ހިނގަމުންދާ ޓްރާންސްފާ ޕީރިއަޑްގައި އެންމެ ގަދަ އަށް ދެކެވުނު ވާހަކައަކީ، ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކުލަބު ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭ ވާހަކަ އެވެ. ނަމަވެސް، އެ ވާހަކަ އަށް ނިންމުން އައިސްފި އެވެ. ރެއާލްގައި މަޑު ކުރާނެ ކަމުގެ ޔަގިންކަން ރޮނާލްޑޯ ދީފި އެވެ.
މިދިޔަ ހަތަރު އަހަރު ތެރޭ، ރޮނާލްޑޯ ހޯދި، ފަރުދީ އެވޯޑްތަކާއި، ޓިމުގެ ފެންވަރުގައި ހޯދި އެވޯޑްތައް ހޯދާފައި ވަނީ، ރެއާލް މެޑްރިޑްގަ އެވެ. އޭނާ ހުރީ ކުރިއަށް އޮތް އަހަރު ތަކުގައިވެސް ރެއާލްގައި އެ ކާމިޔާބުތައް ތަކުރާރު ކުރުމަށެވެ.
"މުހިންމު ތަށި ތަކެއް އަހަރެންގެ ކުލަބާއެކު މިދިޔަ އަހަރު ހޯދުމަކީ ލިބުނު ބޮޑު ކާމިޔާބެއް، ފަރުދީ އެވޯޑްތައް ވެސް ހަމަ އެހެން، އެ ކާމިޔާބުތައް އަނެއްކާވެސް ތަކުރާރު ކުރުމަކީ އެއަށް ވުރެ ބޮޑު ކާމިޔާބަކަށް ވެގެންދާނެ،" ސްޕެއިންގެ ކުޅިވަރު ނޫސް މާސާއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.
"އެ ކާމިޔާބުތައް އަނެއްކާވެސް ތަކުރާރު ކުރުން" މި އިބާރާތަށް އިޝާރާތް ކޮށް، މާސާއިން ބުނީ އެއީ ރެއާލްގައި ރޮނާލްޑޯ މަޑު ކުރާނެ ކަމުގެ އިޝާރާތެއް ކަމަށެވެ. މިއީ ރެއާލް ދޫކޮށްލަން ރޮނާލްޑޯ މަސައްކަތް ކުރާ ވާހަކައާ ގުޅިގެން، އޭނާ މީޑިއާގައި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
ރޮނާލްޑޯ، މިހާރު ހޭދަ ކުރަމުން ދަނީ އޭނާގެ ޗުއްޓީގެ އެންމެ ފަހު ދުވަސް ތަކެވެ. އަންނަ މަހު 13 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސްޕެނިޝް ސްޕަ ކަޕްގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ކުޅެވޭ ވަރަށް، ރޮނާލްޑޯ ރެއާލް ގުޅޭނެ ކަމަށް މާސާއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ނަމަވެސް، އޭގެ ކުރިން، އަންނަ މަހުގެ އަށް ވަނަ ދުވަހު، އޮތީ ޔޫއެފްއާ ސްޕަ ކަޕްގައި ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗެވެ. އެ މެޗުގައި ރޮނާލްޑޯ ނުފެންނާނެ އެވެ.