ހަބަރު

"ވަކިވަކި ފުލުހުންގެ ފޮޓޯ ޖަހައި، އިންޒާރުދޭ ނަމަ ފިޔަވަޅު އަޅާނަން"

Jul 27, 2017
15

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ސޯޝަލް މިޑިއާގެ ވަސީލަތްކުގައި ވަކިވަކި ފުލުހުންގެ ފޮޓޯ ޖަހައި އިންޒާރުދޭ ކަމަށާއި އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކިވަކި ފުލުހުންނާއި އެމީހުންގެ އާއިލާތަކުގެ ފޮޓޯ ޖަހައި އިންޒާރުދީ ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.

"ވަކިވަކި ފުލުހުންނަށް އިންްޒާރުދީ ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރުލިބޭ ގޮތަށް ކުރަމުންދާ މަސައްކަތްތައް އެގޮތަށް ނުކުރުމަށް އަންގަމެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ފުލުހުންގެ ނަމުގައި ހަގީގަތާ ހިލާފު ވާހަކަތައް ވެސް ފަތުރަމުންދާ އެގޮތުން އެ މުއައްސަސާގެ ގަދަރާއި އިހުތިރާމް ގެއްލުވައިލުމަށް މަަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.