ކުޅިވަރު

ޑަނިލޯ މެން ސިޓީއަށް ސޮއި ކޮށްފި

Jul 23, 2017

ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން، ރެއާލް މެޑްރިޑްގެ ކަނާތު ބެކް ބްރެޒިލްގެ ޑަނިލޯ ލުއިޒް ޑަސިލްވާ، މެންޗެސްޓާ ސިޓީ އަށް ސޮއި ކޮށްފި އެވެ.

ރެއާލް މެޑްރިޑާއެކު 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، އެއްބަސްވުން އޮތް ޑަނިލޯ، ދޫކޮށްލަން ރެއާލުން އެއްބަސްވީ 30 މިލިއަން ޔޫރޯގެ އަގަކަށެވެ.

"އެހެން ކުލަބު ތަކުން ވެސް ބޮޑެތި ހުށަހެޅުންތަކެއް ލިބުނު، ނަަމަވެސް އަބަދުވެސް އަހަރެންގެ އަޒުމެއް އެއީ [މެންޗެސްޓާ ސިޓީގެ ކޯޗް] ޕެޕް ގާޑިއޯލާގެ ދަށުން ކުޅުން، އަހަރެން ގެންނަން އޭނާ [ގާޑިއޯލާ] ޝައުގުވެރިކަން ފާޅު ކުރި ހިސާބުން އަހަރެން ވަގުތުން ބޭނުންވި ސިޓީ އަށް އަންނަން." ޑަނިލޯ ބުންޏެވެ.

ނިމިދިޔަ ސީޒަންގެ ފުރަތަމަ ހާފު ވީ ޑަނީލޯ އަށް މާ ކާމިޔާބު ދުވަސް ވަރަކަށް ނޫނެވެ. އޭނާ އަތުން ބައިކޮޅަށް ދެ ގޯލްވެސް ވަނީ ވެދެފަ އެވެ. ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާ އޭރު ބުނީ ޑަނީލޯއަށް އިތުބާރު އެބައޮތް ކަމަށާއި އޭނާ އަށް އިތުރު މެޗުތަކުންވެސް ފުރުސަތު ދޭނެ ކަމަށެވެ. ސީޒަންގެ ދެ ވަނަ ހާފުގައި އޭނާ ވަނީ ރެއާލްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

އޭނާގެ ކުރިގެ ކުލަބު ރެއާލް މެޑްރިޑުން ބުނެފައި ވަނީ، ޑަނިލޯ އެ ކުލަބަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި އޭނާ އަށް މިހާރުގެ ކުލަބުގައި ކާމިޔާބު އެދޭ ކަމަށެވެ.

ޑަނިލޯ ގެންދަން، ޔުވެންޓަސްއިންވެސް ވަނީ މިގެ ކުރިން ޝައުގު ވެރިކަން ފާޅު ކޮށްފަ އެވެ. ސިޓީގެ ކޯޗް ގާޑިއޯލާ މި ޓްރާންސްފާ ޕީރިއަޑްގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އެ ޓީމުގެ ދިފާއީ ޑިޕާޓްމެންޓް ވަރުގަދަ ކުރުމަށެވެ. އެ ޓީމުން ވަނީ ޓޮޓެންހަމްގެ ޑިފެންޑާ ކައިލް ވެސް ގެނެސްފަ އެވެ.