ދުނިޔެ

ނަވާޒް ޝަރީފު ކޯޓަށް، ޕާކިސްތާނުގެ ވެރިކަން ބަދަލުކުރުމުގެ ސަގާފަތް ތަކުރާރުވަނީބާ؟

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ނަވާޒް ޝަރީފު އަންނަ އަހަރުގެ ނިޔަލަށް ހުންނަވައިފި ނަމަ އޭނާ ވާނީ ބޮޑުވަޒީރުކަމުގެ ދައުރު އެގައުމުގައި ފުރިހަމަ ކުރައްްވާ ފުރަތަމަ ބޭފުޅާއަށެވެ. މީގެ ކުރިން އެއްވެސް ބޭފުޅަކަށް ދައުރު ނިމެންދެން މަގާމުގައި ދެމިހުންނެވިފައެއް ނެތެވެ. ނަމަވެސް އޭނާއަށް އަންނަ އަހަރާ ހަމައަށް ހުންނެވިދާނެކަމާ މެދު މިހާރު ވަަނީ ސުވާލު އުފެދިފައެވެ.

ސުޕްރީމްކޯޓުން އުފެއްދި ޖޮއިންޓް އިންވެސްޓިގޭޝަން ޓީމް ( ޖޭއައިޓީ) އިން ވަނީ ބޮޑުވަޒީރާއި އޭނާގެ ބޭފުޅުން ގައުމުން ބޭރުގައި ގެންގުޅުއްވާ މުދާތަކުގެ މައްސަލައިގައި ދައުވާ ކުރާނެ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އެކަމުގައި ސިޔާސީ މުހައްލިލުންގެ ދެބަޔަކު ދެކެނީ މުޅިން ތަފާތު ދެގޮތަކަށެވެ.

ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެނީ އެއީ ޒިންމާދާރު ކުރުވުމުގެ އެންމެ މަތީ ފެންވަރުގެ ކަމެއް ކަމަށެވެ. އެއީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފަށަން ޖެހޭނީ އެންމެ މަތިން ކަމަށް ވާތީއެވެ.

ދެވަނަ ބައިގެ މީހުން ދެކެނީ މިހާރު ބަލަމުންދާ މައްސަލައަކީ ވެރިކަން ބަދަލުކުރުމަށްޓަކައި " ސިއްރުން ހިންގާ ބަޣާވާތެއް" ކަމަށެވެ. އެކަން ކާމިޔާބުވުމާއި ނުވުން އެއީ އަދި އެހެން ކަމެކެވެ. ކުރީގެ ޑިޕްލޮމޭޓެއް ކަމަށްވާ އަފްރާސިޔާބު ޚައްތާގު ދެކެވަޑައި ގަންނަވަނީ އެގޮތަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ޕާކިސްތާނުގައި ކޮންމެ ހަތް އަހަރަކުން އެއް ފަހަރު ހިނގަމުން އަންނަ ވެރިކަން ބަދަލު ކުރުމުގެ ހަރާތްތަކުގެ ތެރެއިން ކަމެއް ކަމަށެވެ.

ނަވާޒް ޝަރީފާއި ދެކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އޭނާގެ މައްސަލަތައް ( މާ ކުރީގެ ކަންތައްތަކަށް ދާންދެން) ހޯދައިގެން ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ޖޭއައިޓީ އިން ކުރައްވަމުން ގެންދަވާ މަސައްކަތަކީ މިނިވަންކަމާއި އެކު ރަނގަޅު ނިޔަތުގައި ކުރައްވާ މަސައްކަތެކެވެ. އެކަމަކު އެކަން އެގޮތަށް ގަބޫލު ނުކުރާ ފަރާތްތަކުން ވެސް ދައްކަނީ ވަރުގަދަ ހުއްޖަތެކެވެ.

ނަހަމަގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރެއްވި ކަމާއި ގައުމުން ބޭރުގައި ހުރި ޝަރީފު ޚާންދާނުގެ މުދާތަކާ ބެހޭ ގޮތުން ޖޭއައިޓީން އެއްކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައި އިން ފޯރުކޮށްދީފައިވާ މައުލޫމާތު ހުރުމަކީ އެއް ހުއްޖަތެވެ. އަނެއް ހުއްޖަތަކީ ތިރީސް އަހަރު ދުވަހުގެ މުއްދަތެއްގައި ހިންގާފައިވާ އެކި އެކި މުއާމަލާތްތަކާ ބެހޭ މައުލޫމާތު އެންމެ އަށް ހަފުތާ ތެރޭގައި ހޯދައި އެއްކުރިކަމެވެ.

ނަވާޒް ޝަރީފާ ދެކޮޅަށް މިހާރު ހިންގާ މައްސަލައިގެ އަސްލަކީ ދުނިޔޭގެ ގައުމުތަކުގެ ވެރިން ހިންގާފައިވާ ފައިސާގެ ނަހަމަ މުއާމަލާތްތަކާ ބެހޭ މައުލޫމާތުތައް ހާމަވި، މަޝްހޫރު " ޕެނަމާ ޕޭޕާސް" ކަމަށް ވެދާނެއެވެ. ނަމަވެސް އޭނާއާ ދެކޮޅަށް މިހާރު އެކުލަވާލާފައިވާ ރިޕޯޓްގައި ހިމެނޭ ގިނަ މައުލޫމާތު ތަކަކީ 1990 އަހަރު ތަކުގައި ވެސް އޭނާއާ ދެކޮޅަށް ކުރި ތަހުގީގުތަކެއްގައި މައްސަލައެއްގެ ގޮތުގައި ނެގި މައުލޫމާތުތަކެކެވެ.

ޝަރީފާ ދެކޮޅަށް އެއްކޮށްފައިވާ ހެކިތަކުގެ ތެރޭގައި 90 ގެ އަހަރުތަކާއި އެއަށް ވުރެވެސް ކުރީގެ މައުލޫމާތު ހުރުމަކީ އެ މިހާރު ހިންގާ ތަހުގީގަށް ޝައްކުގެ ނަޒަރަކުން ބެލޭ އެއް ކަންތަކެވެ.

މިކަންކަމަށް ބަލާއިރު ޝަރީފާ ދެކޮޅަށް މިހާރު ހިންގަމުން އަންނަ ތަހުގީގަކީ ޕާކިސްތާނުގެ ނުފޫޒު ގަދަ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާ އައިއެސްއައި އާ މުއާމަލާތް ކުރެއްވުމުގައި އޭނާއަށް އަމަލުކުރެއްވުނު ގޮތުގެ ނަތީޖާ ކަމަށް ބެލެވެއެވެ. އެ އެއިދާރާ ތަކާ މެދު އޭނާ އަމަލު ކުރައްވާފައި ވަނީ " ބޮޑާކަމާއި އެކުގައި" ކަމަށް ބުނެވޭ ފަދަ ބައެއް ކަންތައްތައް ވަނީ ހިނގާފައެވެ.

( ހިންދުސްތާން ޓައިމްސް)