ހަބަރު

އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ކުރަނީ ގައުމަށްޓަކާ ކުރާ ހަނގުރާމައެއް: ރައީސް

ދައުލަތަށް ރާއްޖެއިން ބޭރުންނާއި އެތެރެއިން ނުފޫޒުތައް ފޯރުވަމުން ދާއިރު މި ކުރައްވަނީ ގައުމަށްޓަކައި ހަނގުރާމައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޒަމާނުއްސުރެއް ރާއްޖޭގައި އޮތް ހަމަޖެހުމާއި އަމާންކަން ގެއްލެން މިއަދު ފަށާފައިވާ ކަމަށާއި ބޭރުގެ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް އެންމެ ބޮޑު ނުރައްކަލެއް ކުރުވަނީ ވެސް ދިވެހިންގެ ފަރާތުން ކަމަށެވެ. އަދި އެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ ރައްޔިތުންގެ ނަން ބޭނުންކޮށްގެން ސިޔާސީ ބައެއް ފަރާތްތައް އަމިއްލަ އެދުމުގައި ކުރާ މަސައްކަތްތަކުން ކަމަށާއި ނަމަވެސް އެކަންކަމަށް އިޖާބު ދީގެން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީން މި ގައުމަ ހަވާލުވީ ގައުމުގެ ހައްލު ނުވެ ހުރި ބޮޑެތި މައްސަލަތަކާ ހަނގުރާމަ ކުރައްވަން ކަމަށާއި ސިޔާސީ މައިދާނުގައި ތިބޭ ފަރާތްތައް 24 ގަޑިއިރު ކުރާ އަމިއްލަ އެދުމުން ފޮރުވިފައިވާ ސުވާލުތަކަށް ޖަވާބު ދިނުން މުހިންމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުގެ ހަނގުރާމައަކީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ގޮނޑުދޮށްތަކުން ޖާގަ ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ. ޒުވާނުން އިސްލާމް ދީން ދޫކޮށް ދިޔުމުގެ މައްސަލަތައް ހަލު ހޯދުމުގެ ހަނގުރާމަ. ރައްޔިތުންގެ ފުރާނައާ މުދަލުގެ ރައްކާތެރިކަން ޔަގީން ކުރުމުގެ ހަނގުރާމަ. ޓެރަރިޒަމްއާ ހައްދު ހަފަނަ އަޅާ ދިޔުމާ ދެކޮޅަށް ކުރާ ހަނގުރާމަ އެއް. މަސްތުވާތަކެތީގެ މައްސަލަތއް ހަލުކޮށް އަންހެނުންނާ ކުޑަކުދިންގެ ނިޒާމްތައް ހަރުދަނާ ކުރުމުގެ ހަނގުރާމްތައް. އިގްތިސާދު ކޮޅަށް ޖެހުމުގެ ހަނގުރާމަ. ދިވެހިްނގެ އަތުން ބީވުމުގެ ބިރުހީވެފައިވާ ވަޒީފާގެ ބާޒާރުފަހިކޮށް ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމުގެ ހަނގުރާމަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލަތަކަކީ މިދިޔަ އެ މަނިކުފާނު ވެރިކަން ކުރެއްވި ހަތަރު އަހަރު ތެރޭގައި ގައުމަށް އުފަންވި މައްސަލަތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެ މައްސަލަތައް ވަނީ މީގެ ކުރީގެ ސަރުކާރުތަކުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމަށް ވާރުތަވެފައި ކަމަށާއި އެކަންތަކުން އަރައިގަތުމަށް ސަރުކާރުން ރެއާ ދުވާލު ކުރަމުން އަންނަ މަސައްކަތްތަކަށް ނާކާމިޔާބު ކުރުމަށް އިދިކޮލު ފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ގައުމަށްޓަކާ ނުވަތަ ރައްޔިތުންނަށް ޓަކާ ކުރެވޭ މަސައްކަތްތަކެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެތެރެއާ ބޭރުން އަދި ދުރާ ގާތުން ކެނޑިނޭޅި އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރުވާ ގޮންޖެހުންތަކާ އެކުގައި ވެސް އެ މަސައްކަތްތަކުގައި ދެމި ހުރީ މި ގައުމާ މެދު އުންމީދުތަކެއް ވާތީ ކަމަށާއި އެކަން ކުރުމުގައި ބައިވެރިވުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.

"ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނީ ތިމަންނާ ވެސް ބައިވެރިވެގެނޭ ބުނުމުގެ އުފާ ހާސިލް ކުރުމަށް ތި ރައްޔިތުންނަށް އިލްތިމާސް ކުރަން. މި ގައުމުގެ ތުއްތު ކުދިންގެ އުންމީދުތައް ހާސިލްކޮށްދިނުމުގެ ޝަރަފު ހޯދައިދިނުމުގެ ފުރުސަތު އޮތީ ހުޅުވިފައި. ފަހުރުވެރި ދިވެހިންގެ ގައުމީ ރޫހާއެކު މި ކަމުގައި ބައިވެރިވެވަޑައިގަންނަވާ. އެއީ މުޅި ގައުމަށް ލިބެނެ ކުރިއެރުމެއް. ގައުމާ މެދު އޮންނަ ފަހުރު އޮންނަން ވާނީ ގައުމު ފަހުރުވެރިވުމަށް ފަހުގަ އެއް ނޫން އެއާ ހުލާފަށް ގައުމުގެ ފަހުރު ބިނާ ކުރާނެ ތިމާގެ ފަހުރު ގައުމާ އެކުވެގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.