މިސް ވޯލްޑް މުބާރާތް ނިމުނީ އެވެ. ރީތި ރަނިންގެ ބިކިނީ ޕެރޭޑު ނިމުމަކަށް އައިސް ދެކުނު އެފްރިކާގެ ރީތީގެ ރާނީ ރޮލީން ސްޓޮރަސް އަށް ޝަރަފްވެރިކަމުގެ ތާޖު ލިބުނީ އެވެ.
ދެން މި އޮތީ އެންމެ ރިވެތި މުސްލިމު އަންހެނާގެ ވާހަކަ އެވެ. ނުވަތަ އެންމެ ތާހިރު މުސްލިމު އަންހެނާ ހޮވާ މުބާރާތުގެ ވާހަކަ އެވެ. ބިކިނީ ޕެރޭޑަށް މަޝްހޫރު މިސް ވޯލްޑަށް މުސްލިމު ދުނިޔެއިން ދީފައިވާ ރައްދަކީ މިއީ އެވެ. ވޯލްޑް މުސްލިމާ އެވޯޑް ނުވަތަ މަޝްހޫރު ނަމުން ނަމަ، މިސް މުސްލިމާ މުބާރާތެވެ.
މިއީ މިސް ވޯލްޑާއި މިސް ޔުނިވާސްއާ އެއް ފެންވަރެއްގައި މުސްލިމު ދުނިޔޭގައި ކުރިއަށް ގެންދާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. އީކާ ޝާންތީ ނަމަކަށް ކިޔާ އިންޑޮނީޝިއާގެ ކުރީގެ ޓީވީ ޕްރެޒެންޓަރަކު 2011 ވަނަ އަހަރު މި އާދަޔާހިލާފު މުބާރާތް ތައާރަފްކުރީ އޮން އެއާ އަށް ބުރުގާ ނުނަގައިގެން ވަޒީފާ އިން ކަނޑާލުމުގެ ހިތި ތަޖުރިބާ އަށް ފަހު އެވެ.
މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފޯރި އަހަރަކަށް ވުރެ އަހަރެއް ގަދަވަމުން އަންނައިރު މި މުބާރާތް މިހާރު ބަދަލުވެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމު އަންހެނުން ބައިވެރިވާ ފޯރި ގަދަ މުބާރާތަކަށެވެ. މި އަހަރުގެ މުބާރާތުގައި ވެސް ޓްރިނިޑާޑް، ނައިޖީރިއާ، އީރާން، ޓިއުނީޝިއާ، ޔޫކޭ އަދި އޭޝިއާގެ ގިނަ ގައުމުތަކެއްގެ މުސްލިމު އަންހެނުން ބައިވެރިވި އެވެ.
ފަލަސްތީނާއި މިސްރާއި ޖަރުމަނާއި އެމެރިކާ އިން ވެސް މުބާރާތަށް "ރީތީގެ ރަނިން" ދިޔަ އެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން ވިސާ ހަމަނުޖެހިގެން މި ގައުމުތަކުގެ "ރީތީގެ ރަނިންނަށް" މި އަހަރުގެ މިސް މުސްލިމާގައި ބައިވެރިއެއް ނުވެވުނެވެ.
މި އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި "މިސް އިންޑިއާ" އާ ވާދަކޮށް ޓިއުނީޝިއާގެ "މުސްލިމު ރާނީ" އެވެ.
"އަޅުގަނޑު ބުނެލަން ބޭނުން ވަނީ، އިސްލާމީ ދުނިޔެއަށް އެހީތެރިވުމުގެ ފާގަތިކަން މާތް ރަސްކަލާގެ އަޅުގަނޑަށް މިންވަރު ކުރައްވާށިއޭ. އަދި ފަލަސްތީނުގެ ގާޒާ އާއި ސީރިއާ އަދި އިސްލާމީ އެހެން ގައުމުތަކުގައި ވެސް ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެންމެން ވެސް ހެޔޮ ދުއާ ކުރައްޗޭ،" އެވޯޑާ ހަވާލުވުމަށް ފަހު ޓިއުނީޝިއާގެ ރީތީގެ ރީތީގެ ރާނީ ފާތިމާ ބިން ގުލްފްރާޗީ ބުނީ މިހެންނެވެ.
މި މުބާރާތުގެ އެންމެ ހާއްސަ ސިފަ އަކީ މިއީ އެވެ. މިސް ވޯލްޑް އާއި މިސް ޔުނިވާސްއާ މި މުބާރާތް ތަފާތުވަނީ އިސްލާމީ ގަބޫލުކުރުންތައް ކުރިއަށް ނެރެގެން ކުރިއަށް ގެންދާ މުބާރާތަކަށް ވާތީ އެވެ.
މީގައި އޮންނަނީ ވާދަ އަށް ގުރުއާން ކިޔެވުމާއި އިސްލާމީ އެކި މައުޟޫތަކާ ގުޅޭ ތަފާތު ސުވާލުތަކަށް ޖަވާބު ދިނުމެވެ. މިސާލަކަށް ނެއިލް ޕޮލިޝް އިސްލާމް ދީނުގައި ހަރާންތޯ ނުވަތަ ނޫންތޯއޭ ބުނެ ކުރާ ކަހަލަ ސުވާލުތަކެވެ.
މުބާރާތް ކާމިޔާބުކުރާ ފަރާތަކަށް ދެނީ 10،000 އެމެރިކާ ޑޮލަރާ އެއްވަރުގެ އަގުހުރި ރަނެވެ. ރަނުން ޖަރީކޮށްފައިވާ އަތުކުރި ގަޑިއެއް ވެސް ލިބެ އެވެ. އަދި ދެކުނު ކޮރެއާ އާއި މައްކާގެ ދެކޮޅު ޓިކެޓް ވެސް ލިބެ އެވެ.
މި މުބާރާތުގައި އިސްލާމީ ރިވެތި ކުލަތައް ޖައްސާފައިވީ ނަމަވެސް އަދި އިސްލާމް ދީނުގައި ރިވެތީ އަޚުލާގު ކަމަށް ދައްކަން މަސައްކަތްކުރި ނަމަވެސް މުބާރާތަށް ޒަމާނީ ފެޝަނުގެ ކުލަތައް ވެސް ވަރަށް ބޮޑަށް ވަދެފައިވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ މުސްލިމު އަންހެނުން ފެންނަނީ ބުރުގާގެ ފެޝަން ވައްތަރުތަކާ އެކު ނިކަން ގަދަ އަށް މޭކަޕްކޮށް ބޭރު ފުށުގެ ރީތި ކަމަށް ވެސް އިސްކަން ދީގެން ތިބޭ ތަނެވެ.
ރާއްޖޭގައި ވެސް މި ވައްތަރުގެ މުބާރާތެއް ކުރިއަށް ގެންދެ އެވެ. އެއީ ކޮންމެ ރޯދަ މަހެއްގައި މިހާރު ޓީވީއެމުން ގެނެސްދޭ "އެންމެ އަލިގަދަ ތަރި" އެވެ. މިއީ ދެ ޖިންސަށް ވެސް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ފޯރިގަދަ ގުރުއާން މުބާރާތެކެވެ.
ޔަގީނަށް ވެސް މިސް މުސްލިމާ މުބާރާތަށް ވުރެ ހެޔޮކަން ބޮޑެވެ.