ހަބަރު

ފުލުހުންގެ ވާޖިބަކަށް ނޫސްވެރިން ހުރަހެއް ނާޅާ: ރާއްޖެ ޓީވީ

އިދިކޮޅު ފަރާތްތަކުން މިރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތް ކަވަރު ކުރަމުން ދަނިކޮށް ހައްޔަރު ކުރި ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ނޫން ކަމަށާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ކަމުގައިވާނަމަ އެއީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލުކަމާއި، ޑިމޮކްރެޓިކް ވެއްޓެއް ދެމެހެއްޓުމަށް ފުލުހުންގެ ގާބިލް ކަން ނެތުން ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ. ރާއްޖެ ޓީވީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

މިރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ރާއްޖެ ޓީވީ އަދި ސަންގު ޓީވީގެ ނޫސްވެރިން ތަކެކެކެވެ.

މިރޭ އެ ޓީވީ ސްޓޭޝަންގެ ނޫސްވެރިން ހައްޔަރި ކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނަށް އަނިޔާކޮށް، ތަކެއްޗަށް ގެއްލުން ދީ ނޫސްވެރިން ހައްޔަރު ކުރީ އެ ސަރަހައްދުގައި ފުލުހުން ހިންގަމުންދިޔަ ލާއިންސާނީ އަމަލުތައް ގެނެސްދިނުމަށް ހުރަސް އެޅުމަށް ކަމަށެވެ.

އެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލް އަަށް އަރުވާ ތަޅާ އަނިޔާކުރިއިރު، އަބްދުﷲ ނަސީރު އިބްރާހީމްގެ ގައިގައި ތަޅާ އަނިޔާކުރީ ލައިވް ފޯނުގައި ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ. އަދި ނަސީރަށް އަނިޔާކުރުމުގެ އިތުރުން ފޯނު ނުބާއްވައިފިނަމަ ފޯނު "ފުނޑާލާނެ" ކަމަށް ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު އިންޒާރުދިން ކަމަށެވެ. އަދި އެމީހުން ނަސީރާ ދިމާއަށް އަވަގުރާނަ ގޮވާފައިވާ ކަމަށް އެ ބަޔާނުގަިއ ބުނެފައިވެ އެވެ.

މުރުޝިދާއި، މުހައްމަދު ވިސާމް އަދި ކެމެރާމަން އަހްމަދު މަމްދޫހު އަދި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކުރީ ނޫސްވެރިންގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކަމަށެވެ.

ފުލުހުންގެ ވާޖިބަށް ނޫސްވެރިން ހުރަސް އެޅިކަމަށް ބުނި ނަމަވެސް ފެންނަ މަންޒަރުތަކުންނާއި ރިކޯޑުކުރެވިފައިވާ މަންޒަރު ތަކުން އެއީ ދޮގެއްކަން އެނގޭ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި ފުލުހުންގެ އަމުރަށް ކިޔަަމަންތެރި ނުވިޔަސް، ލާއިންސާނީ އަނިޔާ ދިނުމަކީ ފުލުހުންނަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

ރާއްޖެ ޓީވީން އިތުރަށް ބުނެފައިވަނީ ނޫސްވެރިން ހައްޔަރު ކުރިޔަސް، ތަކެއްޗަށް ގެއްލުން ދިނަސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި ނުޖެއްސޭނެ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރި ފުލުހުންނާ ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އަޅައި ފުލުހުންގެ ޔުނިފޯމްގައި ތިބެ އަނިޔާވެރިވަމުންދާ ތަގުން ފްރޮންޓްލައިނުން ވަކިކޮށް، ޑިމޮކްރެޓިކް ވެއްޓެއްގައި ހިދުމަތް ދެވޭނެ އަދި ފުލުހުންގެ ވާޖިބެކޭ އެއް ގޮތަށް ނޫސްވެރިންގެ ވާޖިބު އަދާކުރުމަކީވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށް ގަބޫލުކުރާ ފުލުހުން ހިދުމަތަށް ނެރުމަށް ގޮވާލާފަ އެވެ.

ނޫސްވެރިން ހައްޔަރު ކުރުމާ ގުޅިގެން ސަންގު ޓީވީން ވެސް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ.

ހައްޔަރު ކުރި ނޫސްވެރިން މިހާރުވަނީ ދޫކޮށްލާފަ އެވެ.