ލައިފްސްޓައިލް

އެޕަލްގެ ބުރުގާ އިމޯޖީ ވަރަށް ހިތްގައިމު

ގުރޫޕެއް ތެރޭ އެންމެން ދައްކާ ވާހަކައަށް ވުރެ ގިނައިން ބައެއް ފަހަރު ބޮލަށް އުނދަގޫވާ މިންވަރަށް އިމޯޖީ ފޮނުވައިގެން ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ. މިބުނާ އިމޯޖީ އެއްގެ ކަންތައް އެހާވެސް ބޮޑުވެއްޖެ އެވެ. އެންމެފަހުން އެކަން ބޮޑުވެ 17 ޖުލައި މިވަނީ އިމޯޖީގެ ދުވަހުގެ ގޮތުގައި ހަމަޖއްސާފަ އެވެ.

މި ދުވަހާއި ގުޅުވައިގެން އެޕަލް އިން މިވަނީ އާ އިމޯޖީ ތަކެއް ވެސް ދައްކާލާފަ އެވެ. އެ ހުރިހާ އިމޯޖީ ތަކުގެ ތެރެއިން ވެސް ބުރުގާ އެޅި އިމޯޖީގެ ވާހަކަ މާ ގަދަ އެވެ. މި އިމޯޖީއަކީ ބުރުގާ އެޅި އަންހެނުނަށް ހާއްސަ އިމޯޖީ އެކެވެ.

ބުރުގާ އެޅި އިމޯޖީ އުފެއްދުމުގައި އުޅެފައިވަނީ ސައުދީ އަރަބިޔާއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ރަޔޫފް އަލްހުމައިދީ އެވެ. ހުމައިދީ ވަނީ ބުރުގާ އެޅި އިމޯޖީ އެއް ބޭނުންވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކެމްޕޭނު ވެސް ކޮށްފަ އެވެ.

ރަޔޫފް ބުނިގޮތުގައި ބުރުގާ އެޅި އިމޯޖީ އެއްގެ ހިޔާލު އުފަންވެގެން އައީ ގުރޫޕެއްގެ ތެރޭގައި ވާހަކަ ދައްކަމުންދިޔައިރު ކޮންމެ މީހަކު ވެސް އެމީހަކު ރަމްޒުކޮށްދޭ އިމޯޖީ އެއް ދެއްކި އިރު، އޭނާ ސިފަކޮށްދޭނެ އިމޯޖީ އެއް ނެތުމުން ކަމަށެވެ.

މިއަހަރުގެ ފަހުކޮޅު އެޕަލްގެ ހުރިހާ ޑިވައިސްތަކަށް ދޫކޮށްލާ އާ އިމޯޖީ ތަކުގެ ތެރޭގައި ބުރުގާ އެޅި އިމޯޖީގެ އިތުރުން ތުނބުޅި ލީ މީހަކާއި ގާތުންދޭ މީހަކު ހިމެނެ އެވެ. މީގެ އިތުރުން ޒެބްރާއާއި ޒޮމްބީ އާއި ކާށިގެ އިތުރުން ތަފާތު އާ ސްމައިލީ އިމޯޖީ ތައް ހިމެނެ އެވެ.

މި ހަބަރުގެ އިތުރުން އެޕަލް އިން ވަނީ އިމޯޖީ އެނިމޭޓެޑް ފިލްމެއް ވެސް ޕްރިމިއާކުރާނެ ކަމުގެ ހަބަރު ވެސް ދީފަ އެވެ. މިއީ ހަމަގައިމު ވެސް އިމޯޖީ އާ ހެދި މޮޔަވެފައި ތިބޭ ކުދިންނަށް ލިބޭނެ އުފާވެރި ހަބަރެކެވެ.