ކުޅިވަރު

އެއް ހަފުތާތެރޭ ދެ ވަނަ ފަހަރަށް ކުޅުން ހުއްޓާލައިފި

Jul 25, 2017

އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އެންޓޯނިއޯ ކަސާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން، މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރުމަށްފަހު ހަމަ އެދުވަހު އޭނާގެ ނިންމުން ބަދަލުކޮށް ކުޅުން ކުރިއަށް ގެންދާނެކަން އިއުލާން ކުރުމަށްފަހު އިއްޔަ އަނެއްކާވެސް ކުޅުން ހުއްޓާލި ކަން ދެ ވަނަ ފަހަރަށް އިއުލާން ކޮށްފި އެވެ.

ކުޅުން ހުއްޓާލާނެ ކަން، އޭނާ އެންމެ ފުރަތަމަ އިއުލާން ކުރީ، އިޓަލީގެ ހެލަސް ވެރާނޯއަށް ކުޅެން އެ ޓީމަށް ސޮއި ކުރިތާ އަށް ދުވަސް ފަހުން، ނެވެ.
ނަމަވެސް އޭގެ ގަޑިއިރު ތަކެއް ފަހުން އޭނާ ގެ ނިންމުން ބަދަލު ކޮށް، ކުޅުން ކުރިއަށް ގެންދާނެ ކަން އިއުލާން ކުރި އެވެ. ވެރާނޯއާ ކުޅެން އޭނާ ސޮއި ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ ވަނީ ޕްރީ ސީޒަންގައި އެޓީމާއެކު ދެ މެޗުވެސް ކުޅެފަ އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށްފަހު، އެ ނިންމުން އަނބުރާ ގެނައުމުގެ ގޮތުން އޭނަގެ ފަރާތުން ނެރުނު ސްޓޭޓްމެންޓް މިއޮތީ އެވެ.

އޭނާ އޭރު ބުނެފައި ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އޭނަގެ ނެތް ކަމަށާއި ނަމަވެސް ވެރާނޯ އަށް ކުޅެވެން ނެތް ކަމަށެވެ.
"ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަހަރެންގެ ނެތް، ނަމަވެސް އަހަރެން ހެލަސް ވެރޯނާ އަށް ކުޅެވޭކަށް ނެތް، ޖިސްމާނީ ގޮތުންވެސް އަހަރެން ވަރަށް ރަނގަޅު، އަހަރެން 15 ދުވަހު ޕްރެކްޓިހުގައި ހޭދަ ކުރިން، ނަމަވެސް ނަފުސާނީ ގޮތުން އަހަރެން ހުރީ މި ކުލަބާ އެކު ކުރިއަށް ދެވޭ ހަލަތެއްގަ އެއް ނޫން." އޭނާގެ އަންހެނުންގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް، ބުނެފައި ވެއެވެ.

އިޓަލީގެ އުތުރު ސަރަހައްދަށް ނިސްބަތްވާ ވެރާނޯއަށް ކުޅެން ބޭނުން ނުވާ ކަމަށް، ކަސާނޯ ނިންމީ އޭނާގެ އާއިލާ އަށް އެ ތަނަށް ދެވެން ނެތުމުން ނެވެ. އިޓަލީގެ ބައެއް މީޑިއާ ރިޕޯޓް ބުނެފައި ވަނީ އޭނާ ދިމާވެގެން އުޅެނީ ހޯމް ސިކް ވުމުގެ މައްސަލަ ކަމަށެވެ،.

ފުޓްބޯޅަ ކުޅެން ކުރިއަށް ގެންދާން، ނިންމުމަށް ފަހު، އަލުން އޭނާ ވަނީ، ކުޅުން ހުއްޓާލިކަން ދެ ވަނަ ފަހަރަށް އިއްޔަ އިއުލާން ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ އޭނާގެ އަންހެނުންގެ ކެރޮލީނާގެ ޓްވިޓާގައި ބުނެފައިވާ ވާހަކައާ މެދު އަލުން ވިސްނައި އެކަން ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.

"ކެރޮލީނާ ވާހަކަ ރަނގަޅެއް ނޫން، ވިސްނުން އަލުން މުރާޖާ ކުރުމަށް ފަހު، އެންމެ ފަހުން އަހަރެން ގޮތް ނިންމައި ފިން އެންޓޯނިއޯ ކަސާނޯ ދެން ފުޓްބޯޅަ އެއް ނުކުޅޭނެ،" އޭނާ ބުންޏެވެ. "ވެރާނޯ ސިޓީގެ އެންމެންގެ ކިބައިން އަހަރެން މާފަށް އެދެން، ހުރިހާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން، އެ ކުލަބުގެ ރައީސް މައުރީޒިއޯ، ސްޕޯޓިން ޑައިރެކްޓާ ފިލިޕޯ ފުސްކޯ އަދި ކޯޗް [ފަބިއޯ ޕެއްޗެއާ] ގެ އިތުރުން މެޑިކަލް އަދި ޓެކްނިކަލް ސްޓާފުންގެ ކިބައިން ވެސް އަހަރެން މާފަށް އެދެން."

އޭނަ ބުނީ، މިވަގުތު އޭނާ އަށް އެންމެ މުހިންމު ކަމަކީ އޭނާގެ ދަރިންނާއި އަންހެނުންނަށް ވަގުތު ހުސް ކުރުން ކަމަށެވެ. ކުރިން ރެއާލް މެޑްރިޑާއި، އޭސީ މިލާން އަދި އިންޓަ މިލާން އަށް ވެސް، ކުޅުނު ފޯވަޑަކީ ކުރިން އިޓަލީގެ ގައުމީ ޓީމުގައިވެސް މުހިންމު ކުޅުންތެރިޔެކެވެ.