މުދާ އަރުވައި ބަރުކޮށްފައިވާ ޓްރަކެއްގެ ވަށައިގެން ހަތިޔާރާ އެކު ހައެއްކަ ފާރަވެެރިން ތިބެއްޖެ ނަމަ ހީވާނީ އެެއީ އަގުބޮޑު ގަހަނާތަކެއް، އިލެކްޓްރޯނިކް އާލާތްތަކެއް ނުވަތަ އެނޫންވެސް އަގުބޮޑު މުދާތަކެއް އަރުވާފައިވާ ޓްރަކެއް ކަމަށެވެ.
ނަމަވެސް އަވަށްޓެރި އިންޑިއާގެ މަދުޔަޕްރަދޭޝްގެ އެންމެ އާބާދީ ބޮޑު ރަށް އިންޑޯރުގައި މިހާރު އެގޮތަށް ހަތިޔާރާ އެކު ބަލަހައްޓަނީ ހީވެސް ނުކުރާ ކަހަލަ އެއްޗެކެވެ. އެއީ އިންޑިއާ މީހުން ގިނައިން ކައިއުޅޭ ބާވަތެއްކަމަށްވާ ޓޮމާޓޯއެވެ. މަދުޔަޕްރަދޭޝްގަައި ޓޮމާޓޯގެ އަގު މިހާރު ހުރީ ވަގުންގެ ލޯތަށް ފަސޭހައިން އަމާޒުވާހާ އުހުގައެވެ.
މަދުޔަޕްރަދޭޝްމީހުންނަށް ޓޮމާޓޯއަކީ ފަސޭހައިން ނުލިބޭ ބާވަތަކަށް ވެފައި މިވަނީ އެ ސްޓޭޓްގަައި ޓޮމާޓޯ ކިލޯއެއްގެ އަގު އެންމެ ރުޕީސް އަކަށް ވުރެ ދަށަށް ވެއްޓުނުތާ މަހެއްހާ ދުވަސްފަހުންނެވެ. އާދަޔާ ހިލާފަށް ގިނައިން ޓޮމާޓޯ ހައްދައި ރުޕީސްއަކަށް ވުރެ ދަށަށް ކިލޯއެއްގެ އަގު ވެއްޓުމުން ދަނޑުވެރިން އޭރު ވަނީ މަގުތަކަށް ޓޮމާޓޯތައް އޮއްސާފައެވެ. ނަމަވެސް މިހާރު އިންްޑޯރުގެ ތަރުކާރީ މާރުކޭޓެއް ކަމަށްވާ ދޭވީ އަހިލިޔާ ބާއީ ހޯލްކަރު ވެެޖިޓެބުލް މަންޑީގައި ޓޮމާޓޯ ކިލޯއެއް މިހާރު ވިއްކަނީ 100 ރުޕީސްއަށެވެ.
" އަތްނުފޯރާ ފަށަށް އަގު އުފުލިފައިވާ ޓޮމާޓޯގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން މިހާރު ވަނީ ހޯލްސޭލަރުން ފުދޭވަރަކަށް ވިސްނަން ޖެހޭ ކަމަކަށް، ޖުލައިމަހުގެ 15 ވަނަ ދުވަހު މުމްބާއީގައި ވަގުން ވަނީ ޓޮމާޓޯ ބަރުކޮށްގައި އޮތް ޓްރަކަކަށް ހަމަލާދީ 2600 ކިލޯގެ ޓޮމާޓޯ ވަގަށް ނަގާފައި،" މަންޑީގައި ގަނޑުކޮށް މުދާ ވިއްކާ މީހެެއްކަމަށްވާ ސަންތޯޝް ނާރަން ހިންދުސްތާން ޓައިމްސް އަށް ބުނެފައި ވެއެވެ.
އެހާދިސާއަށް ފަހު ޓޮމާޓޯތައް ރައްކާތެރި ކަމާ އެކު އުފުލުމަށް ޓަކައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން މަންޑީގެ އިދާރާގައި ވިޔަފާރިވެރިން އެދުނެވެ. ހަތިޔާރުއެޅި ފާރަވެެރިން ފޮނުވީ އެހިސާބުންނެވެ. އެމީހުން މިހާރު ދަނީ ޓްރަކްތަކުގެ އިތުރުން މަންޑީގެ އެތޭގައި ވެސް ފޯރިމަރަމުންނެވެ.