ބޭރު ކުޅިވަރު

ރެސްޓޯރެންޓެއްގެ މެނޭޖަރަކާ ތަޅައިގަތުމުން ތުރުކީގެ ކޯޗް ވަކިކޮށްފި

Jul 27, 2017

ތުރުކީ ގައުމީ ކޯޗް ފާތިހް ޓެރިމް އާ އެކު ހަދާފައިވާ އެއްބަސްވުން، ތުރުކީގެ ފުޓްބޯޅަ ފެޑްރޭޝަނުން ބަތިލު ކޮށްފި އެވެ. އޭނާ ކޯޗް ކަމުން ވަކި ކުރީ މީގެ ހަފުތާއެއްގެ ކުރިން، ރެސްޓޯރެންޓެއްގެ މެނޭޖަރެއްގެ ގައިގައި ތަޅައި ގަންނަ މަންޒަރު ފެންނަ ވީޑިއޯ އާންމު ވުމާ ގުޅިގެން ނެވެ.

ޓެރިމް ވަނީ، އޭނަގެ ދެ ދަނބިދަރިންނާ އެކު ގޮސް ރެސްޓޯރެންޓް މެނޭޖަރާ ކުރިމަތިލާފަ އެވެ. މި ހާދިސާގައި ފަސް މީހުންނަށް އެކަވަރުގެ ހާނިކަ ވިކަމަށް ތުރުކީގެ މިޑިއަތަކުން ބުންޏެވެ. ތުރުކީގެ ފެޑްރޭޝަނުން ބުނީ، ޓެރިމްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުން އެއީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"ފުޓްބޯޅައާ ނުގުޅޭ ކަންތަކުގެ ސަބަބުން ފުޓްބޯޅަ ފެޑްރޭޝަނާ ޓެރިމް އަށް ވެސް ލިބޭ ގެއްލުން ބޮޑުވާނެ." ތުރުކީގެ ފުޓްބޯޅަ ފެޑްރޭޝަނުން ނެރެފައިވަ ބަޔާނުގައި ބުނެފައި ވެއެވެ.

ޓެރިމް ވަނީ މީގެ ކުރިންވެސް ތުރުކީގެ ޓީމަށް ކޯޗު ކޮށް ދީފަ އެވެ. އޭނާ އަލުން ތުރުކީގެ ޓީމާ ހަވާލުވީ، 2013 ވަނަ އަހަރު އެވެ. ނަމަވެސް ޖެހިގެން އައި އަހަރު ވޯލްޑްކަޕުން ތުރުކީއަކަށް ޖޯގައެއް ހޯދައި ނުދެވުނެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތުރުކީ ކޮލިފައި ކޮށްދީފަ އެވެ.

ޓެރިމް ވަނީ މީގެ ކުރިން، ތުރުކީގެ ގަލަތަސަރާއީ އާއި އިޓަލީގެ އޭސީ މިލާން އަދި ފިއޮރެންޓީނާ އަށް ވެސް ކޯޗް ކޮށްދީފަ އެވެ. އޭނަގެ ބަދަލުގައި ދެން ހަމަޖައްސާނީ ކޮން ކޯޗެއް ކަމެއް ތުރުކީގެ ފެޑްރޭޝަނުން ބުނެފަ އެއް ނުވެ އެވެ.