ހަބަރު

"ރައީސް ޔާމީނަށް ތާއީދު ކުރެވުނީތީ މާފަށް އެދެން"

Jul 23, 2017
24

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވައިގެން އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކޮށްދެވުނީތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާފަށް އެދިވަޑައިގެންފި އެވެ.

މ. ކުނޫޒުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވައި ދިނުމަށް އެންމެ ގަދަޔަށް މަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ. އަދި އޭރު ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ ރަނގަޅު މެނިފެސްޓޯއަކާއި އެއްކޮށް ވަޑައިގެން އުޅުއްވާތީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމަށް އަރާވަޑައިގެން ގާނޫން އަސާސީ އާއި ޕީޕީއެމްގެ ވިސްނުމާ ފިކުރާ ހިލާފަށް މަސައްކަތް ކުރެއްވާތީ އެކަމުގައި ބަދުނާމްވަމުންދިޔަ ކަމަށާއި ރައީސް ޔާމީނަށް އެ ދުވަހު ތާއީދު ކުރެވުނީތީ މިއަދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

"ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު ކީކޭތޯ ބުނާނީ. ރައީސް ޔާމީން ކަންތައް ކުރައްވަނީ ބޭނުންފުޅު ގޮތަކަށް ހުރިހާ ގާނޫނަކާ ހިލާފަށް އެހެންވެ އެކަމުގެ ޒިންމާ އަޅުގަނޑުގެ ބޮލުގައި އެޅޭނެ ކަމަށް ގަބޫލު ކުރެވޭތީ ވަރަށް ބޮޑަށް ހިތާމަ ކުރަން. ވަރަށް ދެރަވަން. ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް ވެސް އެދެން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއަށް ޝަހުސު އޮޅުވާލުމުގެ ދައުވާކޮށްފައިވާތީ ރައީސް މައުމޫން ވިދާޅުވީ ޝަހުސު އޮޅުވާލައިގެން އުޅެނީ ފާރިސްއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޕީޕަލްސް އެލައިންސް (ޕީއޭ)ގެ މެންބަރުންތަކެއް ޕީޕީއެމްގެ ތެރެއަށް ވަދެ ހައިޖެކްކޮށްގެން އުޅޭ ކަމަށާއި އަދި ޕީޕީއެމްގެ ފިކުރާއި ގަވައިދާ އުސޫލުތަކާ ހިލާފަށް އެ ޕާޓީގެ ނަން ބޭނުން ކޮށްގެން އުޅޭ ކަމަށެވެ. އެހެންކަމުން ޝަހުސު އޮޅުވާލައިގެން އުޅުއްވަނީ ޕީޕީއެމްގެ އިސްކޮށް އުޅުއްވާ ފަރާތްތައް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.