ހަބަރު

ފުލުހުން ކުނޫޒު ދޫކޮށްލައިފި

ޖުމްހޫރީ ޕަޓީ (ޖޭޕީ) ގެ އޮފީހާއި ހަރުގެ ހިމެނޭ މ. ކުނޫޒަށް ފުލުހުން ވަދެ ބަލާ ފާސްކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލާ ކުނޫޒު ދޫކޮށްލައިފި އެވެ.

މިިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ކުނޫޒު ގެންގޮސް ބަލާ ފާސްކުރަން ފަށާފައިވަނީ އެތަނުގައި ޖޭޕީއާ، އެމްޑީޕީއާ އަދާލަތު ޕާޓީ އަދި އެހެނިހެން ފަރާތްތައް އިސްކޮށްތިބެ ސަރުކާރު ހިންގުމަށް ދަތިތައް ސަރުކާރު ވައްޓާލުމަށް ސައްލާކޮށް ރާވަމުންދާތީ ކަމަށް ކުނޫޒަށް ވަނުމުގެ ހުއްދަ ދެމުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އަދި މަޖިލީހުން ކުރަން ޖެހޭ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުނޫޒު ބަލައި ފާސް ކުރުމަށްފަހު އެ ޕާޓީގެ އިސްވެރިންނާ ހަވާލުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެއްވެސް ކަހަލަ ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.

ކޯޓު އަމުުރުގައި ކުނޫޒު ބަލައި ފާސް ކުރަން 72 ގަޑިއިރުގެ މުއްދަތެއް ދީފައިވާ ކަމަށްބުނެ އޭގެ ފަހުންވެސް ފުލުހުން ވަނީ ކުނޫޒު ބަލަހައްޓާފަ އެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް ކުނޫޒު ބަލައި ފާސްކުރަން ފުލުހުން އުޅުމުން ޖުމްހޫރީ ޕާޓީން ވަނީ އެތަން ހުޅުވައިނުދީފަ އެވެ.