ދުނިޔެ

އުރުދުންގެ އިޒްރޭލް އެމްބަސީއަށް ހަމަލާދީ ދެމީހުން މަރާލައިފި

އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ އިޒްރޭލު އެމްބަސީއަށް ބަޔަކު ބަޑިން ހަމަލާދީ ދެމީހުން މަރާލައި އެކަކު ޒަހަމްކޮށްލައިފިއެވެ.

އުރުދުންގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓާ ހަވާލާދީ ހަވާލާދީ އަލް ޖަޒީރާ ބުނީ އާދީއްތަ ދުވަހުގެރޭ ދިން އެ ހަމަލާގައި މަރުވީ އުރުދުންގެ ދެމީހުން ކަމަށާއި ޒަހަމްވީ އިޒްރޭލް މީހެއް ކަަމަށެވެ. އަލްޖަޒީރާއަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައި ވަނީ ޒަހަމްވީ އިޒްރޭލް މީހާއަކީ އެމްބަސީގެ ޑެޕިއުޓީ ޑައިރެކްޓަރް އޮފް ސެކިއުރިޓީ ކަމަށާއި އޭނާއަށް އަދިވެސް އަންނަނީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ކަމަށެވެ.

އުރުދުން ފުލުހުން ބުނީ މަރުވި އުރުދުންގެ ދެމީހުންނަކީ އެމްބަސީގައި މަރާމާތުގެ މަސައްކަތެއް ކުރަން ވަދެ ތިބި ދެމީހުން ކަމަށެވެ.

" ފުޅާ ދާއިރާއެއްގައި ކުރާ ތަހުގީގެއް އަހަރެމެން ފަށައިފިން. އަދި ހުރިހާ ތަފުސީލަކަށް ރިއާޔަތް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އަށް ވަނީ އަމުރުކޮށްފައި،" އުރުދުން ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.

އުރުދުންގައި ހުންނަ އިޒްރޭލު އެމްބަސީއަށް ބަޔަކު ހަމަލާ ދީފައި މިވަނީ ފަލަސްތީނުގެ ގުދުސްގައިވާ އަލް މަސްޖިދުލް އަޤުޞާއަށް މުސްލިމުން ވަނުމުގައި އިޒްރޭލުން ކުރިމަތިކޮށްގެން އުޅޭ ހުރަސްތަކާ ހެދި އެރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ ވަގުތެއްގައެވެ. އަޤުޞާ މިސްކިތަކީ އިޒްރޭލާއި އުރުދުންއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުރުދުން އިން ބަލަހައްޓަމުން އަންނަ މިސްކިތެކެވެ. ނަމަވެސް އިޒްރޭލުން މިފަހަރު އެޅި ފިޔަވަޅުތަކާ ގުޅިގެން އުރުދުން އިން އެއްވެސް ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.

އަޤުޞާގައި އިޒްރޭލުން ހިންގާ ކަންތައްތަކާ ދެކޮޅު ހެދުމަށް އުރުދުންގެ އެތައް ހާސް ބަޔަކު ހުކުރު ދުވަހު ވެރިރަށް އައްމާންގައި މުޒާހަރާ ކުރިއެވެ.