ހަބަރު

މެންބަރު ސިނާނާއި އިލްހާމްގެ ގޮނޑި ގެއްލިއްޖެ

ރައްޔިތުން މަޖިލީހު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާއި ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މެންބަރު ކަމުގެ ގޮނޑި ގެއްލިއްޖެ އެވެ.

އެ ދެ ބޭފުޅުން ޕީޕީއެމުން ވަކި ކުރި ކަމުގެ ސިޓީ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނަނީ އެ ގޮތަށް ނިންމައި މަޖިލީހަށް ހުށަހެޅުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

އެހެން ނަމަވެސް އެ ހުކުމާ ވިދިގެން ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ރޫލިންގަި ބުނެފައި ވަނީ، ހުކުމުން ކުރިން ހިނގާފައިވާ ކަމަކާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކަކަށް ހުކުމުގެ ބާރު ނުހިނގާނެ ކަމަށެވެ. އެ އަމުރު އެގޮތަށް އޮތުމާ ގުޅިގެން މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މީގެ އިތުރަށް ހަތަރު މެންބަރަކު ޕީޕީއެމް އިން ވަކިވެފައިވާ ކަމަށް ބުނެ އިލެކްޝަންސް އިން ވަނީ ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިއްޔެ އިއުލާންކޮށް ބައި-އިލެކްޝަނެއް އެ ދާއިރާތަކުގައި ބާއްވަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އެބޭފުޅުން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.