ރަޝިޔާއަށް ލުއި ދެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ކުރައްވާ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް، ރަޝިޔާއާއި އުތުރުކޮރެއާ އަދި އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގާނޫނެއް ފާސްކުރަން އެމެރިކާ ކޮންގްރެސްގައި މައި ދެޕާޓީ ތަމްސީލުކުރައްވާ މެމްބަރުން އެއްބަސްވެވަޑައިގެންފިއެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާ ހަވާލާދީ ރޮއިޓާސް ބުނީ ރަޝިޔާއާއި އީރާން އަދި އުތުރުކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅޭ ގޮތަށް ބިލެއް ފާސްކުރަން ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން ' ދަ ކައުންޓަރިން އީރާންސް ޑިސްޓެބްލައިޒިން އެކްޓިވިޓީސް އެކްޓް' ގެ ނަމުގައި މަހެއްހާ ދުވަސް ކުރިން ކޮންގްރެސްގެ މަތިގެ ' ސެނެޓް' އިން ފާސްކުރި ބިލު ތިރިގެ ' ހައުސް އޮފް ރެޕްރެޒެންޓެޓިވްސް' އިން ވަނީ ހިފަހައްޓާފައެވެ. އެބިލު މަޑު ޖައްސައިލީ އުތުރުކޮރެއާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ހިމަނަން ރިޕަބްލިކަނުން ހުށަހެޅުމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނޭ ބިލްތަކެއްގެ ޕެކޭޖަކަށް އަންގާރަދުވަހު ވޯޓަށް އަހާނެ ކަމަށް ހައުސްގެ މެޖޯރިޓީ ލީޑަރު ކެވިން މެކާތީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
އެމެރިކާ ކޮންގްރެސްގެ ދެ ގޭގައި ވެސް އަޣުލަބިއްޔަތު އޮންނަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށެވެ. ނަމަވެސް އެގައުމުގެ ރައީސް ޓްރަމްޕް ބޭނުންވެވަޑައިގަންނަވާ ގޮތާ ހިލާފަށް ކޮންގްރެސްގައި ގިނަ ކަންތައްތަކެއް ވަނީ ފަހަކަށް އައިސް ހިނގާފައި ވެއެވެ.