ކުޅިވަރު

ޖޮކޮވިޗަށް އަނިޔާވެ މި އަހަރު ދެން ނުކުޅޭނެ

Jul 27, 2017

ދުނިޔޭގެ ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވޯކް ޖޮކޮވިޗަށް އަނިޔާވެ، މިއަހަރު އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށް އޭނާ ބުނެފި އެވެ. އޭނާގެ އޮޅަނބޮށްޓަށް މީގެ ހަފުތާ ތަކެއް ކުރިން ވަނީ އަނިޔާ ވެފަ އެވެ.

އަނިޔާގެ ސަބަބުން، އޭނާ ވަނީ، މިހާރުވެސް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ބައިވެރި ނުވާނެ ކަން އިއުލާން ކޮށްފަ އެވެ. އޭނާ އެނބުރި އަންނަ އިރު، އޭނާ އަށް ގަދަ 10 ގެ ތެރެއިން ފުރުސަތު ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު އޭނާ ރޭންކު ކޮށްފައި ވަނީ، ދުނިޔޭގެ ހަތަރު ވަނައިގަ އެވެ.

"އަހަރެން ދެއްކި ޑޮކްޓަރުންނާ، އަހަރެން ލަފާ ހޯދި ސްޕެޝަލިސްޓުންނާއި ސާބިއާއިން އަހަރެން ދެއްކި ޑޮކްޓަރުންވެސް ލަފާ ދިފައި ވަނީ އަނިޔާއިން ރަނގަޅު ވުމަށް ބްރޭކް ނަގަންޖެހޭ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން، ޖޮކޮވިޗް ބުންޏެވެ. "ކުޅިވަރާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހޭނެ، އަހަންނަށްވީ އެންމެ ރަނގަޅަކަށް އަނިޔާއިން ރަނގަޅު ވުމަށް މަސައްކަތް ކުރާނަން، އަދި ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނަން."

ޖޮކޮވިޗްގެ ޑޮކްޓަރު މިދިޔަ ހޯމަ ދުވަހު ބުނެފައި ވަނީ، އަނިޔާއިން ރަނގަޅު ވުމަށް މަދުވެގެން ތިން މަސް ދުވަހު، ކުޅުމުގައި ދުރުގައި ހުންނަން މަޖުބޫރު ކަމަށެވެ. އަނިޔާގެ ސަބަބުން އޭނާ ވަނީ، ނިމިގެން ދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކްއާޓާ ފައިނަލުން ވަކިވެފަ އެވެ.

އަނިޔާއަށް ފަހު ޖޮކޮވިޗް އެންމެ ފުރަތަމަ ފެނިގެން ދާނީ، އަންނަ އަހަރު އޮންނަ އޮސްޓްރޭލިއަން އޯޕަންގަ އެވެ. އޭނާ ބުނީ އޭނާގެ ކޯޗިން ޓީމުގައި ހަރަކާތްތެރިވާ، ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ސްޕެއިންގެ އަންދުރޭ އަގާސީ އޮސްޓްރޭލިއަން އޯޕަންގައިވެސް ދެމިހުންނާނެ ކަމަށެވެ. އަގާސީ ވަނީ މެއި މަހުން ފެށިގެން ޖޮކޮވިޗްގެ ކޯޗިން ޓީމުގައި މަސައްކަތް ކުރަން ފަށާފަ އެވެ.

ޖޮކޮވިޗް ވަނީ އިއްޔަ އެހެން ޚަބަރެއްވެސް ދީފަ އެވެ. އޭނާ ބުނީ އޭނާގެ އަންހެނުން ޖެލީނާ، އެދެމަފިރިންގެ ދެ ވަނަ ދަރިފުޅަށް ވިހަން ތައްޔާރު ވެފައިވާ ކަމަށެވެ.