ވިޔަފާރި

ޖޫން މަހު އައި ޓޫރިސްޓުން 7.8 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ޓޫރިސްޓުން އައި އަދަދު އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު [ޖޫން] ގެ ނިޔަލަށް ރާއްޖެއަށް 85,222 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 79,034 ޓޫރިސްޓުންނެވެ. މި އަދަދަކީ 7.8 ޕަސެންޓް އިތުރު ވުމެކެވެ.

އެ މިނިސްޓްރީ ބުނި ގޮތުގައި މިދިޔަ މަހު އިނގިރޭސިވިލާތުން 6,081 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ޒިޔާރަތްކުރި 5,893 ޓޫރިސްޓުންނާ އަޅާބަލާއިރު 3.2 ޕަސެންޓް އިތުރުވުމެކެވެ. އަދި ރަޝިޔާއިން 3,262 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކޮށްފައިވަނީ 2,939 ޓޫރިސްޓުންނެވެ. މިއީ 11 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން އިޓަލީން މިދިޔަ މަހު 2,768 ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކުރީ 2,583 ޓޫރިސްޓުންނެވެ. މިއީ 7.2 ޕަސެންޓް އިތުރު ވުމެކެވެ. ނަމަވެސް މިދިޔަ މަހު ފްރާންސުން ޒިޔާރަތް ކޮށްފައިވަނީ 701 މީހުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރީ 778 މީހުންނެވެ.

އިތުރު އެހެން މާކެޓުތަކަށް ބަލާއިރު ޗައިނާއިން މިދިޔަ މަހު 24,160 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 28,653 ޓޫރިސްޓުންނާ އަޅާބަލާއިރު 15.7 ޕަސެންޓް ދަށްވުމެކެވެ. މީގެ އިތުރުން އިންޑިޔާ އިން މިދިޔަ މަހު 6,919 މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކޮށްފައިވަނީ 4,660 މީހުންނެވެ. މިއީ 48 ޕަސެންޓް އިތުރު ވުމެކެވެ.