ހަބަރު

ޕީޕީއެމް އެމްޕީއިން ތިބެނީ ބްލެކްމެއިލް ކޮށްފައި: ރިޔާޒް

Jul 21, 2017
13

ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވާ މަޖިލީސް މެންބަރުން ބައިތިއްބަނީ ބްލެކްމެއިލްކޮށްފައި ކަމަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ތުހުމަތު ކުރައްވައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ރައީސް ޔާމީން އަރިހުގައި މިހާރު ތިއްބެވި މަޖިލީސް މެންބަރުންނަކީ ބްލެކްމެއިލްވެފައި ތިބި މެންބަރުން ކަމަށެވެ. އަދި އެކަންކޮށްފައި ވަނީ އެ މެންބަރުންގެ މަސްލަހަތު ހުންނަ ކުންފުނިތަކަށް އުސޫލުތަކާ ހިލާފަށް ބިޑުނުކޮށް ބޮޑެތި ޕްރޮޖެކްޓުތައް ދީގެން ކަމަށާއި އެ މައްސަލާގައި މެންބަރުންގެ ރުހުމާ ދެކޮޅަށސް ތާށިކޮށްފައި ހިފަހައްޓައިގެން ހުރި ކަމަށް ރިޔާޒް ތުހުމަތު ކުރެއްވި އެވެ.

"ރައީސް ޔާމީން އަރިހުގައި މިއަދު ތިބި ގިނަ މެންބަރުންނެއް ހިތްހަމައެއް ނުޖެހޭ. ބައެއް މެންބަރުންނަށް ބްލެކްމެއިލްކޮށްފައި ހުރުމުން އެ މެންބަރުން ބޭނުންވާ ގޮތަކަށް ކަންތައް ކުރެވޭނެ ފުރުސަތެއް ނެތް. އިހްލާސްތެރިކަމާއެކު ތެދުވެގެން އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތް ކުރާ މެންބަރުންނަށް މި އަންނަނީ އޭގެ ޗެލެންޖު. އޭގެ އަގަކީ ގޮޅީގަ އޮތުން ބަންދުގައި އޮތުން ހުކުމެއް ޖެހުންކަމަށް ރައީސް ޔާމީން ހީފުޅު ކުރެއްވިޔަސް އެއީ ގޯހެއް. އަޅުގަނޑުމެން އެންމެން ޖަލަށް ލިޔަސް މަސައްކަތެއް ނުހުއްޓާނަން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވވީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ޖަލުގައި ހުންނަން ޖެހިވަޑައިގަތީ ޕީޕީއެމްއިން އިން ނިކުމެވަޑައިގެން ސަރުކާާރާ ދެކޮޅަށް އިސްލާހީ މަސައްކަތްތައް ކުރަން ފެއްޓެވުމުން ކަމަށެވެ. އަދި އެކަން ޕީޕީއެމް އުފެދިގެން އައި އުސޫލުތަކާ ހިލަފަށް ޕީޕީއެމް މަސައްކަތް ކުރާކަން އެ ޕާޓީގައި މިހާރު ތިއްބަވާ ގިނަ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އިދިކޮޅާ ގުޅުން މެންބަރުންނާ މެދު އެކި ފިޔަވަޅުތައް އަޅުއްވަނީ ރައީސް ޔާމީން އަރިހުގައި މިހާރު ތިއްބެވި މެންބަރުންގެ ވިސްނުން ބަދަލުވިޔަ ނުދިނުމަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މެންބަރުންގެ މައްސަލަތަކެއް ކަމަށް ބުނާ ކަމެއް ތަހުގީގު ކުރަން ފަށާ ރާސްލާފަ މައްސަލަތައް ނިންމުމަށް މަސައްކަތް މި ކުރަނީ އަޅުގަނޑުމެން މިކުރާ އިސްލާހީ މަސައްކަތްތައް ހުއްޓުވާލާ އެ މަސައްކަތްތައް ނުފޫޒު ފޯރުވުމަށް. އެހެންނަމަވެސް ގައުމުގެ ހައްގުގައި ގައުމު އިސްކޮށްގެން މަސައްކަތް ކުރާނަން،" ރިޔާާޒް ވިދާޅުވި އެވެ..

ސިޔާސީ މަސްރަހުގައި މި ދުވަސްވަރު ހިނގާ ކަންތަކުގެ ސަބަބުން މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި މިއީ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ތެދުވެ އެކަަމާ ދެކޮޅަށް މަސައްކަތް ކުރަން ނިކުންނަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ގާނޫނާ ގަވައިދުތަކުގެ ތެރެއިން ރައީސް ޔާމީންއަށް އިދިކޮޅު ފަރާތްތަކާ ވާދަކޮށް ނުލެވޭނެ ކަން މިއަދު ސާބިތުވެފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.