ހަބަރު

ސަރުކާރުން ނިންމާ ބޮޑު ކަމަކާ މަރުގެ ހުކުމާ ގުޅުމެއް ނެތް: އަޒްލީން

މި ހަފުތާގެ ތެރޭގައި ސަރުކާރުން ނިންމާ ބޮޑު ކަމަކާ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

އަޒްލީން މިހެން ވިދާޅުވީ ދާދި ފަހުން ޕީޕީއެމް އިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި، މި ހަފްތާ ބަންދުގެ ތެރޭގައި ބޮޑު ކަމެއް ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ. އެއީ ކޮން ކަމެއް ކަން ރައީސް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އެއީ މަރުގެ ހުކުމް ތަންފީޒު ކުރުން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

އެކަމާ ގުޅިގެން އަޒްލީން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ހަފްތާގައި ސަރުކާރުން ނިންމާ ބޮޑު ކަންތަކާ މަރުގެ ހުކުމް ތަންފީޒު ކުރުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މައުލޫމާތު ފެތުރުމުގައި އިތުރަށް ޒިންމާދާރުވެ ފަތުރާ މައުލޫމާތުގެ ސައްހަކަމަށް ސަމާލުވެ ތިބުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ބޮޑު ކަމެއް ނިންމަވާ އިއުލާން ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު މި ދުވަސްވަރު އެންމެ ހޫނު ގަދަ މައްސަލައަކީ ރައްޔިތުން މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައާއި މަޖިލިސް ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އެވެ.