ދުނިޔެ

ވެރިކަންކުރާ ޕާޓީން އަނެއްކާވެސް ޓްރަމްޕާ ދެކޮޅަށް ވޯޓްދީފި

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދުވަަސްވަރު ފާސްކޮށްފައިވާ ސިއްހީ ހިދުމަތްތަކާ ބެހޭ ގާނޫނު " އެފޯޑަބްލް ހެލްތު ކެއާ އެކްޓް" އުވައި ލެއްވުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ކުރައްވާ މަސައްކަތަށް ، އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން އަނެއްކާވެސް ހުރަސް އަޅުއްވައިފިއެވެ.

" އޮބާމަކެއާ" ގެ ނަމުން މަޝްހޫރުވެފައިވާ ގާނޫނު މުޅިން އުވައިލަން ފެނޭތޯ ސެނެޓްގައި އިއްޔެ ނެގި ވޯޓްގައި އެކަމާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ. އެމެރިކާގެ ޕާލަމެންޓްގެ މަތިގެ ' ސެނެޓް' ގަައި 100 މެމްބަރުން ތިއްބަވާއިރު 52 މެމްބަރުންނާއި އެކު އަޣުލަބިއްޔަތު އޮންނަނީ ރިޕަބްލިކަން ޕާޓިއަށެވެ. ނަމަވެސް އޮބާމަކެއާ އުވައިލުމާ އެއްކޮޅަށް އިއްޔެ ލިބުނީ 45 ވޯޓެވެ.

އިއްޔެގައި ބިލާ ދެކޮޅަށް ވޯޓް ދެއްްވި މެމްބަރުން ވޯޓްދެއްވާފައި އެވަނީ ރިޕަބްލިކަަން ޕާޓީން ފާއިތުވި ހަތް އަހަރުވެސް ތަކުރާރުކުރަމުން އައި ވައުދަކާ ހިލާފަށެވެ.

ސެނެޓްގައި ސަރުކާރާ ދެކޮޅަށް ވޯޓް ދެއްވި މެމްބަރުންނަށް ރައީސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ ޓްވިޓާގައި ފާޑުވިދާޅުވެފައެވެ.

އޮބާމަކެއަ މުޅިން އުވާލައި އޭގެ ބަދަލުގައި އެހެން ގާނޫނެއް ފާސް ކުރުމަށާއި އެކަމަށް ދެ އަހަރު ދުވަސް ހޭދަކުރަން ރިޕަބްލިކަން ޕާޓީން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ދެން ކުރާނެ ކަމަކީ އެގާނޫނަށް ވަކިވަކި އިސްލާހުތަކެއް ގެނެސް، އެ އިސްލާހުތައް އެއް ގާނޫނަކަށް ބަދަލުކުމެވެ.