ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދަކީ އަދިވެސް އެ ދާއިރާގެ މެންބަރު ކަމަށާއި ގޮނޑި ނުގެއްލޭ ކަމަށް އިލްހާމް ވިދާޅުވެއްޖެ އެވެ.
އިލްހާމް މިރޭ ވިދާޅުވީ ގާނޫނާ ހިލާފްވީ ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި އެއީ ދުނިޔެ ދައްކާ ހަގީގަތް ކަމަށެވެ. އިލްހާމް ވިދާލުވީ އެމަނިކުފާނުގެ ހިތްވަރު ބަލިކަށި ނުކުރެވޭނެ ކަމަށާއި އެ އަޒުމެއް ނުގުޑާނެ ކަމަށެވެ.
މީގެއިތުރުން އިލްހާމް ވިދާޅުވީ އުފާފާގަތި ފަތިހަކަށް ދާދި އަވަހަކަށް އަލިވިލޭނެ ކަމަށެވެ.
އިލްހާމް އާއި މައްޗަންގޯޅި ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު ޕީޕީއެމުން ވަކި ކުރި ކަމުގެ ސިޓީ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެހެން ނަމަވެސް އެ ހުކުމާ ވިދިގެން ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ރޫލިންގަި ބުނެފައި ވަނީ، ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކަކަށް ހުކުމުގެ ބާރު ނުހިނގާނެ ކަމަށެވެ. އެ އަމުރު އެގޮތަށް އޮތުމާ ގުޅިގެން މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މީގެ އިތުރަށް ހަތަރު މެންބަރަކު ޕީޕީއެމް އިން ވަކިވެފައިވާ ކަމަށް ބުނެ އިލެކްޝަންސް އިން ވަނީ ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް އިއްޔެ އިއުލާންކޮށް ބައި-އިލެކްޝަނެއް އެ ދާއިރާތަކުގައި ބާއްވަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އެބޭފުޅުން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.