ޓޫރިޒަމް

374 ގެސްޓްހައުސްއާއި 148 ރިސޯޓު ހުޅުވައިފި

Mar 12, 2021

ބޯޑަރު ބަންދުކޮށް އަލުން ހުޅުވި ފަހުން، މިހާތަނަށް ރާއްޖޭގެ 374 ގެސްޓްހައުސް އާއި 148 ރިސޯޓު ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އަށް އަތޮޅެއްގެ 55 ރަށުގެ ގެސްޓްހައުސްތައް ވަނީ ހުޅުވާފަ އެވެ. ހުޅުވި ގެސްޓްހައުސްތަކުގެ އަދަދަކީ 374 އެވެ.އަދި މި ތަންތަނުގައި ހުރި އެނދުގެ އަދަދަކީ 6،826 އެވެ.

ގެސްޓްހައުސް އަލުން ހުޅުވި ރަށްތަކުގެ ތެރެއިން އެންމެ ގިނަ އެނދު މިހާތަނަށް އޮޕަރޭޝަނަށް ގެނެސްފައިވަނީ މާލެ އަތޮޅުންނެވެ. ގްރޭޓާ މާލެ ސަރަހައްދުގެ 49 ގެސްޓްހައުސްއެއްގެ 1420 އެނދު ވަނީ އަލުން އޮޕަރޭޓް ކުރަން ފަށާފަ އެވެ. މީގެ އިތުރުން މާފުށީގެ 28 ގެސްޓްހައުސްއެއްގެ 1،078 އެނދު އަލުން އޮޕަރޭޝަަނަށް ގެނެސްފައިވެ އެވެ.

މިހާތަނަށް 18 އަތޮޅެއްގެ 148 ރިސޯޓު ވަނީ އަލުން އޮޮޕަރޭޝަނަށް ގެނެސްފަ އެވެ. މި ތަންތަނުގައި ހުރި 34،226 އެނދު ވަނީ އަލުން ހުޅުވައި ހިދުމަތް ދޭން ފަށާފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓޫރިސްޓުންނަށް ހިދުމަތްދޭ 673 ތަނެއްގެ ޖުމްލަ 45،233 އެނދު މިހާރު ވަނީ އަލުން އޮޕަރޭޓް ކުރަން ފަށާފަ އެވެ.