ޓޮޓެންހަމްހޮސްޕާގެ ޓާގެޓަކީ ކޮބައިތޯ ބުނެ، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ސުވާލު އުފައްދައިފި އެވެ. މިދިޔަ ސީޒަންގައި ޗެލްސީގެ ފަހަތުން، ތާވަލުގެ ދެ ވަނައިގައި ނިންމާލި ޓޮޓެންހަމްއިން، މި ޓްރާންސްފާ ޕީރިއަޑްގައި އެއްވެސް ކުޅުންތެރިޔަކު އަދި ހޯދާފަ އެއް ނުވެ އެވެ.
ނަމަވެސް، އެ ޓީމާ ވާދަވެރި އެހެން ޓީމުތަކުން ވަނީ ޓްރާންސްފާގައި ހަރަކާތްތެރި ވެފަ އެވެ. ކޮންޓޭ ބުނީ، ޓޮޓެންހަމް ލީގް ނުލިބިއްޖެ ނަމަވެސް އެއީ މާބޮޑު ގެއްލުމަކަށް ނުވާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ، އެހެން ކުލަބު ތަކުން އަންނަ ސީޒަންގައި ލީގް ހޯދަން ޓީމު ވަރުގަދަ ކުރާއިރު ޓޮޓެންހަމްއިން އަތް އުރާލައިގެން ތިބޭތީ އެވެ.
"ޓޮޓެހަމްއަށް ލީގް ނުލިބިއްޖެނަމަ އެ ނުވާނެ ލިބޭ ބޮޑު ދެރެއަކަށް،" ކޮންޓޭ ބުންޏެވެ. އެ ޓީމަށް ޗެމްޕިއަންސް ލީގް ޖަގަ ނުލިބިއްޖެނަމަ އެ ނުވާނެ ލިބޭ ބޮޑު ދަރަ ޔަކަށް، ޗެމްޕިއަންސް ލީގްގެ ފުރަތަމަ ބުރުން އެ ޓީމު ވަކިވެއްޖަނަމަ، އެ ނުވާނެ ބޮޑު ދެރަޔަކަށް، ޗެމްޕިއަންސް ލީގް ފުރަތަމަ މެޗުން ބަލިވެ ޔޫރަޕާ ލީގަށް ވެއްޓިޖެނަމަ އެ ނުވާނެ އެ ޓީމަށް ލިބޭ ބޮޑު ދެރަޔަކަށް."
ކޮންޓޭ ބުނީ، އެ ފަދަ ކަމެއް، ޗެލްސީ އާއި އާސެނަލް އާއި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓަޑަށް ކުރިމަވެއްޖެނަމަ އެއީ އެ ޓީމުތަކަށް ކުރިމަތިވާ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"އަހަންނަކަށް ނޭންގެ ލިވަޕޫލުގެ ގޮތެއް، އެ ޓީމަށް އެއީ ބޮޑު ގެއްލުމަކަށް ވާނެ ކަމެއް އެ ޖެހޭނީ ޓީމުގެ ހާލަތު ދެނެގަންނަން."
"ކޮންމެ ޓީމަކަށްވެސް އެ ޓީމުގެ އަމާޒަކީ ކޮބައިކަން އެނގެން ޖެހޭނެ، އެ ޓީމެއްގެ އަޒުމަކީ ލީގް ހޯދަން ވާދަ ކުރުމާއި ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުން ހިމެނޭ ކަމަށް ވަންޏާ އަގު ބޮޑު ކުޅުންތެރިން ގެންނަން ޖެހޭނެ، އެކަން ނުކުރާ ކަމަށް ވަންޏާ އެ އޮންނަން ބޭނުންވާ ފެންވަރެއްގައި ނުހިފެހެއްޓޭނެ، އެކަން ވަރަށް ސާފް،" ކޮންޓޭ ބުންޏެވެ. "އަހަރެންގެ ސުވާލަކީ ޓޮޓެންހަމްގެ ހާސިލު ކުރަން ބޭނުންވާ ކަމަކީ ކޮބާ ހެއްޔޭ އެ ޓީމުގެ އަޒުމަކީ ކޮބާ ހެއްޔޭ."
ކޮންޓޭ ވަނީ ޓޮޓެންހަމްގެ ސްޓައިކާ ހެރީ ކޭން އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. ކޮންޓޭ ބުނީ އޭނާ ދެކޭގޮތުގައި ހެރީ ކޭން އަކީ މިވަގުތު ދުނިޔޭގައި ހުރި އެއް ވަނަ ސްޓައިކަރު ކަމަށާއި 100 މިލިއަން ޕައުންޑް ދީފައި ވެސް ގެންނަ ވަރުގެ ސްޓާއިކަރެއް ކަމަށެވެ. އަދި ޗެލްސީ އަށް ކޭން ގެނެވޭނެ ނަމަ އޭނާ އެންމެ ގެންނަން ބޭނުވާ ކުޅުންތެރިޔަކީ ކޭން ކަމަށް ކޮންޓޭ ބުންޏެވެ.