ވިޔަފާރި

ދިރާގުން އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 452 މިލިއަން ރުފިޔާ ބަހަނީ

ދިރާގު އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 452 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ދިރާގުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 5.96ރ. ބަހަން ނިންމާފައިވާ ކަމަށެވެ. އަދި އަހަރުގެ މެދުތެރޭގައި ބަހާ ފައިދާ ލިބޭނީ މިމަހުގެ 29 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދިރާގުން މި އަހަރު އިންޓަރިމް ޑިވިޑެންޑު ބަހަން ނިންމިއިރު، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ދިރާގުގެ ހިއްސާދާރުންގެ ހިއްސާއަކަށް 14.37ރ. ވަނީ ބަހާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް 2015 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާއަކީ 725 މިލިއަން ރުފިޔާ އެވެ.

ދިރާގަކީ ބަހުރެެއިންގެ ޓެލެކޮމިއުނިކޭޝަން ލިމިޓެޑް (މަޓެލްކޯ) ގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް އަދި އާއްމުންގެ 6.2 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.