ހަބަރު

ދުސްތޫރީ ނިޒާމް އޮތީ ހިންގޭ ވަރަށް ވުރެ އޮޅުން ބޮޅުންކޮށް: ރައީސް

Jul 26, 2017
19

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ރާއްޖެ ފަދަ ކުޑަ ގައުމެއް ހިންގޭ ވަރަށް ވުރެ އޮޅުން ބޮޅުން ބޮޑުވެފައި ކަމަށާއި އެ ނިޒާމް ފަރުމާކޮށްފައި ވަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅާ ހުއްޓުމަކަށް ގެނެވޭ ފަދަ ގޮތަކަށް ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ވަނީ ޑްރެޑް ލޮކްއަކަށް ފަރުމާ ކުރެވިފައި ކަމަށެވެ. އަދި އެ ނިޒާމް އޮންނަނީ ރައީސް އަކަށް ހުންނަ މީހަކު ރައްޔިތުންގެ ކުރިމައްޗައް "އަތް ފަހަތަށްލާ ބަނދެގެން" ނެރެވޭ ގޮތަށް އެކުލަވާލެވިފައި ކަމަށާއި އެހެންކަމުން ދުސްތޫރީ އޮނިގަނޑުގެ ތެރެއިން ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އަޅާ ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުސަތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދާ ގަނެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"[ރާއްޖޭގެ ދުސްތޫރީ] ނިޒާމް އޮތީ ރާއްޖެ ފަދަ ކުޑަ، މީސްކޮޅު މަދު އަދި ތަނަވަސްކަން ކުޑަ ގައުމަކަށް ހިންގޭވެ ވަރަށް ވުރެ މާ އޮޅުން ބޮޅުން ބޮޑުކޮށް. ޅަފަތުގައިވާ އަދި ޑިމޮކްރަސީގެ އާދަތައް އެބައެއްގެ ތާރީހުގައި ނުވާ ދައުލަތަކަށް އެއް ދުވަހުން އެންމެ ފުރިހަމައަަށް ތަންފީޒު ކުރެވޭ ވަރަށް ވުރެ ބުރަ ބޮޑުކޮށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޑިމޮކްރަސީއެއް ހާއްސަ އެއް ސިފައަކީ ގާނޫން ހަދާ މަޖިލީހުގެ އަގުލަބިއްތަތު ނެތް ކަމުގައވީ ނަމަވެސް ސަރުކާރުގެ އެންމެ އިސްވެރިޔާ ހުރެގެން ދައުލަތް އަދި ސަރުކާރު ކުރިޔަށް ގެންދިޔުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދުސްތޫރީ އޮނިގަނޑުތަކުގައި މިކަން ހަމަޖެހިފައި ހުންނަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް އެކަމުގައި ހުރުމުން ކަމަށާއި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކާއި ސަލާމަތީ މަސައްކަތްތައް ހުއްޓުމެއް ނެތި ކޮންމެ ވަގުތެއްގައި ވެސް ކުރިޔަށް ގެންދަން ޖެހޭތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ގާނޫން އަސާސީ ދަސްދީގު ކުރި ފަހުން ގައުމީ ފެންވަރުގައި ހަތް އިންތިހާބެއް ބޭއްވިފައިވޭ. މިދިޔަ ނުވަ ވަރަކަށް އަހަރުގެ ތެރޭގައި 40 ޕަސަންޓާ ގާތް ކުރާ އަދަދެއް ހޭދަކޮށްފައި ވަނީ އިންތިހާބުގެ މަސައްކަތްތަކަށް. މިއަދު ކޮންމެ 466 ރައްޔިތަކަށް ގައުމީ ފެންވަރުގައި އިންތިހާބު ކުރެވިފައި ހުރި މުސާރަވެރިއަކު ދައުލަތުގައި އެބަހުރި. މިއިން ކޮންމެ ބޭފުޅަކު މަސައްކަތް ކުރައްވަނީ ގައުމުގެ މަސްލަހަތައް ކަމުގައި ވާނަމަ ހަގީގީ ސުވާލަށް ވާން ޖެހޭނީ މަގުތައް އަމާންވެ ކުޑަ ކުދިންނާ މުސްކުޅިންނަށް ރޭގަނޑު ނިދާލެވި ދަރިވަރުންނަށް އިމްތިހާން ހަދަން ހަމަހިމޭން ކަމާއެކު ތިބެވުނީމަ އޭގެ ފައިދާ ލިބޭނީ ކޮން ބަޔަކަށްތޯ ކުރެވޭ ސުވާލު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ކަނޑައަޅާފައި ތިބި މީހުން ސިޔާސީ ބޭނުމަކަށް ސަރުކާރުގެ ކާމިޔާބީތައް ހުއްޓުވުމުގެ މަގްސަަދުގައި ރައްޔިތުންނަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތައް މަޑު ޖައްސާ ތަރައްގީ ހުއްޓުވުމަށް ދުސްތޫރުން އަދި ގާނޫނުން ދީފައިވާ ބާރުތައް ބޭނުން ކުރެވިދާނެތޯ ސުވާލު ކޮށްލަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި އަމިއްލަ ފައިދާ ހޯދަން ދުސްތޫރީ ބާރުތައް ބޭނުން ކުރެވިދާނެތޯ އާއި އެ މަސައްކަތްތަކަކީ ޖާއިޒް މަސައްކަތްތަކެއްތޯ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ.