ދުނިޔެ

އެމްއެޗް 370 ހޯދަން ކުރި މަސައްކަތުން ފެނުނީ މަސްވެރިކަން ކުރަންވީ ތަންތަން

މެލޭޝިއާ އެއާލައިންގެ ގެއްލުނު މަތިންދާބޯޓް އެމްއެޗް370 ހޯދަން އެތައް މިލިޔަން ޑޮލަރެއް ހަރަދުކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ނަމަވެސް އެ މަސައްކަތުން ވަނީ ވަރަށް މުހިއްމު އެހެން ކަމެއް ހާސިލު ވެފައެވެ. އެއީ އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކަނޑުގެ އަޑި އޮތް ގޮތް ވަރަށް ތަފުސީލުކޮށް ކުރަހައިލެވުމެވެ.

މަތިންދާބޯޓް ހޯދަން ކުރި މަސަައްކަތުން އެއްކުރެވުނު، ކަނޑު އަޑިއާ ބެހޭ މައުލޫމާތުތަކުގެ ބައެއް އޮސްޓްރޭލިއާއިން ބުދަދުވަހު ވަނީ އާއްމުކޮށްފައެވެ. އާއްމުކުރި މައުލޫމާތު ތަކުން ލިބިފަައިވާ އެންމެ ބޮޑު އެއް ފައިދާއަކީ އެ ސަރަހައްދުގައިވާ މަސްވެރިކަމަށް ރަނގަޅު ތަންތަން ފާހަގަވުމެވެ. އަނެއް ކަމަކީ ދުނިޔޭގެ މާކުރީ ޒަމާނުގައި ދުނިޔޭގައި އޮތް ދެކުނު ބައްރު ހަރަކާތް ކުރަމުން ގޮސްފައިވާ ގޮތުގެ ތަސައްވުރެއް ލިބުމެވެ.

އޮސްޓްރޭލިއާއިން އާއްމު ކުރި މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެނީ ކަނޑު އަޑީގެ ބިންގަނޑު އޮންނަ ގޮތުގެ ތްރީ ޑައިމެންޝަނަލް މޮޑެލްތަކާއި ބެތީމެޓްރިކް ސާވޭ މައުލޫމާތާއި ޑްރިފްޓް އެނަލިސިސްތަކެވެ. އެމައުލޫމާތުތައް އިއްޔެގައި ޝާއިއު ކުރީ އޮސްޓްރޭލިއާގެ ' ޖިއޯސައިންސް އޮސްޓްރޭލިއާ' އެވެ. އިތުރު މައުލޫމާތުތައް އެ މަޖައްލާގައި އަންނަ އަހަރު ޝާއިއުކުރާނެ ކަަމަށް އޮސްޓްރޭލިއާއިން ވަނީ ބުނެފައެވެ.

ލިބުނު މައުލޫމާތު ތަކުން ކުރަހާފަައިވާ ޗާޓުން ކަނޑުގެ އެ ސަރަހައްދުގެ އާދަޔާ ހިލާފު އެތައް ކަމެއް ފެނެއެވެ. އެއްކަމަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދަކަމަށްވާ މައުންޓް އެވަރެސްޓަށް ވުރެ އުސް، ފަރުބަދައެއް ސަރަހައްދުގެ އަޑީގައި ހުރި ކަމެވެ. ބަރިބަރިއަށް އަލިފާން ފަރުބަދަ ހުރި ވާދީއެއް ވެސް އެތަނުގައި އޮތުމަކީ ވެސް އެފަދަ ކަމެކެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ، 239 މީހުންނާއި އެކު އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް މަހުއެވެ. އެ މަތިންދާބޯޓް ހޯދަން އޮސްޓްރޭލިއާއާއި މެލޭޝިއާއާއި ޗައިނާ ގުޅިގެން 46000 އަކަމޭލުގެ ސަރަހައްދެއް ބެލިއެވެ. ނަމަވެސް ބެލި ސަރަަހައްދުން ބޯޓްގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. ގެއްލުނު މަތިންދާބޯޓްގެ ބައެއް ބައިތައް ފެނިފައި ވަނީ އެފްރިކާގެ ބައެެއް ގައުމުތަކުގެ އައްސޭރިންނާއި އެފްރިކާއާ ކައިރީގައިވާ ބައެއް ޖަޒީރާތަކުންނެވެ.