ދުނިޔެ

ރެފިއުޖީން ހުއްޓުވަން އީޔޫއިން އިޓަލީއަށް 46 މިލިޔަން ޔޫރޯ ދީފި

ލީބިޔާ މަގުން އިޓަލީއަށް އެތެރެވާ އެފްރިކާގެ ގައުމުތަކުގެ ރެފިއުޖީން ހުއްޓުވުމަށްޓަކައި ލީބިޔާގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިޓަލީއަށް 46 މިލިޔަން ޔޫރޯ (54 މިލިޔަން ޑޮލަރު) ދީފިއެވެ.

ހަރުދަނާ ސަރުކާރެއް ނެތި ރޫޅިފައިވާ ލީބިޔާގެ އައްސޭރީން ޑިންގީތަކުގައި ދަތުރުކޮށް، 95000 ރެފިއުޖީން މި އަހަރު އިޓަލީއަށް އެތެރެވިއެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް ލީބިޔާގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ރެފިއުޖީން އާއްމުކޮށް ހުރަސްކުރާ އެގައުމުގެ ދެކުނު ސަރަހައްދީ ރޮނގު ބަލަހައްޓަން އަންނަ އޮގަސްޓް މަހު ސިފައިން ފޮނުވަން އިޓަލީން އަންނަނީ ތައްޔާރުވަމުންްނެވެ. ލީބިޔާގެ އުތުރުގެ ސަރަހައްދުތަކަށް އީޔޫ އިން މިހާރުވެސް ވަނީ މިޝަނެއް ފޮނުވާފައެވެ. އަދި ލީބިޔާގައި ހާލުގައި ޖެހިފައި ތިބި ރެފިއުޖީންގެ ހާލަތު ރަނގަޅުކުރުމަށާއި އެމީހުންގެ އަމިއްލަ ގައުމުގައި ތިބުމަަށް އެހީވުމަށް 90 މިލިޔަން ޔޫރޯގެ އެހީވެސް އެޖަމާއަތުން ވަނީ ދީފައެެވެ.

ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން އެގައުމުގައި ވާދަވެރި ސަރުކާރުތަކެއް އުފައްދައިގެން އުޅޭ އިރު އީޔޫ އިން ތާއީދު ކުރަނީ އދ. އިން ބަލައިގަންނަ ސަރުކާރަށެވެ. އެއީ ލީބިޔާގެ ވެރިރަށް ތަރާބުލުސްގައި ގާއިމްކޮށްފައިވާ ފަޔާޒް ސިރާޖު ނަމަކަށްް ކިޔާ ލީޑަރަކު ހިންގާ ސަރުކާރެކެވެ.

ލީބިޔާގައި މިހާރު އޮތް ހަނގުރާމައިގެ ހާލަތު އުފެދުނީ ހުޅަނގުގެ މަދަދު ލިބިގެން ތިބި ހަނގުރާމަވެރިންގެ ބަޔަކު އެގައުމުގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ސަރުކާރު ވައްޓާލައި އޭނާ އަވަހާރަކޮށްލުމުންނެވެ.