ހަބަރު

ފުލުހުން އޮޕަރޭޝަނެއް ފަށައި އަށް މީހަކު ހައްޔަރުކޮށްފި

ފުލުހުން މާލޭގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އަށް މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުން ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލް މިވަގުތު ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

މާލޭ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހަމަޖެހުން ނަގާލުމަށް ގަސްދުގައި ބަޔަކު މަސައްކަތްތަކެއް ކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މާލޭގެ އަމާންކަން ވަރުގަދަ ކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރާމާރީ އާ ރޭވިގެން ހިންގާ ކުށްތައް ކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. މާރާމާރީތައް އިތުރުވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އެކަން މަދުކުރެވިފައިވަނިކޮށް ކަމަށް އިޝާރާތް ކުރި އިރު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހަމަޖެހުން ނަގާލުމަށް ގަސްދުގައި ބަޔަކު މަސައްކަތްތަކެއް ކުރަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރުދީ އެފަދަ އަމަލެއް ރާވާ ނުވަތަ އެފަދަ އަމަލެއް ކުރަނ އުޅޭކަމަށް ބެލެވޭ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރުކޮށްފަ އެވެ.