ކުޅިވަރު

ފަސް އަހަރަށް މޮރާޓާ ޗެލްސީ އަށް ސޮއި ކޮށްފި

Jul 22, 2017

ފަސް އަހަރުގެ އެއްބަސްވުމެއްގައި، ރެއާލް މެޑްރިޑްގެ ސްޓައިކާ އަލްވާރޯ މޮރާޓާ ޗެލްސީއަށް ސޮއި ކޮށްފި އެވެ. މިއީ މި ޓްރާންސްފާ ޕީރިއަޑްގައި ޗެލްސީ އަށް ސޮއި ކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ މޮރާޓާ ގެންނަން ޗެލްސީއިން ހޭދަ ކުރަނީ. މިހާތަނަށް، ކުޅުންތެރިޔަކު ގެނައުމުގައި އެޓީމުން ހޭދަ ކުރާ އެންމެ ބޮޑު އަގު ކަމަށެވެ. އެއީ 58 މިލިއަން ޕައުންޑް އެވެ. ލިވަޕޫލުގެ ކުރީގެ ސްޓައިކާ ސްޕެއިންގެ ފެނާންޑޯ ޓޯރޭޒް ގެނައުމަށް ޗެލްސީން 2011 ވަނަ އަހަރު ހޭދަ ކުރީ 50 މިލިއަން ޕައުންޑެވެ.

ޗެލްސީން މޮރާޓާ މި ގެނައީ، މިދިޔަ ސީޒަންގައި އެޓީމުގެ ސްޓައިކަރަކަށް ހުރި ޑިއޭގޯ ކޮސްޓާގެ ބަދަލުގަ އެވެ. ކޮންޓޭގެ ޕްލޭންގައި ކޮސްޓާ ނުހިމެނޭނެ ކަމަށް، ކޮންޓޭ ވަނީ މިގެ ކުރިން ކޮސްޓާ އަށް އަންގާފަ އެވެ.

މޮރާޓާ އަށް މަރުހަބާ ކިޔަން ކޮންޓޭ އާއި ޗެލްސީން އޮތީ ތައްޔާރު ވެގެން ނެވެ. ކުރިން ޔުވެންޓަސްއަށް ވެސް ކުޅުނު މޮރާޓާ ވަނީ މިދިޔަ ސީޒަންގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގް ރެއާލް އަށް ކާމިޔާބު ކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ފުރަތަމަ 11 ގައި 17 މެޗު ކުޅުނު މޮރާޓާ ވަނީ މިދިޔަ ސީޒަންގައި ރެއަލްގައި 20 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ކޮސްޓާގެ މައްސަލައިގައި ކޮންޓޭ ބުނީ އަންނަ ސީޒަންގައި ޗެލްސީގައި ޕްލޭންގައި އޭނާ ހިމެނެން ބޭނުން ނުވާކަމަށް، ކޮސްޓާ މިދިޔަ ޖަނަވަރީ މަހު (އަމިއްލަ އަށް) ހާމަ ކުރި ކަމަށާއި ޓީމުގައި ހިމެނެން ބޭނުން ނުވާ ކުޅުންތެރިޔަކު ހިމަނައިގެން އޭނާގެ ޕްލޭން ހަދަން ބޭނުން ނުވާކަމަށެވެ.

މިއީ، ކޮސްޓާގެ މައްސަލައިގައި ކޮންޓޭ މީޑިއާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަންގައި ޗެލްސީގައި 35 މެޗު ކުޅެ، ކޮސްޓާ ވަނީ 20 ލަނޑު ކާމިޔާބު ކޮށް ލީގް ޗެމްޕިއަންކަން ހޯދުމަށް ޗެލްސީއަށް އެހީތެރިވެ ދީފަ އެވެ. ޖަނަވަރީގެ ފިނި މޫސުމުގެ ޓްރާންސްފާ ގައި ޗައިނާގެ ކުލަބަކުން ލިބުނު ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ހުށަހެޅުމާއެކު، ކޮސްޓާ ވަނީ ޗެލްސީ ދޫކޮށް ދާން މަސައްކަތް ކޮށްފަ އެވެ. އެކަމުގެ ސަބަބުން ކޮންޓޭ އާއި ކޮސްޓާ އާ ދެމެދު އޮންނަ ގުޅުން ހީނަރު ވެގެން ދިޔަ އެވެ.

ކޮސްޓާ28 އަދިވެސް ހުރީ ޗެލްސީގެ އެއްބަސްވުމުގަ އެވެ. ނަމަވެސް އޭޝިއާގައި ޕްރީ ސީޒަންގެ ޓްއަގައި ކޮސްޓާ ޗެލްސީގެ ސްކޮޑާއެކު ގޮސްފައެއް ނުވެއެވެ. ޗެލްސީން އޮތީ އޭނާ އަށް ހުށަހެޅުމެއް ލިބޭއިރަށް ދޫކޮށްލަން ތައްޔާރަށެވެ.

"ޖަނަވަރީ މަހު ކޮސްޓާގެ ހާލަތު ކުލަބަށް ވަނީ ވަރަށް ސާފު ވެފަ، އަދި އޭނާ އާ އޭނަގެ އެޖެންޓަށްވެސް ވާނީ އެކަން ސާފު ވެފަ،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ. "އަހަރެން ޝައުގުވެރި ނުވޭ މިތާންގައި ހުންނަށް ބޭނުން ނުވަ ކުޅުންތެރިޔަކާ ބެހޭގޮތުން ވަހަކަ ދައްކާކަށް، އަހަންނަށް މިހާރު ހާލަތު ވަނީ ބަންދުވެފަ."

މޮރާޓާ24 އާ ބެހޭގޮތުން ކޮންޓޭ ބުނީ، ޗެލްސީން ގެންނަނީ ޒުވާން އެހެން ނަމަވެސް ތަޖުރިބާ ކާރު ކުޅުންތެރިޔެއް ކަމަށެވެ. "އަހަރެމެން ވަނީ މޮޅު ސްޓައިކަރެއް ޓީމުގައި ހިމަނާފަ، އެހާ ޒުވާން އުމުރުގައި ވެސް އޭނާ ވަނީ ގިނަ ކާމިޔާބު ތަކެއް ހޯދާފަ، އަހަރެމެން މިތައްޔަރު ވަނީ އޭނަ އަށް މަރުހަބާ ކިޔުމަށް،" ކޮންޓޭ ބުންޏެވެ. "އޭނާ ވަނީ ރެއާލް މެޑްރިޑަށް އަދި ޔުވެންޓަސް އަށް ކުޅެފަ އަދި (ޑޮމެސްޓިކް) ލީގާއި ޗެމްޕިއަންސް ލީގްގައި އޭނާ ގިނަ ތަޖުރިބާ ތަކެއް އެބަހުރި."

ޕްރީ ސީޒަން ޓްއާގައި، މިއަދު ޗައިނާގެ ބެއިޖިންގައި، އާސެނަލްއާ ދެކޮޅަށް މެޗެއް ކުޅުމަށްފަހު ޗެލްސީ ދެން ދަތުރު ކުރާނީ ސިންގަޕޫރަށެވެ. އެއީ ފެށޭ ހަފުތައިގައި ބަޔާން މިޔުނިކާއި އިންޓަމިލާންއާ ދެކޮޅަށް ކުޅުމަށެވެ.