ސޫރިޔާ ހަނގުރާމައިގައި އެންމެ ބޮޑެތި ޖަރީމާތައް ހިންގަމުންދާ އެގައުމުގެ ސަރުކާރު ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްކަށް ސެންޓްރަލް އިންޓެލިޖެންސް ކޮމާންޑް ( ސީއައިއޭ) މެދުވެރިކޮށް ހަތިޔާރާއި ދިނުމާއި އެމީހުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ހުއްޓައިލަން އެމެރިކާއިން ނިންމައިފިއެވެ.
އެމެރިކާ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަަކަށް އެހީވުން ހުއްޓާލަން އެމެރިކާ ސަރުކާރުން ނިންމީ ރަޝިޔާ ރުއްސުމަށް ކަަމަށެވެ.
ރަޝިޔާއަކީ އަސަދުގެ ވެރިކަން ދިފާއު ކުރަން އެެންމެ ވަރުގަދައަށް ހަނގުރާމަކުރާ އެއް ގައުމެވެ. އަސަދު ދިފާއު ކުރަން ރަޝިޔާ ސިފައިންނާއި އެކު ދެން ހަނގުރާމަ ކުރަނީ އީރާނުގެ ޓެރަރިސްޓް ޖަމާއަތްތަކާއި އީރާނުން މަދަދު ކުރާ ލުބުނާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަަމަށްވާ ހިޒްބުﷲ އެވެ.
އަސަދާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ފްރީ ސީރިއަން އާމީ ނަަމަކަށް ކިޔާ ޖަމާއަތަކާއި އެނޫން ބައެއް ޖަމާއަތްތަކަށް ސީއައި އޭ މެދުވެރިކޮށް ހަތިޔާރުދޭން ފެށީ 2013 ވަނަ އަހަރު އޭރުގެ ރައީސް ބަރަކް ހުސައިން އޮބާމާގެ ސަރުކާރުންނެވެ. އޮބާމާގެ ސަރުކާރުން އެ ޕްރޮގްރާމް ފެށީ އަސަދު ވެރިކަމުން ދުރުކުރަން އެހީވާން ކަަމަށް ބުނެފައެވެ.
އަސަދާ ދެކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ދިނުން ހުއްޓައިލި ހަބަރު އެންމެ ފުރަތަމަ އާއްމުކުރީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓް ނޫހުންނެވެ. ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެެއްގައި އެ ސުވާލު ކުރުމުން ތަރުޖަމާނު ސާރާ ސޭންޑާސް އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން އޮފިޝަލް ބުނެފައިވަނީ އެމެރިކާއިން ދެން އިސްކަންދޭނީ އިސްލާމިކް ސްޓޭޓް ( އައިއެސް)އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ކަމަށެވެ.
ސޫރިޔާއައި އިރާގުގައި ވެސް އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކަށް އެމެރިކާއިން އަންނަނީ ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދެމުންނެވެ. އަދި އެ ޖަމާއަތްތަކަށް މަދަދު ކުރުމަށް އެމެރިކާގެ މަތިންދާބޯޓްތަކުން ދަނީ ބޮން އަޅަމުންނެވެ.
ސޫރިޔާ ހަނގުރާމައަށް ހަ އަހަރު ވީ އިރު އެ ހަނގުރާމައިގައި 470000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އަސަދުގެ ސިފައިން ދިން އެޅި ބޮންތަކުގެ ސަބަބުން މަރުވި މީހުންނެވެ.