ކުޅިވަރު

ވެސްޓްހަމް އާއެކު ޗިޗަރީޓޯ އަލުން ޕްރިމިއާ ލީގަށް

Jul 25, 2017

ކުރިން މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު، މެކްސިކޯގެ ހާވިއާ ހެނާންޑޭޒް، ވެސްޓްހަމްއަށް ސޮއި ކޮށް އަލުން އެނބުރި ޕްރިމިއާ ލީގަށް އަތު ވެއްޖެ އެވެ. މިދިޔަ ދެ ސީޒަންގައި ޖަރުމަންގެ ބަޔާން ލެވަކޫސައަށް، ކުޅުނު ފޯވަޑް ވެސްޓްހަމްއަށް ބަދަލުވީ، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

އޭނާ ގެންނަން، ވެސްޓްހަމްއިން، ވަނީ، 16 މިލިއަން ޕައުންޑް (321 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު) ގެ އަގެއް، ލެވަކޫސަން އަށް ހުށަހާޅާފަ އެވެ. މިއީ މި ޓްރާންސްފާ ޕީރިއަޑްގައި، ވެސްޓްހަމްއަށް ގެނައި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމުން ގެނެސްފައި ވަނީ، މެންޗެސްޓާ ސިޓީގެ ޕަބެލޯ ޒަބަލެޓާ އާއި ގޯލްކީޕަރު ޖޯހާޓް އާއި ރެކޯޑް އަގެއްގައި، އެ ޓީމަށް ގެނައި ސްޓޯކް ސިޓީގެ މާކޯ އަރުނާއޮޓޮވިޗް އެވެ. އޭގެ ތެރެއިން ޖޯ ހާޓް ގެނެސްފައި ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ނެވެ.

ވަނަމެއްގެ ގޮތުގައި ޗިޗިރިޓޯގެ ނަމުން، ނަން ދީފައިވާ، ހެނާންޑެޒް ވަނީ މެއި މަހު، މެކްސިކޯގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 48 ލަނޑު ޖަހައި ދީފަ އެވެ.

ލޯން އެއްބަސްވުމުގެ ދަށުން، ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅުނު ޗިޗަރިޓޯ29 ބުނީ، އަލުން ޕްރިމިއާ ލީގަށް އާ ދެވުމުން ހިތް ހަމަޖެހޭ ކަމަށެވެ. މެންޗެސްޓާ ޔުނައިޓަޑާ، 2010 ވަނަ އަހަރު ގުޅުނު، ޗިޗަރީޓޯ، އެ ޓީމަށް، ކުޅުނު 156 މެޗުގައި، އޭނާ ވަނީ 59 ލަނޑު ޖަހާފަ އެވެ.

"މިއީ އުނދަގޫ ނިންމުމެއް ނޫން، ވެސްޓްހަމްއަކީ ތާރީހީ ކުލަބެއް ވަރަށް އުންމީދީ ކުލަބެއް، މި ޓްރާންސްފާ ގައި އެ ޓީމަށް ސޮއި ކުރި ކުޅުންތެރިންނާއެކު އެ ޓީމު މި ސީޒަންގައި ވަރަށް ވަރުގަދަ ވާނެ،" ޗިޗަރިޓޯ ބުންޏެވެ. "ޖަރުމަނާއި ސްޕެއިންގެ އަހަރެން ވަރަށް ރަނގަޅު ތިން އަހަރު ޙޭދަ ކޮށްފިން، ނަަމަވެސް އިންގްލެންޑަކީ އަހަރެންގެ ކެރިއަރުގެ ފުރަތަމަ ބޮޑު ޗެޕްޓާ، އެނބުރި ޕްރިމިއާ ލީގަށް އާ ދެވުމުން ވަރަށް ހިތްހަމަ ޖެހިއްޖެ."

މިހާރު ޖަރުމަންގައި، ޕްރީ ސީޒަން ޓްއާ ކުރިއަށް ގެންދަ ވެސްޓްހަމްގެ ސްކޮޑާ، ވަރަށް އަވަހަށް ހެނާންޑޭޒް ގުޅެނެ އެވެ.