ބޭރު ކުޅިވަރު

މެންޑީ ސިޓީ އަށް، ކޮލަރޯވް ރޯމާ އަށް

Jul 23, 2017

މޮނާކޯ އަށް ކުޅެމުންދިޔ ލެފްޓް ބެކް ބެންޖަމިން މެންޑީ މެންޗެސްޓާ ސިޓީ އަށް ވިއްކާލަން މޮނާކޯ އިން އެއްބަސްވިއިރު، ސިޓީ އަށް ކުޅެމުންދިޔަ ލެފްޓް ބެކް އެލެކްޒަންޑާ ކޮލަރޯވް ރޯމާ އަށް ބަދަލުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މެންޑީ، 23، ސިޓީ އަށް ވިއްކާލަން މޮނާކޯ އިން އެއްބަސްވީ 52 މިލިއަން ޕައުންޑްގެ ޓްރާންްސްފާ ފީއަކަށެވެ. އެކަމަކު ސިޓީން ރަސްމީކޮށް މެންޑީގެ ޓްރާންސްފާއާ ގުޅޭ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ.

މިދިޔަ އަހަރު އޮލިމްޕިކް މާސޭ އިން މޮނާކޯ އަށް ބަދަލުވި މެންޑީ އެ ޓީމަށް 34 މެޗު ކުޅެފަ އެވެ. މިދިޔަ ސީޒަންގައި މޮނާކޯ އިން ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މެންޑީ އަކީ އެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.

ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ބްރެޒިލްގެ ރައިޓް ބެކް ޑެނީލޯ ވެސް ސިޓީއާ ގުޅޭނެ ކަމަށް ބެލެވެ އެވެ.

ސާބިއާގެ ޑިފެންޑަރު ކޮލަރޯވް ،31، އިޓަލީގެ ރޯމާ އަށް ބަދަލުވީ 4.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. އިޓަލީގެ ލާޒިއޯ އިން 2010 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ކޮލަރޯވް ވަނީ އެ ޓީމަށް 247 މެޗު ކުޅެ، އިނގިރޭސި ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕް އެ ޓީމާއެކު ކާމިޔާބުކޮށްފަ އެވެ.

"އަހަރެން 2010 ވަނަ އަހަރު ސިޓީ އަށް ބަދަލުވިއިރު، އެއްގޮތަކަށް ވެސް ހިއެއް ނުކުރަން މިހާ ގިނަ ދުވަހު އެ ކްލަބަށް ކުޅެވޭނެ ކަމަށް،" ކޮލަރޯވް ބުންޏެވެ. "ވަރަށް ދެރަވޭ ސިޓީ ދޫކޮށްލަންޖެހޭތީ. މި ކްލަބުގައި ކުޅެން ފުރުސަތު ލިބުމަކީ ޝަރަފެއް."