އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދާ އެއް ފިލްމަކީ "ހައްދު" އެވެ. ފިލްމުގެ ފުރަތަމަ ފެނިލުން ދޫކޮށްލުމާއެކު ފިލްމު ބަލަން ކެތްތެރިކަން ކުޑަވެގެން އުޅުނު މީހުން ހައްތަހާ އިތުރުވީ އެވެ. އޭގެ އަސަރުގަނޑުގައި ޖެހުނީ އެވެ. އޭގެ ފަހުން އަނެއްކާ އިއްޔެ މިވަނީ ފުރަތަމަ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
ފުރަތަމަ ފެނިލުމާ ހިލާފަށް ފުރަތަމަ ޓްރެއިލާ ދޫކޮށްލިއިރު ފިލްމުގައި އިތުރު ރަހައެއް ފެނިގެންދާކަން އެނގިއްޖެ އެވެ. މި ފިލްމުގައި އަނިޔާގެ މަންޒަރުތަކެއްވެސް ފެނިގެންދެ އެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ މަރިޔަމް އައްޒަ އަދި އައިމިނަތު ރިޝްފާ އާ އެކު ފެނިގެންދާ އަހްމަދު ޝިބާން އަށް އަނިޔާ ކުރާ މަންޒަރުތަކެކެވެ. އެއަށްފަހު އެހެން މަންޒަރެއްގައި އައްޒަ ރޯން އިންދާވެސް ފެނެ އެވެ. އެހެންވީމަ މި ފިލްމު ބަލައިގެން ރޯންވެސް ޖެހިދާނެ އެވެ. ފިލްމަށް ދާން ވާނީ އެވަރަށް ތައްޔާރުވެގެންނެވެ.
ޕްރޮޑިއުސަރު / ޑައިރެކްޓަރު އަބްދުލް ފައްތާހުގެ "ހައްދު" އަކީ ވަކި ހައްދެއް ނުވަތަ ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދެ ފިލްމެކެވެ.
ހައްދުގައި ލޯބީގެ ހޫނުން މީހާ ފިއްސާލާ ކަހަލަ މަންޒަރުތަކެއް ފެނިގެންދާނެ އެވެ. ރޮމޭންޓިކް މަންޒަރުތަކެއްވެސް ފެނިގެންދާނެ އެވެ. ނުޒުހަތު ޝުއައިބް (ނުޒޫ)ގެ ނެށުމުގެ ހުނަރުވެސް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
މިހާތަނަށް "ހައްދުގެ" މަންޒަރުތައް ފެންނަ ގިނަ ފޮޓޯތަކެއް ވަނީ ޕްރޮޑަކްޝަން ޓީމުން ދޫކޮށްލާފަ އެވެ. ފިލްމާ ދޭތެރޭ އުފެދިފައިވާ ޝައުގުވެރިކަން އިތުރުވާ ކަހަލަ ރީތި ފޮޓޯތަކެކެވެ.
ހައްދުގެ ލީޑް ރޯލުން އިން ފެނިގެންދާނީ މަރިޔަމް އައްޒަ އަދި އަހްމަދު ޝިބާން އަދި އައިމިނަތު ރިޝްފާ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން މުޅިން އާ ތަރިއެއް ވެސް ފެނިގެންދާނެ އެވެ.
މި ފިލްމުގައި ހިމެނޭ ލަވަތަކުގެ ލިރިކްސް ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. އަމިއްލަ ރާގުގެ ރީތި ލަވަތަކެއް އިވިގެން ދާނެ އެވެ. ޕްރޮމޯޝަނަލް ލަވަ ފިޔަވައި ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އަހްމަދު ޔާފިއު އެވެ. ފިލްމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފައްތާހު ލަފާކުރެ އެވެ.
ފައްތާހުގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ.