ހަބަރު

ސައުދު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހޯދަން ފުލުހުން ރޭ އިއުލާނުކޮށްފައިވަނިކޮށް ސައުދު ފުލުހަށް ހާޒިރުވެއްޖެ އެވެ. އަދި އެއާ އެކު ފުލުހުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ސައުދު ހޯދަން ފުލުހުން ރޭ ވަނީ ފޮޓޯ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ ސައުދު ހޯދަނީ ތަހުގީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ސައުދު ވަނީ މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަ އެވެ. ނަމަވެސް ކޯޓު އަމުރު ނުބައިކޮށް ނެރެވިގެން ސައުދު ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން ސައުދު ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އިދިކޮޅު މެންބަރުން މަޖިލީހަށް ވަތް ވަގުތު އޭނާ ވެސް މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށެވެ. ފުލުހުން ބުނަނީ އެބޭފުޅާ އަކީ މެންބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އެބޭފުޅުންނަށް މަޖިލީހަށް ނުވަދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ.

މިިދޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޕީ ފަލާހު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.