ވާހަކަ

މުޅިޖާންހިތާ

(20 ޖުލައި 2017 އާ ގުޅޭ)
ފިހާރައިން ނުކުމެ މަޑު ހިނގުމުގައި ލޫކަން ހިނގަމުން އައިސް އަތިރި މަގަށް ނުކުތެވެ. ރެސްޓޯރެންޓުތަކާއި ގެސްޓު ހައުސްތައް ގިނަ އެ ސަރައްޚައްދުން ލޫކަންއަށް ކަމުދާ ތަނެއް ޚިޔާރުކުރި އެވެ. އަތިރިމަތީގައި ޖަހާފައި ހުރި މޭޒުތަކުން މޭޒެއްގައި އައިރާ ގޮވައިގެން އައިސް ލޫކަން އިށީނެވެ.

ރެސްޓޯރެންޓުގެ ބިދޭސީ ވެއިޓަރަކު އައިސް މަޑުކޮށްލުމާއެކު އޭނާގެ އަތުގައި އޮތް މެނޫ މޭޒު މަތީ ބާއްވާލި އެވެ. އަވަސް ގޮތަކަށް މެނޫ ބަލާލުމަށްފަހު ލޫކަން އޯޑަރު ދިނެވެ. އައިރާ ގާތު އަހާލުމެއްނެތި އޭނާއަށް ގެންނަންވީ އެއްޗެއް ވެސް ލޫކަން ބުންޏެވެ. އޯޑަރު ނޯޓުކުރި ވެއިޓަރު އެ މޭޒާ ދުރަށް ހިނގައިގަތެވެ. އެއާއެކު މޭޒު މަތީ ބެހެއްޓި ކޮތަޅުގެ ތެރޭގައި އޮތް ލޫކަން ގަތް ފޯނު އޭނާ ނެގިއެވެ. އަދި މޭޒުމަތީ ފޯނުގެ ކަވަރު ނައްޓާލައިގެން އިނދެ އޭނާގެ ޖީބުން ނެގި ކަރުދާސްކޮޅެއްގައި ބަންދުކޮށްފައި އޮތް ސިމްކާޑު އެ ފޯނަށް ލައްވާލި އެވެ. ފޯނު ހުޅުވުމާއެކު އޭގެ ސެޓިން ހެދުމުގައި ލޫކަން އިނެވެ. އައިރާއާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ލޫކަން ކުރަމުންދާ ކަންތައްތައް އައިރާ އިނީ ބަލާށެވެ. އެހެން އިނދެ ދޭތެރެއަކުން ލޫކަންގެ މޫނަށް އޭނާގެ ނަޒަރު ހުއްޓެއެވެ.

"ލޫކަންގެ ފޯނު ހަލާކުވީބާ؟ އެކަހަލަ ވާހަކައެއް ނުބުނޭ... ލޫކް! ކީއްވެ އަހަރެން ތި ޚިޔާރުކުރަނީ؟ އަހަންނަކީ ހުވަފަތްވެފައި އިން އަންހެނެއް، އަނެއްކޮޅުން ދަރިއަކު ލިބެން މިހާރު މިއުޅެނީ. އަހަންނާއި އަހަރެންގެ ދަރިފުޅުގެ ޒިންމާ އުފުލަން ލޫކަންއަށް މަޖުބޫރެއް ނުވާނެ. މި ބޮޑު ދުނިޔޭން ވެސް ލޫކަންއަށް އަހަރެންނޫން އަންހެނެއް ނުފެނުނީތަ؟ ލޫކްގެ ބައްޕައަށް ތި ހިތުގައިވާ އެއްޗެއް އެނގިއްޖެއްޔާ ދެން ވާނީ ކިހިނެއް؟" ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިން އައިރާ އިސް އުފުލާ ބަލާލީ ލޫކަން ގޮވާލިހެން ހީވެއެވެ.

"މީ އެންމެ ފަސޭހައިން އަހަންނަށް އައިރާއާ ބައްދަލުވާނޭ ގޮތް. ގޭގައި އަހަރެން ނެތަސް އައިރާއަށް ބަރާބަރަށް އަހަރެން ގުޅާނަން. މި ފޯނު އަތުލަން ކެރޭވަރުގެ މީހަކު ނޫޅޭނެ. އަދި ބުނަން... ރުބީނާ ކޮންމެ އެއްޗެއް ކިޔަސް އަޅާލާނެ ކަމެއް ނެތް. އޭނާއަކީ ކޮންކަހަލަ އަންހެނެއްކަން އަހަންނަށް ނޭނގެނީއެއް ނޫން. ރުބީނާއެއް ނޫން އަހަންނަށް އައިރާ ދެއްކީ. އޭނާއަށް އައިރާ މިގެއަށް ގެންނާން އެނގުނީ ވެސް އަހަންނާއި އައިރާ ބައްދަލުވާން ހުރީމަ. އަހަރުމެންނަށްވުރެ ބާރުވެރި ފަރާތެއްވޭ. އެ ފަރާތުން އަހަންނަށް އައިރާ ދެއްކީ. އަހަރެންގެ އަތްމަތީގައި އޮތް ކަމެއްވިއްޔާ އަހަރެން އައިރާއަށް ޓަކައި އެކަމެއް ކޮށްދޭނަން. އަބަދުވެސް އައިރާއާއެކު އަހަރެން ހުންނާނަން. އެހެންވީމަ ދެން ނުވާނެ ރޮއެ ހިތާމަ ކޮށްގެން. މިއަދު އައިރާގެ ފިރިމީހާ ނެތްކަމުގައި ވިޔަސް މިދުނިޔޭގައި އައިރާ އެކަންޏެއް ނުވާނެ. ނޭވާ ހިނގާހާ ހިނދަކު އެއްވެސް އިންސާނަކަށް ގޮތެއް ހުހެއްނުވާނެ... ދެން ތިހެން ނީނދެ މި ފޯނުގައި ހިފާބަލަ"

"ލޫކަން ތިކޮށްދޭ ކަންތައްތަކަށް އަހަރެން އަގު އަދާ ކުރާނީ ކިހިނެއް؟"

"އަހަރެން ބުނިންތަ އަގު އަދާކުރާން ޖެހޭނެއޭ. މީހުން އެކަކު އަނެކަކަށް ހެޔޮކަންތައް ކޮށްދެނީ ބަދަލުގައި އެއްޗެހިތަކެއް ހޯދަންތަ؟ އައިރާ ހިތްހަމަޖެހިގެން ހުރިއްޔާ އަހަންނަށް ފުދޭނެ" ލޫކަން މިހެން ބުނުމުން އައިރާ އެއްޗެއް ބުނާން އަނގަ ހުޅުވާލި އެވެ. ނަމަވެސް ވެއިޓަރު އެނބުރި އައީ އެވަގުތު އެވެ. އެހެންވެ ދެ މީހުން ވެސް ހިމޭންކަން ޚިޔާރުކުރި އެވެ. ލޫކަން ދިއްކޮށްގެން އިން ފޯނުގައި އައިރާ ހިފީ ވެސް އެވަގުތު އެވެ.

ބޭރުގައި އުޅެފައި ލޫކަންއާއި އައިރާ ގެއަށް އައީ މަޣުރިބު ނަމާދަށް ގޮވަނިކޮށެވެ. އެމީހުން އައިސް ވަންއިރު ބޮޑު ކޮޓަރީގައި ރުބީނާ އިނެވެ. ސޯފާގައި އިނދެފައި ރުބީނާއަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގަ އެވެ. ލޫކަންއާއި އައިރާ ބޭރުން އައިސް ވަނުމުންނެވެ. ފެންނަ ފެނުމަށް އައިރާ ވެސް ހުރީ ވަރަށް ހަމަޖެހިފަ އެވެ. އެ ހަމަޖެހުން ގެއްލުވާލަން ވަގުތުން ރުބީނާގެ ހިތް ތެޅިގަތެވެ. ނަމަވެސް މޫނަށް ގޮތެއް ހަދާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. ލޫކަން ލޯ އަޅާލި ގޮތުން ރުބީނާ ފަސްޖެހުނީ އެވެ. އައިރާ ހަލުވި ކަމާއެކު ބަދިގެ ފަރާތަށް ދިއުމަށް އަވަސްވެލި އެވެ.

* * *

އަވަސް އަރުވާލާފައި ހަމަޖައްސާން އުޅުނު ލޫކަންގެ ކައިވެނީގެ ވާހަކަ އޮއްބާލަން ރުބީނާއަށް މަޖުބޫރުވީ އެވެ. އައިރާއާ ކުރިމަތިލާނޭ ފުރުޞަތެއް ވެސް ރުބީނާއަށް ލޫކަން ނުދެއެވެ. މަޑުމަޑުން އައިރާއާއި ލޫކަންގެ ދެމެދުގައި ފޯނުން ވާހަކަ ދެކެވޭ ވަގުތައް ގިނަވަމުން ދިޔަ އެވެ. ފޯނެއް ލިބުމުން އައިރާ އުފާވިޔަސް އޭނާއަށް އެންމެ ފުރިހަމަ އުފާވެރިކަމެއް ނުލިބުނެވެ. އޭނާގެ އަތަށް ފޯނެއް އެރުމުން ފުރަތަމަ ވެސް ބޭނުންވީ ލިޒީއަށް ގުޅާށެވެ. އެހެންނަމަވެސް ލިޒީގެ ނަންބަރަކީ މިހާރު ބޭނުންކުރާ ނަންބަރެއް ނޫނެވެ. ލިޒީގެ ނަންބަރު ހޯދާނޭ ގޮތެއް އޭނާއަކަށް ދެން ނޭނގެ އެވެ. ލިޒީގެ ނަންބަރާއި ނިޔާނުގެ ފޯނު ނަންބަރު ފިޔަވައި އައިރާއަށް ހިތުން އެނގޭ ނަންބަރެއް ދެން ނެތެވެ. ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު އައިރާގެ ބަނޑަށް ނުވަމަސް ފުރިއްޖެ އެވެ. އައިރާގެ ޑަކްޓަރަކީ މިހާރު ލޫކަން އެވެ. ޑަކްޓަރަށް ދައްކަން ވެއްޖެނަމަ ލާންޗުގައި އައިރާ ދަނީ މާލެއެވެ. ލޫކަން ނޫނީ ޒޭން އަބަދު ވެސް އައިރާގެ އިސްތިޤުބާލުގައި ހުރެއެވެ.

ގޭތެރެ ތައްޔާރު ކުރަމުން އައީ ލޫކަންގެ އުފަން ދުވަސް އަންނާތީ އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. ލޫކަންއާއެކު މަސައްކަތްކުރާ ގާތް ރަޙުމަތްތެރިނަށް ދަޢުވަތުދޭން ޤައިސް ރާވަމުންދިޔަ އެވެ. އޭނާ ކިތަންމެ ސިއްރުން އެކަން ކުރަމުން ދިޔަ ނަމަވެސް ލޫކަންއަށް އޮތީ އޭނާގެ ބައްޕަގެ ރޭވުމުގެ ޚަބަރު ލިބިފައެވެ. ނަމަވެސް ބައްޕަގެ އުފަލަށް ޓަކައި ނޭނގޭ ކަމަށް ހެދިގެން ހުރީއެވެ.

އޮކްޓޯބަރު މަހުގެ ވިހިވަނަ ދުވަހެވެ. ލޫކަންގެ އުމުރުން ތިރީސް އަހަރު ފުރުނު ދުވަހެވެ. ރޭގަނޑު އަށެއް ޖެހިއިރު ގޭގެ ހާމަފެންޑާގައި ގިނަ ބަޔަކު ޖަމާވެފައި ވެއެވެ. ގިނައީ ޒޭން ތައްޔާރުކޮށްފައި ދިން ލިސްޓުގައި ހިމެނޭ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. ލޫކަން ވާހަކަދައްކާ އުޅޭ ސްޓާފުންނެވެ. ޤައިސްގެ ގާތް ދެތިން މީހަކު ވެސް އެތަނުގައި ތިއްބެވެ. އުފަންދުވަހުގެ ހަފުލާ ނިންމާލީ ދިހައެއް ޖެހިފަހުންނެވެ.

"ހަދިޔާ ގެނެވޭވަރަށްވުރެ ބޮޑު. އެހެންވެ ނުގެނެވުނީ... ވަރަށް އަވަހަށް އަންނާނަން އެ ހަދިޔާ ލޫކްއާ ހަވާލުކުރާން" އެންމެ ފަހު މީހަކަށް ލޫކަންއާ ސަލާމް ކުރަމުން ޒޭން ބުންޏެވެ.

"އެކަކު ނުދިނަސް ޒޭން އަހަންނަށް ދޭންޖެހޭނެ ހަދިޔާއެއް" ހިނިއައިސްފައި ހުރެ ލޫކަން ބުނެލިއެވެ.

"ކޮބާތަ އައިރާ. އަހަންނަށް އާދެވުނު ފަހަރު އޭނާއާ ބައްދަލުކޮށްލާފައި ދާން ބޭނުން" ޒޭން އެދުނެވެ.

"މަޑުކޮށްލާ. ޑޭޑް ގާތުގައި ބުނެލާފައި އެބައަންނަން. އެހެންނޫނީ ކުއްލިއަކަށް ގެއްލިއްޖެއްޔާ ސުވާލު ގިނަވާނެ" ޒޭންގެ ކޮނޑުގައި ޖަހާލާފައި ލޫކަން ހިނގައިގަތީ ހާމަ ފެންޑާގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިން ޤައިސްގެ ގާތަށެވެ. އަދި ގިނަ އިރެއްނުވެ އެނބުރި ޒޭންގެ ގާތަށް އޭނާ އައެވެ.

"ޒޭން ފޮނުވާލާފައި އެބައަންނަމޭ ކިޔާފައި މި އައީ... ދެން އޯކޭ ވާނެ. ހިނގާ ދަމާ" ލޫކަންއާއި ޒޭން އެކުގައި ސިޑިން ފައިބައިގެން އައިސް ނުކުތީ ޚާދިމުން އުޅޭ ބަޔަށެވެ.

"އައިރާއަށް އެނގޭތަ ލޫކްގެ އުފަން ދުވަސްކަން" ޚާދިމުން އުޅޭ އިމާރާތައް ވަންނަން އައި ޒޭން އަހާލި އެވެ.

"އަހަންނެއް ނުބުނަން... ދެން ނޭނގެ އެހެން މީހެއްގެ ފަރާތުން ނޭނގޭ ކަމެއް" ލޫކަން މަޑުމަޑުން ބުނެލި އެވެ.

އައިރާގެ ކޮޓަރީގައި ޓަކި ޖަހާލުމާއެކު ލޫކަން ގޮވާލި އެވެ. ގިނަ އިރެއްނުވެ އައިރާ އައިސް ދޮރުހުޅުވާލި އެވެ. އަޅައިގެން ހުރި ކަޅުކުލައިގެ ވަށްބުރުގާއާ ލައިގެން ހުރި ގަޔަށް ދޫ ޓީޝާޓާ އެއްވެސް ގުޅުމެއްނެތެވެ. ހީވަނީ ލޫކަން އައިސް ދޮރުގައި ޖަހާލުމުން އަވަހަށް ފަސޭހައިން ބޮލަށް ކޮށްޕާލެވުނު ބުރުގާއާއެކު ދޮރުހުޅުވާލީ ހެނެވެ.

"ކަސްރަތު ކުރަނީތަ؟ ހާދަ ދަލެއް ހިއްލާލާފައި" އައިރާ ފެނުމާއެކު ޒޭން ބުންޏެވެ. އޭރު ނިތްކުރިއާއި މޫނު ޓިޝޫއަކުން އައިރާ ފުހެނީ އެވެ.

"ޒޭން... މިތާ..." ހައިރާންވެފައި އައިރާއަށް ބަލާލެވުނީ ލޫކަންއަށެވެ. ހީނލަމުން ލޫކަންގެ ކޮނޑަށް ޒޭން އަތްވައްޓާލާ ވާހަކަ ދައްކަން ފެށިއެވެ.

"މިރޭ މީ ބޮޑު ރެއެއްނު. ލޫކް ނުބުނޭތަ؟" ޒޭން އަހާލި އެވެ.

"ވާހަކަ ދައްކާލަން ބޭރަށް ނުކުމެލެވޭނެތަ؟" ލޫކަން އަހާލި އެވެ. އެއާއެކު އައިރާ ބޯޖަހާލާފައި ކޮޓަރިން ނުކުތެވެ. ތިން މީހުން ދޮރޯށި ކުރިމަތީގައި ކަހަލަ ގޮތަކަށް މަޑުކޮށްލައިގެން ތިއްބެވެ.

"ޔާނާ ނާދޭތަ؟" ހިނިތުންވެލަމުން އައިރާ އަހާލި އެވެ.

"އަހަރުމެން އެންމެން ބައްދަލުވާންވެފައޭ އޮތީ. އެކަމަކު ދެން ބައްދަލުވާނީ އައިރާ ވިހޭމަ ދޯ... އައިރާއަށް ވަރަށް ސަލާމް ބުނި ޔާނާ. މިގެއަށް ދެވުނިއްޔާ އައިރާގެ ހާލު ބަލާފައި ނޫނީ ގެއަށް ނާންނައްޗޭ ބުނެފައި އޮތީ... ހެ ހެ ހެ... ލޫކް! އައިރާ ވިހަން ތައްޔާރުވެފައި އިންއިރު މަށަށް ފެންނަނީ އޭނާ މާލޭގައި ބަހައްޓަން. އެމަޖެންސީވާ ވަގުތު މިކޮޅުން މާލެގެންދާން ފަސޭހައެއް ވެސް ނުވާނެ. ޔާނާ ވަރަށް އަދޭސްކުރޭ އައިރާ ވިހަންވާއިރަށް އަހަރުމެން ގެއަށް ގެނެސް ބަލާށޭ ކިޔާފައި. އޭރުން އައިރާއަށް ވެސް ފަސޭހަވާނެއޭ... އައިރާ! ލޫކަން ބުނީމަ ޤަބޫލު ނުވިޔަސް އަހަރެން ބުނީމަ ޤަބޫލުވެބަލަ. އޭރުން އައިރާއަށް ހަމަ ފަސޭހަވާނީ. އަނެއްކާ ތީ ފުރަތަމަ ކުއްޖާއެއްނު"

"ހޫން! ދެން އޭނާ ބިރުގަންނަވަން އުޅޭނެ ކަމެއްނެތް. ތިކަމާ ފަހުން ވާހަކަ ދައްކާނީ. މިހާރު ޑޭޑް އިންނާނެ ލަސްވެފައި. ބުނި ލަސްނުވެ އަންނައްޗޭ" ޒޭންގެ ވާހަކަ ލޫކަން މެދުކަނޑާލިއެވެ.

"ވަރަށް އުފާވެއްޖެ އައިރާއާ ދިމާވީމަ. ދެން ދަނީ އިނގޭ. ލޫކަންގެ ރޭ ވިއްޔާ މި ރޭ މީ... ނޯންނާނެއެއްނު އޭނާއާ ދެކޮޅުވެވޭކަށް" ޒޭން ހިނިތުންވެލުމުން އައިރާ ވެސް ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"ނުނިދައްޗޭ" ޒޭން ކުރިއަށް ހިނގައިގަތް ވަގުތު ކުއްލިއަކަށް އައިރާގެ އަތުގައި ހިފާލަމުން އޭނާގެ ކަންފަތް ދޮށުގައި ލޫކަން ނިކަން މަޑުމަޑުން ބުނެލިއެވެ. އަދި ޒޭންއާއެކު ދިއުމަށް ހިނގައިގަތެވެ. އެ ދެ ޒުވާނުން ދިޔަ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އައިރާ ހުއްޓެވެ.

ޒޭން ފޮނުވާލުމަށްފަހު ލޫކަން އެނބުރި ޤައިސްގެ ގާތަށް ހާމަފެންޑާއަށް އެރިއެވެ. އޭރު އެތަނުގައި ރުބީނާއާއި ޤައިސް ފިޔަވާ އެކަކު ވެސް ނެތެވެ. ރުބީނާ އިނީ މޫނަށް ފާޑެއްގެ ގޮތެއް ހަދައިގެންނެވެ. އެކަން ފާހަގަވި ކަމަށް ވެސް ހަދާނުލާ ލޫކަން އައިސް ބައްޕަގެ ގާތުގައި މަޑުކޮށްލިއެވެ.

"ތި އައީތަ؟... ލޫކް މިހާތަނަށް އެދުނު ހަދިޔާއެއްވިއްޔާ، އެއީ ބައްޕައަށް ދެވޭވަރު އެއްޗެއްނަމަ ހޯދައިދިނިން. މިފަހަރުގެ އުފަން ދުވަހަށް އެދުނު ހަދިޔާ މި އޮތީ" ޤައިސްގެ އަތުގައި އޮތް ސިޓީއުރަ ލޫކަންއަށް ދިއްކޮށްލި އެވެ. އޭނާ ސިޓީއުރައިގެ އެތެރޭގައި އޮތް އެއްޗެއް ބަލާލިއެވެ. ވަގުތުން މޫނުމަތިން އުފާވެރިކަން ފާޅުވެގެންދިޔައެވެ.

"ތޭންކްސް ޑޭޑް... ތެންކިޔު ސޯ މަޗް... ދިސް މީންސް އަ ލޮޓް... ތެންކިޔު" އެތައް ފަހަރަކު ލޫކަން ޝުކުރު އަދާކުރި އެވެ. އޭނާގެ އަތުގައި އޮތީ ލޫކަންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ބިމަކާ ބެހޭ ލިޔުމެވެ.

"ލޫކްއަށް ކީއްކުރާ ގެއެއް" ރުބީނާ އިނދެފައި ސުވާލު ކޮށްލި އެވެ.

"އެއީ އަހަރެންގެ އަމިއްލަ ކަމަކު" ލޫކަންގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވިކަން ޤައިސްއަށް ފާހަގަ ކުރެވުނެވެ.

"އަހަރެން ހިތަށް އަރާ އެއްޗެއް އެބައޮތް. ރޫބީގެ ފިރިހެން ދަރިފުޅު މަރުވުމުން އޭނާގެ އަންހެނުން ކޮބައިބާއޭ؟ ރޫބީ އޭނާގެ ހާލު ނުބަލަންތަ؟ އަޑުއެހިން އެ އަންހެންކުއްޖާ އިނީ ބަލިވެއޭ. އެހެންވެއްޖެއްޔާ ރޫބީ މާމައަކަށް ވަނީތާ" ދެ ލޯ ބޮޑުވެ ހުއްޓުން އަރާފައި ރުބީނާ އިނީ ބިރުގެންފައި އިންހެނެވެ. ލޫކަން ވާހަކަދެއްކީ އިނގިރޭސި ބަހުން ނަމަވެސް އޭނާގެ ރާގު ހުރި ގޮތް ޤައިސްއަށް ކަމަކު ނުދިޔައެވެ. ރުބީނާއަށް ލޫކަން އިޚުތިރާމު ކުޑަކުރީއޭ ޤައިސްއަށް ހީވިއެވެ.

"ލޫކް... ކިހިނެއްތަ ތި ވާހަކަދައްކަނީ" ހައިރާންވެ އިނދެ ޤައިސް ބުނެލި އެވެ. މީގެ ކުރީން ދުވަހަކު ވެސް ލޫކަންއަކީ މީހަކަށް އިޚުތިރާމު ކުޑަވާނޭ ފަދަ ގޮތަކަށް ވާހަކަދެއްކި ޒުވާނެއް ނޫންކަން ޤައިސްއަށް އެނގެއެވެ. އޭނާ އަޖައިބުވީ އެހެންވެއެވެ. ލޫކަން އެހެން ކަންތައް ކުރާން ޖެހުނު ސަބަބެއް ނޭނގޭތީ އެވެ. ހަމައެއާއެކު ލޫކަންގެ ވާހަކަތަކުން ރުބީނާއަށް ވީގޮތް ވެސް ޤައިސްގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް ހަޤީޤަތް ނޭނގޭތީ ހީކުރެވުނީ ލޫކަން އަދަބު ކުޑަކޮށްލުމުން ނުރުހުންވީ ކަމަށެވެ.

"ޤައިސް. ކޮޓަރިއަށް ދަމާ" ގަދަކަމުން ހިނިތުންވެލާން ރުބީނާ މަސައްކަތް ކުރަމުން ބުންޏެވެ.

"ލޫކްއާ ވާހަކަ ދައްކާލަން އިނދެފައި ދާނީ. ރޫބީ ވަރުބަލިއްޔާ ދޭ ކޮޓަރިއަށް. އިރުކޮޅަކުން މަރިޔަންދީ އަންނާނެ މިތަން ސާފުކުރާން" ޤައިސް ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކު އެވެ.

"ނޫން! އެހާ ވަރުބައްޔެއް ނޫން... އަޅުގަނޑު ވެސް މިތާ މަޑުކޮށްލާނީ" ރުބީނާއަށް އިނީ ނުބައި ގޮތެއް ވެފައެވެ. އޭނާ ނެތްތަނުގައި އޭނާއޭ ކިޔައިގެން ޤައިސްގެ ގާތުގައި ލޫކަން ވާހަކައެއް ދައްކަފާނޭހެން ރުބީނާއަށް ހީވީއެވެ. އެ ދެބަފައިން އެކަނި ކޮށްފައިދާން ބޭނުންނުވީ އެހެންވެއެވެ.

"ބައްޕަ ވަރަށް ގިނަ މީހުން ގާތުގައި ބުނެގެން ލިބުނު ގެއެއްތީ. މިގެއަށްވުރެ ދެތިން އަކަފޫޓޫ ކުޑަ. އެކަމަކު ފެންނަ ފެނުމަށް ވަރަށް ތަނަވަސް. އެންމެ ހިތްހަމަޖެހުނީ ހަދާ ނިމިފައި ހުރި ތަނެއްވީމަ. އަލުން ހަދާނަމަ އެވެސް ބޮޑު ޚަރަދެއްނު. އަނެއްކާ ދުވަސް ނަގާނެ ހަދަން... ދެން ބުނެބަލަ... އެއީ ކީއްކުރަން ހޯދި ގެއެއްތަ؟ ބައްޕަގެ ހިތެއް ނުބުނޭ ލޫކް ދިރިއުޅޭން ހޯދި ތަނެކޭ އެއީ"

"ދެން ނުވާނެ ގިނަ ދުވަހެއް. ހަމަ ކުޑަކުޑަ ދުވަސްކޮޅެއް... ޑޭޑް... ކެތްތެރިވޭ... ވަރަށް އަވަހަށް ހުރިހާ ހަޤީޤަތެއް އެނގޭނެ. ދޮގު ހަދާ ދުނިޔެއަށް އޮޅުވާލާ ބަޔަކު ވެސް އުޅޭކަން އޭރުން އެނގޭނެ. އެކަހަލަ މީހުން އުޅެނީ ފަރުދާގެ ނިވަލުގައި އެ މީހުންގެ އަސްލު ކުލަ ފޮރުވައިގެން. އެކަމަކު ފަރުދާ ކެހެން ދެން ނެތް ގިނަ ދުވަހެއް. އަމިއްލަ ސަލާމަތް ހޯދަން ބޭނުންނަމަ މިހާރު ސަލާމަތްވާންވީ... ފުރުޞަތު އެބައޮތް" މަލާމާތުގެ ޒާތަކަށް ހީނލާފައި ލޫކަން ބަލާލީ ރުބީނާއަށެވެ.

"ކީކޭ ލޫކް ތިކިޔަނީ؟ ބޯ ހަމަނުޖެހޭ ވާހަކަ ދައްކާހެން ހީވަނީ"

"ޑޭޑް... މިހާރު ސެންސް މޭކް ނުކުރެވުނަސް އެއީ މައްސަލައެއް ނޫން. ހުރިހާ ކަމެއް އެނގި ސާފުވީމަ ސެންސް ވެސް މޭކްވާނެ"

"ދަރިފުޅު ނުބައިކަމެއް ނުކުރައްޗޭ. މާލެ އާދެވުނީމާ ލޫކް ބަދަލުވާހެން ވެސް ބައްޕައަށް އެބަ ހީވޭ... ދެން ނޭނގެ! ރޫބީ! ހިނގާ ދަމާ. ލޫކް ވެސް ދެން ތިހެން ނީނދެ ދޭ ކޮޓަރިއަށް އަރާމު ކޮށްލަން" ލޫކަން ދައްކާ ވާހަކަ ފަހުމު ނުވިޔަސް ޤައިސް އެކަން މާބޮޑު ކަމަކަށް ނުހެދިއެވެ. ނަމަވެސް ރުބީނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ތިރީ ތުންފަތުގައި ދަތްއަޅާލެވުނު ގޮތަށް ބާރުކޮށްލި ކޮށްލީނުން ދަތްވަދެ ލޭ ފާޅުނުވާކަމެއް ވެސް ނޭނގެއެވެ. ހިމޭންކަމާއެކު ޤައިސްއާއި ރުބީނާ ހާމަ ފެންޑާއިން ފައިބައިގެން ދިއުމުން ލޫކަން ފުންނޭވާއެއް ލިއެވެ. އަދި އަތުގައި އޮތް ލިޔުމަށް އަދިވެސް އެއްފަހަރު ބަލާލިއެވެ. މޮޔައަކުހެން އޭނާ ފެށީ ހޭށެވެ. ހީނހީނފައި މަޑުމަޑުން ހުނުންގަނޑު ހިނދިގެން ދިޔައެވެ.

* * *

ދޮރުގައި ޓަކި ޖަހާލުމާއެކު އެއީ ލޫކަންކަން އައިރާއަށް އެނގުނެވެ. އަވަހަށް އައިސް ދޮރުހުޅުވާލި އިރު އޭނާ ހުރީ ވަރަށް އުފާވެފައިކަން މޫނުމަތިން ވެސް ފާޅުވޭވޭ ހުއްޓެވެ. އެ އުފާވެރި ހިނިތުންވުން ފެނި އައިރާއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އައިރާއަށް އެއްޗެއް އަހާނުލެވެނީސް އޭނާގެ އަތުގައި ހިފައިގެން ލޫކަން ނުކުތީ ބޮޑުގަސް ކައިރިއަށެވެ. ކަޅުފޮއެ ރެއަކަށް ވިޔަސް އިމާރާތުން ދިއްލާފައި ހުރި ބޮކިތަކުން އެހިސާބަށް އަލި ފޯރައެވެ. މޭޒު ދޮށުގައި އައިރާ އިށީނުމާއެކު އިރުކޮޅު އޭނާއަށް ބަލަން ލޫކަން އިނެވެ.

"އައިރާ މިގެއިން އެހެން ތަނަކަށް ބަދަލުވާންވީނު" ލޫކަން ބުންޏެވެ.

"ޔާނާމެން ގެއަށްތަ؟ އެހާ ރައްޓެހިނޫންވީމަ ނުކެރޭނެ. އެކަމަކު ލޫކް ބުނެފިއްޔާ ބަދަލުވެދާނަން" މަޑުމަޑުން އައިރާ ބުންޏެވެ. އޭނާގެ އަމިއްލަ ނަފްސަށް ނޯންނަ އިތުބާރު ލޫކަންގެ މައްޗަށް އައިރާއަށް އޮވެއެވެ.

"އަހަރެން މިބުނީ ތިވާހަކައެއް ނޫން... އެކަމަކު ތިވެސް ރަނގަޅު ޚިޔާލެއް. ޒޭންއާއި ޔާނާ އެ ބުނަނީ ދޮގު ވާހަކައެއް ނޫން. މިހާރު މާލޭގައި ހުރިއްޔާ ވަގުތު ޖެހޭ އިރަށް ހޮސްޕިޓަލަށް ގެންދަން ފަސޭހަވާނެ. އަނެއްކާ އަހަންނާއި ޒޭންއަށް ވެސް ފެންނަ ހިސާބުގައި އޭރުން އައިރާ ހުންނާނީ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދެން ދާނީ ރަނގަޅަށް" މޭޒުމަތީ އޮތް އައިރާގެ ކަނާތު އަތްތިލައިގައި ލޫކަންގެ ދެއަތުން ހިފާލިއެވެ.

"ދުވަސްކޮޅަކަށް އަހަރެން ވެސް ޒޭންމެންގެއަށް އައިރާއާއެކު ހުންނަން ދާން އެބަ ވިސްނަން" އިރުކޮޅަކު އައިރާއަށް ބަލަން އިނދެފައި ލޫކަން ބުންޏެވެ. އެހިނދު އައިރާގެ މޫނުމަތިން ކުރީން ހުރި ހާސްކަން ފިލައިގެން ދިޔައެވެ.

"އުފާވެރި އުފަންދުވަހަކަށް އެދެން" ދެ ޚިޔާލެއްގައި އިނދެފައި އައިރާ ބުންޏެވެ. އެއާއެކު ލޫކަންގެ ފިރިހެންވަންތަ ފުޅާ ހިނިތުންވުން ފެނިގެންދިޔައެވެ.

"އައިރާއަށް އެނގޭތަ؟"

"ކޭޓް ބުނީ... އެތެރެއަށް އަންނަންވީނު... އަހަރެން... އަހަރެން ލޫކްއަށް ކުޑަކުޑަ ހަދިޔާއެއް ތައްޔާރު ކުރީން" ޖެހިލުންވެފައި އިނދެ އައިރާ ބުނެލިއެވެ. އިތުރަށް ލޫކަންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ އުފަން ދުވަހަށް އައިރާ ހަދިޔާއެއް ތައްޔާރުކޮށްފާނޭ ކަމަކަށް ކުޑަކޮށް ވެސް ހިޔެއް ނުކުރެއެވެ. (ނުނިމޭ)