހެނދުނުގެ އެވަގުތަކީ ގޭގައި އޭނާ ފިޔަވައި އެކަކު ވެސް ނޫޅޭ ވަގުތެވެ. އަމިއްލަ ނަފްސުގެ މައްޗަށް އަޑުލައިގަނެވުނީ ލޫކަން ގޭގައި އުޅޭތޯ ބަލާނުލެވުނީމައެވެ. ރުބީނާ ތުންއަނބުރާލުމާއެކު އިހުނަށްވުރެ ލޫކަންގެ ރުޅި ގަދަވިއެވެ. އައިރާގެ ފައިކޮޅުގައި ހިފަހައްޓައިގެން އޮތް އަތުން އޭނާ ޝަހާދަތްއިނގިލި ރުބީނާއަށް ދިއްކޮށްލިއެވެ. ދުލުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް ދަތްކުނޑިވިކާލިއެވެ. އައިރާގެ ހާލާމެދު އޭނާ މިވަގުތު މާބޮޑަށް ކަންބޮޑުވެ ހާސްވެއެވެ. އެހެންވެ ދެދަތްޕިލާ ޖައްސާ ބާރުކޮށްލައިގެން ހުރެ އެނބުރި އައިރާގެ ކޮޓަރިއަށް ގެންދިއުމަށް ހިނގައިގަތެވެ.
ލޫކަން އައިސް އައިރާގެ އެނދުގައި އޭނާ ބެއްވިއެވެ. އެހެންވިޔަސް އައިރާ އޮށޯންނާކަށް ބޭނުމެއްނުވިއެވެ. އެނދުގައި އައިރާ އިށީނުމުން އޭނާގެ ކުރިމަތީ ލޫކަން ކުޑަކަކޫ ޖަހާލިއެވެ.
"އައިރާ ދެން ހުއްޓާލާ... ޔޫ އާ ސޭފް ނައު. އެކަކަށް ވެސް އައިރާ ނުގެންދެވޭނެ. އަހަރެން އެހެންވިޔަކަ ނުދޭނަން. އަހަރެން އައިރާއާއެކު ހުންނާނަން. އެކަކަށް ވެސް އައިރާއަށް އަނިޔާއެއް ދޭކަށް ނުކުރޭނެ. އައިރާގެ ބަނޑުގައިވާ ދަރިފުޅަށް ވެސް ގެއްލުމެއް ނުދެވޭނެ. އަހަރެން އެމީހަކު ހުއްޓުވާނަން. އައިރާ ރައްކާތެރިކުރާނަން... ދެން ހުއްޓާލާ..." އައިރާގެ ދެއަތްތިލަ ޖޯޑުކޮށްލުމާއެކު ލޫކަންގެ އަތުގެ ތެރޭ އެ ދެއަތްތިލަ ހިފަހައްޓާލާ ބާރުކޮށްލިއެވެ. އަދި ތެދުވެ އައިރާގެ ގާތުގައި އިށީނދެ ލޫކަންގެ އަތުގެ ތެރެއަށް ގެނެސް ހިފަހައްޓާލިއެވެ. އެހެން އިންދާ އެ ކޮޓަރިއަށް މަރިޔަންދީއާއި ކެތުލީނު ވެސް އައިސް ވަދެއްޖެއެވެ. އައިރާ ހަމައަކަށް އަޅުވަން ލޫކަން މަސައްކަތްކުރާތަން ބަލަން އެމީހުން ދުރުގައި ތިބީއެވެ. މިވަގުތު ލޫކަންގެ އޯގާތެރިކަން އައިރާއަށް މުހިންމު ކަމުގައި އެމީހުންނަށް ވިސްނުނީއެވެ.
ހަމައަކަށްއެޅި އައިރާގެ ސިކުނޑި މަސައްކަތް ކުރާން ފެށި އިރު ވެސް އޭނާއަށް ކުޑަކޮށް ރޮވެއެވެ. ނަމަވެސް ލޫކަންގެ ހާމައަށް އޮތް މޭގައި ބޮނޑިވެގަނެގެން އިނދެވުނުކަން އިހުސާސްވީ ދެނެވެ. ދެއަތުން މޫނު ފުހެލުމާއެކު އަވަހަށް ދުރަށް ޖެހިލިއެވެ. ލޫކަންއަށް އެވީ ކިހިނެއްކަން އެނގުނެވެ. އެހެންވެ އިތުރަށް އައިރާގެ ގައިގާ އަތްލާކަށް އޭނާ މަސައްކަތެއްނުކުރެއެވެ. ހިމޭނުން އިނީއެވެ. އައިރާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. މާފަށް އެދެން ހިތަށް އެރިއިރު އަމިއްލައަށް ލޫކަންގެ މަދަދަށް ގޮވާލެވުނު ހަނދާން ވިއެވެ. ލޫކަންގެ ހިމާޔަތުގެ ދަށުގައި އައިރާ ނަގައުގަނެގެން ގެނައި ގޮތް ހިތަށް ސިފަވިއެވެ. ދުލުން ބަހެއްބުނާ ވަރަށްވުރެ ކުށްވެރި އިހުސާސެއް އައިރާއަށް ކުރެވިގެންދިޔައެވެ. ބުނާނީ ކީކޭކަން ދުލަށް ނައީއެވެ. ނަމަވެސް ފިނިނޭވާއަކާއެކު ދެ ކޯތާފަތް އަނެއްކާ ވެސް ތެމުނީއެވެ.
"ނުރޯށޭ ބުނީމެއްނު. ދެން އެންމެ ކަރުނަތިއްކެއް ވެސް ތި ލޮލުން ފެނިގެންނުވާނެ" ހަރުކަށިކަން ދައްކާލަމުން ލޫކަން ބުނެލިއެވެ. ކުޑަކުއްޖަކު ފަދައިން އިސްޖަހާލައިގެން އިން އައިރާ އަނެއްކާ ވެސް ދެއަތުން ލޮލާއި ކޯތާފަތް ފުހެލިއެވެ.
"ކޭޓް! ކީއްވެތަ މިކަންތައްގަނޑު ހިނގިއިރު އަހަންނަށް ނޭންގީ" ލޫކަން ސުވާލުކުރިއިރު ހީވީ ހިތްހަމަނުޖެހިފައި އިނދެ ވާހަކަދެއްކި ހެނެވެ. އެކަމާ ކެތުލީނު ކަންބޮޑުވިކަން އޭނާގެ މޫނުމަތިން ސާފުކޮށް ފާޅުވެގެންދިޔައެވެ.
"އަޅުގަނޑު އުޅުނީ ބަދިގޭގައި. އަޑުގަދަވެގެން ނުކުތީ. ސަރ ޑިއުޓީގަކަމަށް ހީކުރީ.... ސޮރީ ސަރ" ފިނިވެފައި ހުރެ ވާހަކަދައްކާ މީހަކު ފަދައިން ކެތުލީނު ބުންޏެވެ.
"މިތާ ކޭޓް މަޑުކުރޭ. މަރިޔަންދީ ގާތުގައި ބުނޭ އަހަރެން ބުނެގެންނޭ. އައިރާ އެކަނި ބަހައްޓާފައި އެއްވެސް ތާކަށް ކޭޓު ގޮސްގެން ނުވާނެ. އަހަރެން އެބައަންނަން" ލޫކަން މިހެން ބުނުމާއެކު ކެތުލީނު އަވަސް އަވަހަށް ބޯޖަހާލިއެވެ. ލޫކަން ތެދުވެ އަޅާލި ފުރަތަމަ ފިޔަވަޅާއެކު އޭނާ ހުރީ ހުސްފަޔާކަން އެނގުނީ ދެނެވެ. އޭނާގެ ހޭވިފައި އޮތް ފަންއިސްތަށިގަނޑު އަތުން ރީތިކުރަމުން އައިރާގެ ކޮޓަރިން ނުކުތެވެ.
"ރުބީނާ...." ތަޅުލާފައި ހުރި ކޮޓަރީގެ ތަޅުގައި ހިފައިގެން ހުރެ ދޮރުގައި ލޫކަން ތަޅައިގަތެވެ.
"ކިހިނެއްވެގެންތަ ތިއުޅެނީ. ހަޅޭލަވާނީ މިގޭ ނޯކަރުންނަށް. މަށަކަށްނޫން" ދޮރު ހުޅުވާލި ގޮތަށް ރުބީނާ ވެސް ވާހަކަދެއްކީ މަޑެއްކޮށް ނޫނެވެ.
"ކަލޭ ޝުކުރުކޮށްބަލަ މަށަކީ ނުބައި ފިރިހެނަކަށް ނުވިކަން. އެހެންނޫންނަމަ މިއަދު ކަލޭގެ ތި ހުރި ބޭރުފުށުގެ ރީތިކަން ދަމައިގަންނާނަން. އެޔެއްނު ކަލޭގެ އަތުގައި އޮތްހާ ވެސް އެއްޗަކީ. އަންހެންދަރިއެއްގެ މަޔަކަށްވެ ހުރެ އަންހެނަކަށް އެވަރުކުރާކަށް ހިތަށް އެއްޗެއް ހަމަ ނޭރިތަ؟ މިއަދު ވެސް މައުރީނުގެ އިއްފަތްތެރިކަން މީހަކު ނަގާލާ އެކުއްޖާ މަގުމައްޗަށް އެއްލާލައިފިއްޔާ ކަލޭގެ ލަގޮނޑިއަށް ކެތްވާނެތަ؟ ނޫނީ އޭނާ ވެސް ދަރިއެއްނޫންކަމަށް ހަދާ ގުޅުން ކަނޑާލާނީތަ؟ ކަލޭ ކަހަލަ އަންހެނަކު އެހެން ވެސް ހަދާފާނެ"
"ލޫކަން! މިކަމުގެ ތެރެއަށް މައުރީން ނުވައްދާ" ރުބީނާ ރުޅިއައެވެ.
"އަހަރެން ފަސްޖެހޭނެ ކަމަށް މާ ރުޅިއަންނަން އެނގޭ މީހަކަށް ހެދޭނެކަމެއްނެތް. ބުނަންތަ! އަހަރެން ތި ހީކުރާހާ ވެސް ރަނގަޅެއްނުވާނެ. އައިރާއަކީ އަންހެނަކަށްވީއިރު މައުރީނަކީ ވެސް އަންހެނެއް. އަނިޔާ ދޭން އެނގޭނީ ހަމައެކަނި ކަލެއަކަށްނޫން" ލޫކަން ވައަތުގެ ޝަހާދަތް އިނގިލި ރުބީނާއަށް ދިއްކޮށްލީ އިންތިޒާރެއް ދޭ މީހަކު ފަދައިންނެވެ. ރުބީނާގެ މޫނުގެ ކުލަ ފަނޑުވެގެންދިޔައެވެ.
އައިރާ ގަބުވެފައި އެނދުގައި އިންނާތީ އެކަމާ އެންމެން ވެސް ކަންބޮޑުވިއެވެ. ކެތުލީނު ބުނީމާ ވެސް މެންދުރު ކާން ނައެވެ. ކާއެއްޗެހި ކޮޓަރިއަށް ގެނައިމާ ވެސް އައިރާ ކާކަށް ބޭނުމެއްނުވިއެވެ. އެންމެފަހުން ލޫކަންއަށް އެކަން އެނގިގެން އޭނާ އައިސް ގަދަކަމުން އައިރާއަށް ކާންދިނެވެ. އައިރާ ރޯތީ ލޫކަން ސުވާލުކުރިއެވެ. ނަމަވެސް އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ރުބީނާގެ އުނދަގޫ އައިރާއަށް ކުރިމަތިނުވާނޭ ކަމުގެ ޔަގީންކަން ލޫކަން ދިނެވެ. ދެން ވެސް އައިރާގެ ހިތެއް ނޭނގުނެވެ. އެންމެފަހުން ހަވީރު ހިޔާ އެރުމާއެކު ގަދަކަމުން ކަހަލަ ގޮތަކަށް އައިރާ ގޮވައިގެން ލޫކަން ނުކުތީ ގެއިން ބޭރަށެވެ. ހާމަވައިލިބި ގޭތެރޭގެ އުދާސްކަމާ އައިރާ ދުރަށް ގެންދާން ލޫކަން ބޭނުންވީއެވެ.
ހުޅުމާލޭގެ މަގުތަކުގައި ހަވީރު ގަޑިއަށް މީހުން ނުކުމެ އުޅޭލެއް ގިނައެވެ. ލޫކަންގެ މިސްރާބަކީ ކޮބާކަމެއް އައިރާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާއާ އެއްވަރަކަށް ހިނގަމުން އައެވެ. މަގުން ދުއްވާއެއްޗެއް ދާ ކޮންމެ ފަހަރަކު އައިރާގެ އަތުގައި ލޫކަން ހިފާލައެވެ. އެއިން ކޮންމެ ފަހަރަކު ލޫކަންގެ މޫނަށް އައިރާ ބަލާލައެވެ. އެ މޫނުމަތިން އައިރާއަށް ފެނުނީ އޯގާތެރިކަމެވެ. އައިރާއާ މެދު ލޫކަން ވިސްނާވަރެވެ. ހިތުގެ އެދުމެއް އޮވެ އައިރާގެ އަތުގައި ހިފާލަނީ ނޫންކަމެވެ. އައިރާގެ ހިތަށް އުނދަގޫވިއެވެ.
"މަޑުކޮށްބަލަ..." ކުއްލިއަކަށް ލޫކަން ހުއްޓިފައި ބުނެލިއެވެ. ހައިރާންކަމާއެކު އައިރާއަށް ބަލާލެވުނީ އާދެވިފައި ހުރި ހިސާބަށެވެ. ދެމީހަކު މަޑުކޮށްލުމަށް ޚާއްޞަ އެއްވެސް ތަނެއް ނުފެނުނެވެ. މަގުގެ އެއްފަރާތުގައި ހުރީ ފިހާރަތަކެވެ.
"އާދެބަލަ މިތަނަށް ވަދެލަން" ލޫކަން އެދުނެވެ. އޭނާ އިޝާރާތްކުރީ ފޯނުވިއްކާ ފިހާރައަށެވެ. ލޫކަންގެ ފަހަތުން އައިރާ އެ ފިހާރައަށް ވަނެވެ. އައިރާގެ ގާތުގައި އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ލޫކަން އަމިއްލައަށް ފޯނުތައް ބެލުމުގައި އުޅުނެވެ. އަދި އޭނާއަށް ކަމުދާ ފޯނެއް ފެނުމުން އެ ގަނެގެން ފިހާރައިން ނުކުންނަން ހިނގައިގަތެވެ. އެ ފިހާރައިން ނުކުމެ މަޑު ހިނގުމުގައި ލޫކަން ހިނގަމުން އައިސް އަތިރި މަގަށް ނުކުތެވެ. ރެސްޓޯރެންޓުތަކާއި ގެސްޓު ހައުސްތައް ގިނަ އެ ސަރައްޚައްދުން ލޫކަންއަށް ކަމުދާ ތަނެއް ޚިޔާރިއެވެ. އަތިރިމަތީގައި ޖަހާފައި ހުރި މޭޒުތަކުން މޭޒެއްގައި އައިރާ ގޮވައިގެން އައިސް ލޫކަން އިށީނެވެ. (ނުނިމޭ)