ވިޔަފާރި

ސެންޓާރާ މުޅި ގްރޫޕުގެ ހާއްސަ އެވޯޑެއް ދިވެއްސަކަށް!

އޭޝިޔާގެ އެންމެ ބޮޑު ޓޫރިޒަމް އެއް ބްރޭންޑު ކަމަށްވާ "ސެންޓާރާ" ގްރޫޕުންދޭ ހާއްސަ އެވޯޑު ދިވެއްސަކަށް ލިބިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސްތަކުގައިވާ ގޮތުން ތައިލެންޑުގެ ސެންޓާރާ ގްރޫޕުން ބޭއްވި އެ ކުންފުނީގެ "އެނުއަލް ކޮންފަރެންސް" ގައި ބެސްޓް ރެޕްރެސެންޓޭޓިވް އެވޯޑް ލިބިފައިވަނީ ސެންޓާރާ ގްރޭންޑް ރިސޯޓު މޯލްޑިވްސްގެ ރެސްޓޯރެންޓް ކެޕްޓަން ނުވަތަ ހެޑު، އަބްދުﷲ ޝުކުރީ އަށެވެ. މި އެވޯޑު އޭނާއާ ހަވާލުކޮށް ދެއްވީ ސެންޓާރާގެ ވައިސް ޕްރެސިޑެންޓް ޑޭވިޑް ގޫޑް އެވެ.

ސެންޓާރާ އިން މުޅި ދުނިޔޭގައި ހިނގާ ހުރިހާ ރިސޯޓު / ހޮޓާތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވާ އެނުއަލް ކޮންފަރެންސުގައި ވަނަތައް ދީފައިވާ އެންމެ މަގާމުތަކުގެ ތެރޭގައި އެންމެ ރަނގަޅު މެނޭޖަރުވެސް ހިމެނެ އެވެ. މީގެ އިތުރުން އަގު ވަޒަން ކުރުމުގެ ގޮތުން ވެސް ހާއްސަ އެވޯޑުތަކެއް ވަނީ ދީފަ އެވެ.

ތައިލެންޑުގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑު ކަމަށްވާ ސެންޓާރާއިން މެދު އަދި މަތީ ފަންތީގެ 66 ތަނެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ. މީގެ އިތުރުން މި އަހަރު އޮމާންގައި ވެސް އިތުރު ރިސޯޓެއް ހުޅުވާނެ އެވެ. އަންނަ އަހަރު ޗައިނާގައި ސެންޓާރާގެ ފުރަތަމަ ޕްރޮޕަޓީ ހުޅުވާނެ އެވެ. މިތަނުގައި 237 ކޮޓަރި ހުންނާނެ އެވެ. އަދި އަންނަ އަހަރު އިތުރު ރިސޯޓެއް ރާއްޖޭގައި ހިންގަން ފަށަން އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސެންޓާރާ އިން ރާއްޖޭގައި ހިންގަމުން ގެންދަނީ ސެންޓާރާ ރަސްފުއްޓާއި ސެންޓާރާ އައިލެންޑް ރިސޯޓު އެންޑް ސްޕާ އެވެ.