(23 ޖުލައި 2017 އާ ގުޅޭ) -- "ކޭޓް ބުނީ... އެތެރެއަށް އަންނަންވީނު... އަހަރެން... އަހަރެން ލޫކްއަށް ކުޑަކުޑަ ހަދިޔާއެއް ތައްޔާރުކުރީން" ޖެހިލުންވެފައި އިނދެ އައިރާ ބުނެލިއެވެ. އިތުރަށް ލޫކަންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ އުފަންދުވަހަށް އައިރާ ހަދިޔާއެއް ތައްޔާރުކޮށްފާނޭ ކަމަކަށް ކުޑަކޮށް ވެސް ހިޔެއްނުކުރެއެވެ.
"އަހަންނަށް އަޑުއިވުނީ ރަނގަޅަށްތަ؟" މޭޒުދޮށުން ތެދުވަމުން ލޫކަން ބުންޏެވެ. އެއާއެކު އޭނާއަށް އައިރާގެ ތުންފަތުން ލުއި ހިނިތުންވުމެއް ފެނިގެންދިޔައެވެ. އާނއެކޭ ބުނުމުގެ ގޮތުން އައިރާ ބޯޖަހާލާފައި އެތެރެއަށް ދިއުމަށް ހިނގައިގަތެވެ.
ދެ ޒުވާނުން އެކުގައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން އައިސް އެންމެ ބިއްދޮށުގައި ހުރި އާދައިގެ ބަދިގެއަށް ވަނެވެ. އަނދިރިކަން ވެރިވެފައި އޮތް ބަދިގެ ހުދު އަލިން އަލިވެގެންދިޔައީ ފާރުގައި ހުރި ސުވިޗު އައިރާ ޖައްސާލުމުންނެވެ. ލޫކަން ގާތު އެއްފަރާތުގައި ހުރި ކާމޭޒު ދޮށުގައި އިށީނުމަށް ބުނެފައި އައިރާ ކައިރިވެލީ އައިސްއަލަމާރިއާއެވެ. ދޮރުފަތް ހުޅުވާލާފައި އޭނާ ނެގީ ކޭކެއެވެ. ދެއަތުން އެ ހިފަހައްޓާލައިގެން އައިސް މޭޒުމަތީ ލޫކަންއާ ކައިރިވާނޭ ގޮތަށް ބެހެއްޓިއެވެ. މަތީ ކަބަޑުތަކުން ކަބަޑެއްގެ ތެރެއިން އުއްބައްތިއެއް ނަގައި އުނދުން ކައިރިއަށް އައިސް ރޯކޮށްލިއެވެ. އަދި އެ އުއްބައްތި ހިފައިގެން ހަލުވިކޮށް އައިސް ކޭކަށް ޖެހިއެވެ.
"ހެޕީ ބާތްޑޭ" ލުއި ހިނިތުންވުމަކާއެކު އައިރާ ބުންޏެވެ. އޭރު އޭނާގެ ހުރިހާ ހަރަކާތަކަށް ޝައުގުވެރިކަމާއެކު ލޫކަން ބަލަން އިނީ ހިނިތުންވެލައިގެންނެވެ.
އުއްބައްތިއަށް ފުމެލާ ނިވާލުމާއެކު ކޭކު ކައިރީ އޮތް ވަޅި ނަގާ ލޫކަން ކޭކު ފަޅާލިއެވެ. އަދި އެއިން އެތިކޮޅެއް ނަގާ އައިރާއަށް ދިއްކޮށްލިއެވެ. އޭނާ ލޫކަންއަށް ބަލަން ހުންނަން ފެށުމުން އައިރާގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ. ލޫކަން ވެސް ގޮނޑިން ތެދުވެ އަތުގައި އޮތް ކޭކުކޮޅު ސީދާ އައިރާގެ އަނގައިގާ ޖެހޭހާ ކައިރިކޮށްލިއެވެ. ލޫކަންގެ އަތުގައި ހިފާލާފައި އޭނާގެ އަތުގައި އޮތް ކޭކުކޮޅުން އެތިކޮޅެއް އައިރާ ކާލިއެވެ. އެހިނދު ލޫކަންއަށް ވީގޮތެއް ނޭނގެއެވެ. ހިތުގެ ވިންދު އަވަސްވެގެންދިޔައެވެ. އައިރާގެ އަތުން ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އިހުނަށްވުރެ އައިރާގެ މޫނާ ގާތްވެލާން އޭނާ ބޭނުންވިއެވެ. ކަރުހިއްކައިގަނެފައިވާ މީހަކު ފަދައިން ކުއްލިއަކަށް ކަރުތެރެ ހިކިގެންދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. އެހިނދު ދެތުންފަތް ދުރުކޮށްލުމާއެކު މަޑު އާހެއް ނުކުމެގެން ދިޔައެވެ. އޭނާގެ މޫނާ ދިމާއަށް ލޫކަން ބޯ ތިރިކޮށްލި ވަގުތު އައިރާ އެނބުރިލީ ދުރަށް ދާށެވެ. އައިރާގެ އެ ހަރަކާތާއެކު ލޫކަންގެ ނޭފަތާއި ތުންފަތް އެ މަޑު ކޯތާފަތުގައި ބީހިގެންދިޔައެވެ. ގަސްދަކާނުލައެވެ. ނަމަވެސް ލޫކަންއަށް ދެ ލޯ މަރާ ލެވުނެވެ.
ފެންފުޅި ބަލާ އައިސްއަލަމާރި ކައިރިއަށް އައިސް ހުއްޓިލި އައިރާއަށް އޭނާގެ ކޯތާފަތުގައި އަތްޖައްސާލެވުނެވެ. ހަމައެއާއެކު މޭގައި ފިރުމާ ވެސް ލިއެވެ. މީހާ ތުރުތުރު އަޅާ ފަދަ ކަރެންޓެއް ހަށިގަނޑުގައި ދުވެލިކަން އައިރާއަށް ޔަގީނެވެ. އެވަގުތު އެތައް ޖަޒުބާތެއް ނަފްސަށް ބާރުފޯރުވާން މަސައްކަތްކުރިއެވެ. ނަމަވެސް ހުރިހާ އިހުސާސްތަކެއް އޮއްބާލަމުން އައިރާ ފެންފުޅިއާއި ބިއްލޫރި ތަށްޓެއް ހިފައިގެން އައިސް މޭޒު ކައިރީ މަޑުކޮށްލީ ކަމެއްނުވާކަމަށް ހެދިގެންނެވެ.
"ދެން އިށީނދެބަލަ... ކޭކުކޮޅެއް ތަށްޓަށް ލައިދޭންތަ" މަސްތުކަމެއް އެކުލެވިފައިވާ ދެ ލޮލުން ލޫކަން ބަލަން ހުންނަން ފެށުމުން އައިރާ ބުންޏެވެ. އެއާއެކު މަޢުނަވީ ހިނިތުންވުމެއް ބަދަލުކޮށްލަމުން ލޫކަން ކުރީން ވެސް އިން ގޮނޑީގައި އިށީނެވެ.
"އަހަރެންގެ އަތުގައި ލޫކަށް ދޭނޭ އަގުބޮޑު ހަދިޔާތަކެއްނެތް" ކޭކުކޮޅެއް ތަށްޓަށް ލާފައި ލޫކަންގެ ކުރިމަތީ ބަހައްޓަމުން އައިރާ ބުންޏެވެ.
"އައިރާއާއެކު ހޭދަ ކުރެވޭ ވަގުތުތައް ދުނިޔޭގެ އެއްވެސް އެއްޗަކަށްވުރެ އަހަންނަށް އަގުބޮޑު. ތީ އަހަންނަށް ވަރަށް ޚާއްޞަ މީހެއް. ޑޭޑްއަށްފަހު އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމު މީހަކީތީ. ތެންކިޔު... އަހަރެންގެ އުފަންދުވަސް ފުރިހަމަވެއްޖެ. އައިރާތަ ކޭކު އެޅީ... ވަރަށް މީރު. އަހަރެން އަންނާނެކަން އެނގޭތީތަ ރަތްޝޯލް އަޅައިގެން ތިއިނީ" ލޫކަންގެ އަޑުގައި ވެސް މަސްތުކަމެއް ހުރިހެން އައިރާއަށް ހީވިއެވެ.
"ކޭޓްއާއި މޯނާ ވަރަށް އެހީވި. މަރިޔަންދީ އެއްޗެހި ގެނެސްދިނީ. އަހަރެން މިކަހަލަ ކަމެއްނުކުރާތާ ވަރަށް ދުވަސްވެއްޖެ. އުފަންދުވަސް ފާހަގަކުރުމުގައި އެންމެ ކުރީގައި އުޅޭނީ ލިޒީ. އަހަރެން ހަނދާންނެތަސް އޭނާ އަބަދުވެސް ހަނދާން ހުންނާނެ" ހިނިއައިސްފައި އައިރާ ބުނެލި ވާހަކަތަކުން ލޫކަންގެ ސިކުނޑީގައި ސުވާލެއް އުފެދުނެވެ.
"ލިޒީ؟ ލިޒީއަކީ ކާކު؟" ލޫކަންގެ ސުވާލުން އައިރާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.
"އަހަރެންގެ އެންމެ ގާތް އެކުވެރިޔާ" އިސްޖަހާލާފައި މަޑުމަޑުން އައިރާ ބުންޏެވެ.
"ކޮބާ އޭނާ؟ އައިރާ މިގޭގައި އުޅޭކަން ނޭނގެނީތަ؟" ލޫކަން ސުވާލު ކުރާނޭކަން އައިރާއަށް އެނގޭ ކަހަލައެވެ. އޭނާ ވެސް ލިޒީގެ ނަން ބުނީ ގަސްދުގައެއްނޫނެވެ.
އައިރާގެ އުފަންދުވަހަކީ އަންނަ ދުވަހެއްކަން އޭނާ ދެނެހުރީ ލިޒީގެ ސަބަބުންނެވެ. ކޮންމެ ގޮތަކުން ވެސް އޭނާ އައިރާގެ އުފަންދުވަސް ފާހަގަކުރާނެއެވެ. ލޫކަންގެ އުފަންދުވަސް ފާހަގަ ކުރުމަށް ކޭކު އެޅުމުގައި އުޅުނު އިރު އައިރާގެ ޚިޔާލުގައިވީ ލިޒީއެވެ. ބޭއިޚްތިޔާރުގައި ދުލުން ލިޒީގެ ނަން ކިޔާލެވުނީ އެހެންވެއެވެ. ލިޒީއާ ބެހޭ ވާހަކަތައް ލޫކަންއަށް އައިރާ ކިޔައިދިނެވެ. އެވާހަކަތަކާއެކު ނިޔާނުގެ ބައްޕަ އަމީރުގެ ވާހަކަތައް ވެސް ކިޔައިދިނެވެ. މިހާތަނަށް ދުށް އެންމެ ހެޔޮ ބައްޕަކަމުގައި އަމީރުވެއެވެ. އެހެންނަމަވެސް ރުބީނާގެ ދަޅައިގައި ޖެހި ހަޤީޤަތް އައިރާއަށް އޮޅުނީއެވެ. ނިޔާނުގެ މަންމައަށްވީމައެވެ. އެ މަންމަގެ ރުހުން ހޯދަން އިންތިހާއަށް އައިރާ ބޭނުންވީއެވެ.
"އައިރާއާއި ނިޔާނު ބައްދަލުވީ ކިހިނެއް؟ ކީއްވެ ތިރަށަށް ނިޔާނު ދިޔައީ؟" ނިޔާނުގެ ވާހަކަ ނޫން ހުރިހާ ވާހަކައެއް އައިރާ ކިޔައިދިންހެން ހީވުމުން ލޫކަން ސުވާލުކުރީ ސީދާ ނިޔާނާ ގުޅޭ ގޮތުންނެވެ.
ފިނިނޭވާއެއް ލުމަށްފަހު އައިރާ ބަލާލީ ލޫކަންއަށެވެ. ކޭކުން ދެވަނަ ފޮއްޗެއް އޭނާ ނަގައި ތަށްޓަށް ލުމާއެކު އައިރާގެ ވާހަކަ އަޑުއަހަން ތައްޔާރުވެލައިގެން އިން ކަހަލައެވެ. ލޫކަންގެ ސޫރައަށް ހުއްޓިފައިވާ އައިރާގެ ދެލޮލުން މިފަހަރު ފަސްޖެހުމެއް ނުފެނެއެވެ. ނިޔާނުގެ ނަން ލޫކަންގެ ދުލުން އިވުމުން ތަފާތު އިހުސާސެއް ކުރެވުނަސް އައިރާގެ ހިތަށް ކުރީން ލިބޭ ފަދަ ވޭނެއް ނުލިބުނެވެ. ލޫކަންއާ ނަޒަރު ވަކިކޮށްލަމުން އައިރާ އިސްޖަހާލިއެވެ. ނިޔާނާއެކު ހޭދަކުރި މާޒީގެ ތެރެއަށް އައިރާ ފީނައިގަތެވެ. ލުއި ހިނިތުންވުމަކާއެކު އައިރާ ވާހަކަދެއްކިއެވެ. މިފަހަރު ލޫކަންއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. ދިރިއުޅުމުގެ ހުރިހާ ވާހަކައެއް އައިރާ ޙިއްޞާކުރިއެވެ. މަންމައާއި ބައްޕަ ދުނިޔޭގައި ނެތި ބޮޑުބޭބެއެއްގެ ހިމާޔަތުގެ ދަށަށް އައި ހިނދު އައިރާގެ ދިރިއުޅުން ބިރުވެރިކަމުން ފުރިގެންދިޔަ ގޮތް ކިޔައިދިނެވެ. އެ ބިރުވެރިކަމުގެ ތެރޭގައި ކެތްކުރާން ދަތިވެފައި ވަނިކޮށް ފިނިފިނި ވައިރޯޅިއެއް ފަދައިން ހިތްހަމަޖެހުމާއި އުފާވެރިކަން ހަޔާތަށް އައީ ނިޔާނުއާ ބައްދަލުވީ ހިސާބުންނެވެ. ދުނިޔެއިން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި ނިޔާނާ ކައިވެނިކުރެވުން އައިރާއަށް ވިއެވެ.
"ތަޤުދީރުގައި އޮތް ގޮތް މީ" އައިރާ ހިމޭންވެލުމުން ލޫކަން ބުނެލިއެވެ.
"ތަޤުދީރުގެ ނިންމުމާ މެދު އަހަރެން މިއަދު ޝަކުވާއެއް ނުކުރާނަން. ނިޔާނުގެ ފުރާނައަށް ބުރަވެދާނޭ ފަދަ ކަމެއް ކުރާކަށް ބޭނުމެއްނޫން. އެކަމަކު ނިޔާނު ހުރި ނަމައޭ ހިތަށް އަރަނީ ކީއްވެކަމެއް ނޭނގެ؟ ވަރަށް ހަނދާންވޭ. މި ދަރިފުޅު އުފަންވާއިރު އެތަން ދުށުމަށް ނިޔާނު ނުހުންނާނޭކަން ހިތަށް އަރާފައި ވަރަށް ދެރަވޭ. އަހަންނަށް ނިޔާނުގެ މަތީން ހަނދާންނައްތާލުން ފަސޭހައެއްނުވާނެ" ލޫކަންއަށް އައިރާ ބަލާލީ ފެންކަޅިވެފައިވާ ދެ ލޮލުންނެވެ.
"އެކަކު ވެސް ނުބުނޭ އައިރާ ގާތުގައި ނިޔާނުގެ މަތީން ހަނދާންނައްތާލާށޭ. އެކަމަކު ހުއްޓިފައި ހުރުމުގެ ބަދަލުގައި މުސްތަޤުބަލުގެ ދޮރުހުޅުވާލާ ކުރިއަށް ހިނގައިގަންނަންވީ. ހިތުގެ ހަނަފަސްކަމުގައި ދުވެ ވަރުބަލިވުމުގެ ބަދަލުގައި އެއްފަހަރު ވެސް ހުއްޓި އެ ހިތް އައިރާ ގާތު ބުނާ އެއްޗެއް އަޑުއަހާލަބަލަ. ހިމޭންކަމުގެ ބަދަލުގައި ހުރިހާ އިހުސާސެއް އަހަންނަށް ހާމަކޮށްބަލަ. އަހަންނަށް އައިރާ ފެނުނުއިރު ދިރިހުރުމަށްވުރެ މަރުވާން ބޭނުންވެފައި ހުރި ފަދަ. އެކަނިވެރިކަމަށްވުރެ މީހެއްގެ ފަރާތުން ލިބިދާނެ ލޯތްބާއި އޯގާތެރިކަންދެކެ ތި ހިތްވަނީ ބިރުގެންފައި. ހިނިތުންވެލިޔަސް ދެ ލޮލުގައިވާ ހިތާމަ ފިލައިގެން ނުދޭ. ހުރިހާ ހަޤީޤަތް ނޭނގުނު ނަމަވެސް އެމަންޒަރުތަކުން އަހަރެންގެ ހިތަށް ވޭންލިބޭ. ފަހަރެއްގައި ވެދާނެ އަހަންނަކީ އައިރާ ފަދަ ކެތްތެރިއެއްނޫނީ ކަމަށް. އަހަރެންގެ އިހުސާސްތައް އައިރާހާ މޮޅަށް ފޮރުވާން ނޭނގެނީކަމަށް. އައިރާ! އަހަރެން މިއަދު ކަމަކަށް ވަޢުދުވާން ބޭނުން. އައިރާގެ ތި ހުރިހާ ހިތާމަތަކެއްގެ ބަދަލުގައި ދުނިޔޭގެ ހުރިހާ އުފަލެއް ދޭން ބޭނުން. ﷲގެ އިޒުނައާއި އެކަލާނގެ މިންވަރުފުޅުގައިވާނަމަ އަހަރެންގެ މީހަކަށް އައިރާ ހަދަން ބޭނުން. އެނގޭތަ؟ އަހަރެންގެ ދިރިއުޅުމުގެ މަޤުޞަދު އަހަންނަށް އަންގައިދިނީ އައިރާ. ޝުކުރިއްޔާ... އަހަރެންގެ ގާތުގައި އައިރާ އަބަދުވެސް ހުންނަން އަހަރެން ބޭނުން. އައި ނީޑް ޔޫ އައިރާ... މި ހިތަށް ތަދުވޭ ލޯބިވާއިރު ވެސް އެކަން ފޮރުވައިގެން ހުންނަން ޖެހޭތީ... އަހަރެން ވަރަށް ލޯބިވޭ އައިރާދެކެ... ވަރަށް ބޮޑަށް ލޯބިވޭ... އައިރާ..." ލޫކަން ވާހަކަދައްކަމުން ތެދުވެގެން އައިސް އައިރާގެ ކުރިމަތީ ކުޑަކަކޫ ޖަހާލުމާއެކު އޭނާގެ ދެއަތުގައި ހިފަހައްޓާލިއެވެ. ނަމަވެސް ކުއްލިއަކަށް އައިރާ ތެދުވީ ލޫކަންއާ ދުރަށް ޖެހެން ބޭނުންވެގެންނެވެ.
"ހުއްޓާލާ... ޕްލީޒް ލޫކް... ޕްލީޒް..." ފަހަތަށް ޖެހިލަމުން އައިރާ ބުންޏެވެ. އެހިނދު ލޫކަންއާ ހަތަރުކަޅި ބައްދަލުވިއެވެ.
"ހޭ! އައިރާއަށް މަޖުބޫރުކުރުމެއްނުވޭ... ހީނުކުރައްޗޭ އަހަރެން ގަދަކަމުން އައިރާ ހޯދަން އުޅެދާނެއޭ... އަހަރެންގެ ހިތުގައިވާ އެއްޗެއް އަހަރެން ހާމަ މި ކުރީ" ލޫކަން އަނެއްކާ ވެސް ކުރިއަށް ޖެހިލިއެވެ. ނަމަވެސް އައިރާ ފަހަތަށް ފިޔަވަޅު އަޅާލުމުން އޭނާ ހުއްޓުނެވެ.
"ވަރަށް ލަސްވެއްޖެ މިހާރު. ދެން ލޫކަން ދޭ... އެހެން އިރަކުން ވާހަކަދައްކާނީ" ހަމަޖެހެން މަސައްކަތްކުރަމުން އައިރާ ބުންޏެވެ. އޭނާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ލޫކަން ކުރިއަށް ޖެހިލުމާއެކު އޭނާގެ ދެއަތުގެ ތެރެއަށް އައިރާލިއެވެ. މޭގައި އައިރާ ފޮރުވާލުމާއެކު އޭނާގެ ބޮލުގައި ބޮސްދިނެވެ.
"ގުޑްނައިޓް" އައިރާގެ ކޮނޑުގައި ހިފާ ދުރުކޮށްލުމަށްފަހު ލޫކަން ހިނގައިގަތީ އިތުރަށް އޭނާ މަޑުކޮށްފިނަމަ އަމިއްލަ ނަފްސު ނުހިފެއްޓިދާނޭހެން ހީވެގެންނެވެ. ލޫކަންގެ އެ ހަރަކާތުން ހުއްޓުން އަރާފައި އައިރާއަށް ހުރެވުނީއެވެ. ބަހެއް ބުނާންވާއިރަށް ލޫކަން ނުކުމެގެން ހިނގައްޖެއެވެ. އެއާއެކު މަޑުމަޑުން ގޮނޑީގައި އައިރާ އިށީނެވެ. މޭޒުމަތީ ދެއަތް ބާއްވާލުމާއެކު ދެއަތްތިލަ ޖޯޑުކޮށްލިއެވެ. ބަލަން އިނީ ލޫކަން ކޭކުކާން މޭޒު ދޮށުގައި އިށީން ގޮނޑިއަށެވެ.
* * * *
ނިދަން އުޅެ އުޅެ ލޫކަންއަށް ނިދޭ ގޮތެއްނުވިއެވެ. އައިރާއާ ދުރުގައި ހުރުން އޭނާއަށް އުނދަގޫވާން ފަށައިފިއެވެ. ހިތްބިރުގަންނަނީ އޭނާގެ މިލްކަކަށް އައިރާ ނުވެދާނެކަމުގެ ޚިޔާލުންނެވެ. އައިރާ އެދެފި ކޮންމެ ކަމެއް އޭނާ ކޮށްދޭނެއެވެ. އެގޮތުން ލޫކަންއާ ދުރަށް ދިއުމަށް އައިރާ ބޭނުންވެއްޖެނަމަ ދެން ހަދާނީ ކިހިނެއްބާއެވެ. ހިތްނުތަނަވަސް ކުރުވަމުންދިޔަ ސުވާލުތަކާއެކު ލޫކަން ނުކުތީ ބެލްކަންޏަށެވެ. ވައިރޯޅިއެއްގެ ހިލަމެއް ވެސް ނުވެއެވެ. ގޭތެރެ އޮތީ ހިމޭންވެފައެވެ. ފުރަތަމަ ވެސް ބަލާލެވުނީ އައިރާގެ ކޮޓަރި ހުންނަ ދިމާ އަށެވެ. މިރޭ އޭނާ އައިރާއާ ބައްދަލު ކުރާން ދިޔައިރު ވެސް އެ ކޮޓަރީގެ ކުޑަދޮރު ހުރީ ލައްޕާފައެވެ. މިހާރު ވެސް ހުރީ އޭރު ލައްޕާފައި ހުރި ގޮތަށެވެ. ފުންނޭވާއެއް ލުމާއެކު ލޫކަން އޭނާގެ އިސްތަށިގަނޑުގައި ދެއަތުން އަތްފުނާ އަޅާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލާފައި އެނބުރި ކޮޓަރިއަށް ވަދެ ބިއްލޫރި ދޮރު ދަމާލުމާއެކު ލައްޕާލިއެވެ. ފަރުދާތައް ރީތިކޮށްލާފައި އައިސް އެނދުގައި އުއްޑުން އޮށޯތީ ކޮންމެވެސް އިރަކުން ނިދޭނެކަމުގެ އުންމީދު ގައެވެ.
* * * *
ޒޭންއާއެކު އާދައިގެ މަތީން ހެނދުނުގެ ޑިއުޓީގައި ލޫކަން އުޅުނެވެ. އައިރާ މާލެ ބަދަލުކުރުމަށް ޒޭންއާއި ޔާނާ ދިން ޚިޔާލަށް ތާޢީދުކޮށް ލޫކަން ވާހަކަދެއްކިއެވެ. އައިރާ ވެސް ހުރީ އެގެއަށް ބަދަލުވާގޮތަށްކަމުގައި ލޫކަން ބުންޏެވެ. އެއާއެކު ޒޭންއަށް ލިބުނީ އަޖައިބެއް ފަދަ އުފަލެކެވެ. އޭނާ ވަގުތުން ޔާނާއަށް ގުޅާފައި އެ ޚަބަރު ދިނެވެ.
"ކޮންއިރަކުން އައިރާ ގޮވައިގެން އަންނާނީ؟" ޒޭން އަހާލިއެވެ.
"އެބައޮތް ޝަރުތެއް. އަހަންނަށް ވެސް ތިގޭގައި ހުރެވެންޏާ އައިރާ ގެންނާނީ" ސަމާސާ ގޮތަކަށް ލޫކަން ބުންޏެވެ.
"އަހަރެންގެ ހިތް ބުނި އައިރާ މާލޭގައި ބަހައްޓާފައި ލޫކަންއަކަށް ދުރަކު ނުހުރެވޭނެއޭ... ހެ ހެ ހެ... މައްސަލައެއްނެތް. ތި ދެ މީހުންނަށް ވެސް ތިބެވޭނެ. މިރޭ ބަދަލުވާންވީނު. ކޮޓަރިތައް ހުންނާނީ އަބަދު ވެސް ތައްޔާރަށް"
"ޒޭންގެ ޑޭޑް ގާތުގައި ނުބުނާނަންތަ؟" ޒޭން ހަމައެކަނި ޔާނާގެ ގާތުގައި ބުނުމުން ލޫކަން ހަނދާންކޮށްދިނެވެ.
"އެނގެއެއްނު ބައްޕަ ކޫލްވާނޭކަން. ބައްޕަ ދޭތެރެއަކުން އަހާލާނެ ލޫކް ނާންނަނީ ކީއްވެތޯ ވެސް" ޒޭން ހިނިއައިސްފައި އިނދެ ބުންޏެވެ.
ޑިއުޓީ ނިންމާފައި ގެއަށް ދިއުމުގެ ކުރީން އައިރާއަށް ގުޅާފައި ޒޭންމެން ގެއަށް ބަދަލުވާންވީ ކަމުގެ ޚަބަރު ދިނެވެ. އެހެންވީމަ ލޫކަން އަންނާންވާއިރަށް ފޮށިތައްޔާރުކޮށްގެން ހުރުމަށް އެދުނެވެ. އަދި ކެތުލީނަށް ގުޅާފައި އައިރާއަށް އެހީތެރިވުމަށް ފޮނުވިއެވެ. އައިރާ މާގިނަ ވާހަކައެއް ނުދައްކައެވެ. ލޫކަން ބުނާން ބޭނުންވި ވާހަކަ ބުނެވުމުން ފޯނު ކަނޑާލީއެވެ. ރޭގައި އެ ދެމެދުގައި ދެކެވުނު ވާހަކައިގެ ސަބަބުން ކަމަށްވެދާނެއެވެ. އެފަދަ ގޮތަކަށް ވާހަކަ ދެއްކުނީތީ ލޫކަން ހިތާމައެއް ނުކުރެއެވެ. އޭނާ ބަޔާންކުރީ އޭނާގެ ހިތުގައިވާ އިހުސާސްތަކެވެ. ލުއި ހިނިތުންވުމަކާއެކު އަތުގައި އޮތް ފޯނު ޖީބަށް ލިއެވެ. ޤައިސްގެ މަތީން ހަނދާންވީ ދެނެވެ. އެހެންވެ އަވަހަށް ޖީބަށްލީ ފޯނު ނަގާ ގުޅާލިއެވެ.
"ކީއްކުރަން އެގެއަށް ދުވަސްކޮޅަކަށް ދަނީ؟" ޒޭންމެންގެއަށް ދުވަސްކޮޅަކަށް ބަދަލުވާން އުޅޭތީވެ އެކަމާ ޤައިސް ސުވާލުކުރިއެވެ.
"އެގޭގައި ކަމެއް އޮތީމަ. ޑޭޑް... މީ އަޅުގަނޑު މާލެ އައިފަހުން ރައްޓެއްސަކާއެކު ވަގުތު ހޭދަކޮށްލަން ބޭނުންވި ފުރަތަމަ ފަހަރު. ޒޭންގެ ފެމިލީ އަޅުގަނޑަށް ވަރަށް ރަނގަޅު"
"ދަރިފުޅަށް ފެންނަ ގޮތެއް. ވާނެ ކޮންމެވެސް އިރަކުން ޒޭންގެ ޢާއިލާއަށް މިގެއަށް އަންނާން ދަޢުވަތުދޭން" ދަރިފުޅުގެ އުފަލަށް ޓަކައި ޤައިސް ހިތްހަމަޖައްސާލީއެވެ. ހަމައެއާއެކު ދަރިފުޅުގެ ހިތުގައި އެބަޔަކަށް ޚާއްސަކަމެއް ދެވިފައިވާ ބަޔަކީ ކޮންބައެއްކަން އެނގެން ވެސް ޤައިސް ބޭނުންވިއެވެ.
* * * *
"ދެން ހަމަޖެހިބަލަ ރޫބީ" ސަލްމާ އިނދެފައި ބުންޏެވެ.
"ކިހިނެއްތަ ހަމަޖެހޭނީ. އޭނާ ހީވަނީ އަހަރެން އެގެއިން ބޭރުކޮށްލަން ފައިވިއްދާލާފައި ހުރިހެން. ޔަގީނޭ ލޫކަން އެ އުޅެނީ އައިރާ ބުނާ ގޮތަށްކަން. އެކަމަކު... ޤައިސް... ދެން ނޭނގެ... އަހަރެން ބޯގޮވައިފި" ސަލްމާ މެންގޭ ހާމަފެންޑާގައި ދެކޮޅަށް ހިނގަހިނގާ ހުރެފައި ރުބީނާ އައިސް ގޮނޑީގައި އިށީނެވެ.
ޤައިސްއަށް ހުރިހާ ކަމެއް ފަޅާއަރާފާނޭތީވެ ރުބީނާ އިންތިހާއަށް ކަންބޮޑުވެފައި ވެއެވެ. އެކުވެރީންނަށް ވެސް ކޮށްދެވޭނޭ ކަމެއްނެތެވެ. ހައްލެއްކަމުގައި ފެނުނީ އައިރާގެ ދިރިއުޅުން ދާނޭ ގޮތަކަށް ދިއުމަށް ދޫކޮށްލުމަށްފަހު އަމިއްލަ ދިރިއުޅުން ސަލާމަތްކުރުމެވެ. ނަމަވެސް އެގޮތް ރުބީނާގެ ލަގޮނޑިއަކަށް ކެތެއްނުވިއެވެ. ކޮންމެ ގޮތަކުން ވެސް އައިރާ ނިކަމެތިކޮށްލަން ބޭނުންވެއެވެ. ޤައިސްމެން ގެއިން އައިރާ ބޭރުކޮށްލަން ބޭނުންވެއެވެ.
"ދެން ބުނާންވީނު އައިރާގެ ރަށަށް ފޮނުވައި ދީފާނަމޭ. އޭނާއަށް ވެސް މިކޮޅުގައި އެހާލުގައި އުޅުމަށްވުރެ ރަނގަޅުވާނެއެއްނު ރަށުގައި ހުރިއްޔާ. ދަރިފުޅު ވެސް އޭނާއަށް ދޭން މަށަށް ފެންނަނީ. އެއްކޮށް އެކަމުން ބޯދަމައިގަނެވޭތޯ ބަލާ" ހިދާ އިނދެފައި ބުންޏެވެ. އެ ޚިޔާލު ރުބީނާއަށް ވެސް ކަމުދިޔައެވެ. ޤައިސްމެން ގެއިން އައިރާ ނެރެވިއްޖެއްޔާ ރުބީނާގެ ބޮލުގައި ރިހުން ކުޑަވާނޭތާއެވެ. އަނެއްކޮޅުން ލޫކަންގެ އިންޒާރުތަކަށް ނިމުން އަތުވެދާނެއެވެ.
އިރުއޮއްސެން އުޅެނިކޮށް ގެއަށް އައިސް ވަން ރުބީނާ ޚާދިމުން އުޅޭ ބަޔަށް އައުމަށް މިސްރާބު ޖެހިއެވެ. އޭރު އޭނާގެ ސިކުނޑީގައި އައިރާގެ ގާތުގައި ދައްކާނޭ ވާހަކަތައް ރާވާ ހަނދާނުގައި ތަކުރާރުކުރަމުންދިޔައެވެ. ފުރަތަމަ ވެސް ކަންތައް ކުރެވުނު ގޮތުގެ މައްޗަށް މަޢާފަށް އެދޭނީ ކަމުގައި ނިންމިއެވެ. ފަރިކޮށް އައިސް ޚާދިމުންގެ ބަޔަށް ވަންނަ ބޮޑުދޮރުން އެތެރެއަށް ވަނެވެ.
"ކޮބާ އައިރާ؟" އައިރާ އުޅޭ ކޮޓަރިއަށް ވަދެފައި ނުކުތް ވަގުތު މޯނާ ފެނިގެން ރުބީނާ ސުވާލު ކުރިއެވެ.
"ލޫކް ސާރއާއެކު ދިޔައީ" މޯނާ ބުނެލިއެވެ.
"ކޮންތާކަށް؟ ބޭރަށްތަ؟ އަންނާނޭ އިރެއް ބުނިތަ؟" ރުބީނާ ވިސްނާލަމުން އަހާލިއެވެ.
"ނޭނގެ" މޯނާ ހުރި ގޮތުން އޭނާ މާގިނަ ވާހަކަދައްކަން ބޭނުންނުވެފައި ހުރި ކަހަލައެވެ. އިތުރަށް އެއްޗެއް ނުބުނެ ރުބީނާ އެނބުރި ދިއުމަށް ހިނގައިގަތެވެ.
"ކޮންތާކަށްބާ އެ ދިޔައީ؟ ވެދާނެ އަތިރިމައްޗަށް ނުކުތީކަމަށް ވެސް... އެކަމަކު ލޫކަން ހުއްޓާ އައިރާއާ ވާހަކަދެއްކުން ރަނގަޅެއްނުވާނެ" އަމިއްލަ ނަފްސާ ވާހަކަދައްކަމުން ރުބީނާ އައިސް ބަދިގެއަށް ވަނެވެ. (ނުނިމޭ)