ދުނިޔެ

އުރުދުންގައި ހުންނަ އިޒްރޭލު އެމްބަަސީގައި ދެމީހުން މަރައިލީ އިޒްރޭލު މީހަކު

އުރުދުންގެ ވެރިރަށް އައްމާންގައި ހުންނަ އިޒްރޭލު އެމްބަސީގައި އާދީއްތަ ދުވަހުގެ ރޭ ހިނގި ހާދިސާ މީޑިއާ ތަކުން ފުރަތަމަ ރިޕޯޓް ކުރީ ބަޔަކު އެމްބަސީއަށް ބަޑިން ހަމަލާދިން ހާދިސާއެއްގެ ގޮތުގައެވެ. ނަމަވެސް އެހާދިސާގައި އުރުދުން ބަޔަކަށް ބަޑިން ހަމަލާ ދިނީ އިޒްރޭލު އެމްބަސީގެ މުވައްޒަފެއްކަން މިހާރު ހާމަވެއްޖެއެވެ.

ރޮއިޓާސް ބުނީ އެމްބަސީތެރޭގައި މަރުވި އުރުދުންގެ 16 އަހަރުގެ ކުއްޖާއަކީ ފަރުނީޗަރު ވިއްކާ ކުންފުންޏެއްގެ މުވައްޒަފެއް ކަަމަށާއި އެމްބަސީގެ ސެކިއުރިޓީ ގާޑު އެކުއްޖާއަށް ބަޑިން ހަމަލާ ދިނީ އިސްކުރު އަނބުރާ ކަށިގަނޑަކުން ހަމަލާދޭން ދިނުމުން ކަމަށެވެ. ހާދިސާގައި މަރުވި ދެވަނަ މީހާއަކީ އެތަނުގައި އެވަގުތު ހުރުމުން ވަޒަން އެރި މީހެއް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.


އިޒްރޭލު އެމްބަސީގެ ގާޑާ އުރުދުންގެ ސަލާމަތީ ބާރުތަކުން ސުވާލުކުރަން އޭނާގެ ޑިޕްލޮމެޓިކް އިމިއުނިޓީ ނަގަން އެދިފައި ވަނިކޮށް، އިޒްރޭލުން މިހާރު ވަނީ އެމްބަސީގެ ހުރިހާ މުވައްޒަފުން އަނބުރާ އިޒްރޭލަށް ގެންގޮސްފައެވެ. އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ އެމްބަސީގެ ގާޑު މަސައްކަތް ކުރީ އޭނާގެ އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށެވެ.

ހާދިސާއާ ގުޅިގެން އުރުދުންގެ ސަލާމަތީ ބާރުތަކުން އެމްބަސީ ބަންދުކޮށް، އެތަން ބަލަހައްޓަމުން ދަނިކޮށް، މުވައްޒަފުން ނެރެގެން ގެންދިޔައީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފޮނުއްވި ހާއްސަ މަންދޫބަކު ސަލާމަތީ ބާރުތަކާ ވާހަކަ ދައްކައިގެންނެވެ. އެމީހުން އަނބުރައި އިޒްރޭލަށް ގެންދެވުނީތީ އިޒްރޭލުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށާއި އޭނާގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާއަށާއި އުރުދުންގެ ރަސްގެފާނު ޢަބުދުﷲ އަށް ޝުކުރު އަދާކޮށްފައެވެ.


އުރުދުންގައި ހުންނަ އިޒްރޭލު އެމްބަސީގައި އުރުދުންގެ ދެމީހަކު މަރާލާފައި މިވަނީ ފަލަސްތީނުގެ ގުދުސްގައިވާ އަލް މަސްޖިދުލް އަޤުޞާއަށް މުސްލިމުން ވަނުމުގައި އިޒްރޭލުން ކުރިމަތިކޮށްގެން އުޅޭ ހުރަސްތަކާ ހެދި އެރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ ވަގުތެއްގައެވެ. އަޤުޞާ މިސްކިތަކީ އިޒްރޭލާއި އުރުދުންއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުރުދުން އިން ބަލަހައްޓަމުން އަންނަ މިސްކިތެކެވެ. ނަމަވެސް އިޒްރޭލުން މިފަހަރު އެޅި ފިޔަވަޅުތަކާ ގުޅިގެން އުރުދުން އިން އެއްވެސް ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.

އަޤުޞާގައި އިޒްރޭލުން ހިންގާ ކަންތައްތަކާ ދެކޮޅު ހެދުމަށް އުރުދުންގެ އެތައް ހާސް ބަޔަކު ހުކުރު ދުވަހު ވެރިރަށް އައްމާންގައި މުޒާހަރާ ކުރިއެވެ