ދުނިޔެ

ބޯޑަރުގެ މައްސަލައިގައި ޗައިނާއިން އިންޑިއާއަށް ވަރުގަދަ އިންޒާރެއްް

ޗައިނާއާއި އިންޑިއާ ދެމެދުގައިވާ ސަރަހައްދީ ރޮނގާ މެދު ހިނގަމުންދާ އަރައިރުމުގައި ޗައިނާއިން އިންޑިއާއަށް ވަރުގަަދަ އިންޒާރެއް ދީފިއެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު އަރައިރުމެއް އުފެދިގެން އުޅެނީ އިންޑިއާގެ ފަރުބަދަ މަތީ ސަރަހައްދެއްކަަމަށްވާ ސިއްކީމްގެ ކައިރީގައިވާ ބިން އެއްވަރު ސަރަހައްދަކާ މެދުގައެވެ. އެ ސަރަހައްދަކީ އިންޑިއާއި ޗައިނާއިން ހިއްސާކުރާ 2175 މޭލުގެ ސަރަހައްދީ ރޮނގުގެ ބައެކެވެ. އަރައިރުން ފެށުނީ ޗައިނާ ފަޅީފައި މަގެއް ހެދުމުގެ މަސައްކަތް ކުރަން ތިބި ބަޔަކަށް އިންޑިއާ ސިފައިން ހުރަސް އެޅުމުންނެވެ. އެހާދިސާއަށް ފަހު ދެގައުމުގެ ސިފައިންގެ މެދުގައި ކޮންމެވެސް ވަރަކަށް ކުރިމަލުންތައް ހިނގިއެވެ. ޖޫންމަހު ހިނގި ފަހުން ދެ ލަޝްކަރު ތިބެނީ ކުރިމަތިލައިގެން ތައްޔާރީ ހާލަތުގައެވެ.

ޗައިނާގެ ޑިފެސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އިންޑިއާއަށް ގޮވާލާފައި ވަނީ ޗައިނާގެ އަސްކަރީ ގާބިލުކަމާ މެދު ކުށްހީ ނުކުރުމަށެވެ.

" ފަރުބަދައެއް ގުޑުވައިލުމަކީ ފަސޭހަ ކަމެއް. އެކަމަކު ޕީޕަލްސް ލިބަރޭޝަން އާމީ ގުޑުވައިލުމަކީ އުނދަގޫ ކަމެއް، " ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވޫ ކިއާން ވިދާޅުވިކަމަށް ރޮއިޓާސްގެ ރިޕޯޓްގައި ވެއެވެ.

ވޫ ވިދާޅުވީ ސަރަހައްދުގައި ޗައިނާ ސިފައިން މިހާރު ފަރިތަކުރުންތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި އެގޮތުން ޗައިނާގެ ސަރަހަައްދު ދިފާއު ކުރުމުގެ ބާރު އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޗައިނާއާއި އިންޑިއާއާ ދެމެދު 1962 ވަނަ އަހަރު ހަނގުރާމައެއް ހިނގިއެވެ. އެހަނގުރާމައިގައި މޮޅުވީ ޗައިނާއިން ކަމަށް އެގައުމުން ދައުވާ ކުރެއެވެ.