ގަތަރާއި އެހެން ހަތަރު އަރަބި ގައުމަކާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލު ކުރަން މަޝްވަރާ ކުރުމުގެ ކުރިން ގަތަރުގެ ސިޔާސަތު ތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އިން ބުނެފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓަރު އަންވަރު ގަރުގާޝް އިއްޔެ ވިދާޅުވީ މަޝްވަރާތަކަށްދާން ގަތަރު އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައް ސާނީ ގޮވައިލެއްވި ގޮވައިލެއްވުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ނަމަވެސް އެކަން ވާނީ ގަތަރުން އެގައުމުގެ ސިޔާސަތުތައް ބަދަލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" މަޝްވަރާ ކުރުމަކީ ބޭނުންވާ ކަމެއް، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެކަމަކު މަޝްވަަރާގެ މައިބަދައަކަށް ވާން ވާނީ މުރާޖައާ ކުރުން،" ސޯޝަލް މީޑިއާ ޓްވިޓާގައި ގަރުގާޝް އިއްޔެގައި ވިދާޅުވިއެވެ.
ގަތަރު އަމީރު ހުކުރު ދުވަހު ދެއްވި ހިތޯބާ މެދު ގަރުގާޝް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ޚިތޯބުގައި ސިޔާސަތުތައް މުރާޖައާ ކުރާ ވާހަކަ ވިދާޅުވާނެ ކަމަށް ހީކުރެއްވުނު ކަމަށެވެ.
ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއަށް ފަހު އެގައުމުތަކުން އެދޭ 13 ކަމެއް ކުރަން ގަތަރަށް ޑިމާންޑް ކުރިއެވެ. . އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދުކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ. އެއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަތަރުން ބުނެފައި ވަނިކޮށް ގުޅުން ކަނޑައިލި ގައުމުތަކުން މިހާރު ވަނީ ޑިމާންޑްތައް ދޫކޮށްލާފައެވެ.
ގަތަރު ގަބަޑު ނިމުމަކަށް ގެނެވޭތޯ މަޝްވަރާ ކުރެއްވުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެކަަމަށް ތުރުކީން ވަނީ ބުނެފައެވެ. ސައުދީއަށް ފަހު އުރުދުޣާން ވަަޑައިގަންނަވާނީ ކުވައިތަށެވެ.
ގަތަރާ ގުޅުން ކަނޑަައިލި ގައުމުތަކުގެ ތެރެއިން އިސްވެ އޮންނަނީ ސައުދީއެވެ. ތުރުކީއަކީ ގަތަރުގައި ވިޔަފާރީގެ މަސްލަހަަތު ވަރަށް ބޮޑަށް އޮންނަ ގައުމެކެވެ.