އެމްއެމްއޭ

އާ ދެ ރުފިޔާ ފަސޭހައިން ހަލާކެއް ނުވާނެ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޖަހައިގެން ގެނެސް ތައާރަފް ކުރި ދެ ރުފިޔާގެ ފައިސާ ފޮތި އާންމު ބޭނުންތަކުގައި ހަލާކެއް ނުވާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ. އެމްއެމްއޭއިން މިހެން ބުނީ ދެ ރުފިޔާގެ ފައިސާ ފޮތީގެ މެދުގައި އިންނަ ބައި ވަކިވެފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ މީޑިއާ ކޯޑިނޭޓާ މަންސޫރު ޒުބައިރު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުގައި ފެންނަނީ "ބަޔަކު ގަސްތުގައި އެއްޗަކުން ބާރުލައި ފިއްތައިގެން ހަލާކުކޮށްފައިވާ" ތަން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވެއްޓޭ އިރަށް ނުވަތަ އާންމު ބޭނުންތަކުގައި ބޭނުން ކުރާ އިރު އެ ފައިސާ ފޮތި ހަލާކު ނުވާނެ ކަމަށެވެ.

"ފޮޓޯއަށް ބަލާލީމަ ވަރަށް ރަނގަޅަށް އެނގޭނެ ގަދަކަމުން ކޮންމެވެސް ކަހަލަ ވަރުގަދަ ފޯސްއެއް ލައިގެން އެކަންކޮށްފައި އެ ހުރީ. ދެ ރުފިޔާގެ މަތިވެސް އެ ފޮޓޯތަކުގައި ހުރީ ހަލާކުވެފައި. އަޅުގަނޑުމެންނަށް ފާހަގަވަނީ ބާރު ފޯސް އެއްލާފަ ހަލާކުކޮށްލާފައި އެ ހުރި. އާދައިގެން ބޭނުންތަކުގައި ހަލާކެއް ނުވާނެ،" މަންސޫރު ވިދާޅުވި އެވެ.

މަންސޫރު އިތުރަށް ވިދާޅުވީ އެއްވެސް ފަރާތަކުން ފައިސާ ފޮތިތައް ހަލާކު ކުރަން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ދެ ރުފިޔާގެ އާ ފައިސާ ފޮއްޗަކީ ކުރީގެ ދެ ރުފިޔާއަށް ވުރެ ލުއިކޮށް ހަދާފައި ހުރި ފޮއްޗެކެވެ. އެމްއެމްއޭއިން ދެ ރުފިޔާަ ނެރުނީ މި މަހުގެ 12 ވަނަ ދުވަހުގަ އެވެ.