ފިނިޕޭޖް

ދިވެހިންގެ ޑްރާމާ ލިސްޓަށް ތުރުކީ ޑްރާމާތައް!

ޑްރާމާ ސިލްސިލާތަކުގެ ޖެހި ކައްކަން އުދާފައި ހުންނަ ބަތްތެލި އަދި ނިންދަވަން ބާއްވާފައި އޮތް ދަރިފުޅު މަތިން އަންހެނުން ހަނދާން ނެތޭ ވާހަކައަކީ އަންހެނުންނަށް މަލާމާތް ކުރަން ފިރިހެނުން އެންމެ ފޯރީގައި ދައްކާ އެއް ވާހަކަ އެވެ. ހިންދީ ޑްރާމާތަކުގެ ތެރެއަށް ގެނބި ހުސްވެފައި ތިބޭ އަންހެނުންނާ ދިމާކޮށްލުމަށްވުރެ ބޮޑު އުފަލެއް ފިރިހެނުންނަށް ނުލިބެޔެ ހީވި ދުވަސްތަކެއްވެސް ދިޔަ އެވެ.

އެ ކަމަށް ހުއްޓުމެއް އައީ އިނގިރޭސި ޑްރާމާ ސީރީޒްތައް ދިވެހިންގެ ލިސްޓުގެ ކުރިއަށް އަރައި އަންހެނުންނެކޭ އެއްގޮށް ފިިރިހެނުންގެ ސަމާލުކަން އެއަށް ދަމައިގަތުމުންނެވެ. މިހާރު އިނގިރޭސި ޑްރާމާ ސީރީޒެއް ނުބަލާ ދިވެއްސަކު ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ. ކޮންމެވެސް ސީރީޒްއެއް ބަލާނެ އެވެ. މިހާރު އެންމެ ކުރީގައި އުޅެނީ ގޭމް އޮފް ތްރޯންސް އެވެ.

އިނގިރޭސި ސީރީޒް ތަކާއި އެއްގޮތަށް ކޮރެއާ ޑްރާމާ ސީީރީޒްތަކަކީވެސް ނިކަން ގިނަ ދިވެހިން ޝައުގުވެރި ކުރުވި އެއްޗެކެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންނެވެ. ކޮރެއާ ސީރީޒް އާންމުކޮށް ބަލައި އުޅެނީ އަންހެން ކުދިންނެވެ. އެއަށްފަހު ތުރުކީގެ ޑްރާމާތައް މިހާރު އުޅެނީ ވައިގައި ހިފާލައިގެންނެވެ. ތުރުކީ ޑްރާމާތައްވެސް އެންމެ ގިނައިން ބަަލައި އުޅެނީ ޒުވާން އަންހެން ކުދިންނެވެ.

މިހާރު އެންމެ މަގުބޫލު ތުރުކީގެ ޑްރާމާ ތަކުގެ ތެރޭގެ އެންމެ ކުރީގައި އުޅޭ އެއް ޑްރާމާ އަކީ "ބްރޭވް އެންޑް ބިއުޓިފުލް" އެވެ. އެ ޑްރާމާއަކީ ތުރުކީގެ ވެރިރަށް އިސްތަން ބޫލްގެ ކައިރީގައި އޮންނަ ކުޑަ އަވަށަކަށް ނިސްބަތްވާ މީހަކު އޭނަގެ އާއިލާއަށްޓަކައި ބަދަލު ހިފަން ނުކުމެ އުޅެނިކޮށް ހިނގާ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ޑްރާމާ އެކެވެ.

"އިންސައިޑާ" އަދި "އެންޑްލެސް ލަވް" އަކީވެސް ދިވެހިން އެންމެ ޝައުގުވެރިކަމާއެކު ބަލާ ތުރުކީ ޑްރާމާތަކުގެ ތެރޭގައި ހިމެނޭ ދެ ޑްރާމާ އެވެ. "އެންޑްލެސް ލަވް" އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖަކު އާއިލާއިން ދައްކާ މީހަކާ ކައިވެނި ކުރަން ބޭނުންނުވެ ހުންނަ ދަނޑިވަޅުގައި ދިމާވާ އާދައިގެ އާއިލާއެއްގެ ފިިރިހެން ކުއްޖަކު ދެކެ ލޯބިވެވި ހިނގާ ލޯބީގެ ހާދިސާތަކެއް ގެނެސްދޭ ޑްރާމާ އެކެވެ.

"ހާޓް އޮފް ދަ ސިޓީ" އަދި "އަންޓިލް ޑެތު" މިއީވެސް ނިކަން ކުރީގައި އުޅޭ ދެ ސީރީޒް އެވެ. ހާޓް އޮފް ދަ ސިޓީ އަކީ ކަނޑުމަތީގައި އުޅެ ބޮޑުވާ ޒުވާނެއްގެ ދިރިއުޅުމަށް ބިނާކޮށް ހަދާފައިވާ ޑްރާމާއެކެވެ. އެ ޑްރާމާގައި އެ ޒުވާނާ ކުޑައިރު އޭނާގެ މަންމަ އޭނާގެ ކުރިމަތީގައި މަރާލަ އެވެ. އެފަހުން ކާގޯ އުޅަނދެއްގައި 20 އަހަރު އުޅުމަށްފަހު އިސްތަންބުލް އަށް ފޭބުމަށްފަހު ހިނގާ ލޯބީގެ ކަންތައްތަކެއް އޭގައިވެސް ގެނެސްދޭނެ އެވެ. "އަންޓިލް ޑެތު" އަކީ
އެކްޝަން ޑްރާމާ އެކެވެ.

"ޔޫއާ މައި މަދާލޭންޑް" އަދި "ވިންގްސް އޮފް ލަވް" އަކީވެސް ދިވެހިންނަށް ވަރަށް ކަމުދާ ތުރުކީ ސީރީޒްތަކަކަށް މިވަނީ ވެފަ އެވެ. އެ ދެ ސީރީޒް އަކީ ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ ދެ ސީރީޒް އެވެ. "ރޫމް ނަމްބާ 309" އަކީވެސް ގިނަ ބަޔަކު ބަލާ ސީރީޒް އެކެވެ. އެ ސީރީޒް އަކީ މުއްސަނދި ވިޔަފާރިވެރި އާއިލާއެއްގެ ފިރިހެން ކުއްޖަކާއި އާދައިގެ އަންހެން ކުއްޖަކާ ދެމީހުން ދާ ޑޭޓެއްގައި "ޑޭޓު" އޮޅި ދެ މީހުންގެ ދެމެދުގައި ހިނގާ ކަންތައްތަކެއްގެ ސަބަބުން ދެ މީހުންގެ ދިިރުއުޅުމަށް އަންނަ ބަދަލުތައް ފެނިގެންދާނެ އެވެ. އެ ދެ މީހުންވެސް ބައްދަލުކުރަން ދަނީ އާއިލާއިން އެމީހުން ކައިވެނިކުރަން ހަމަޖައްސާފައިވަ މީހާ އާއެކު "ބްލައިންޑް" ޑޭޓަކަށެވެ.