ދުނިޔެ

ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާއަށް 99 އަހަރަށް ދޭން މިއަދު ސޮއިކުރަނީ

ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ކުންފުންޏަކަށް ކުއްޔަށްދޭން އުޅުމުން އުފެދުނު ހަމަނުޖެހުންތަކަށް ފަހު، އެކަމުގެ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް، މިއަދު ސޮއިކުރަން ތައްޔާރުވެއްޖެއެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހަވާލާދީ އިކޮނޮމިކް ޓައިމްސް ނޫހުން މިއަދު ބުނީ ޗައިނާގެ ކުންފުންޏަށް ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ވިއްކައިލަނީ 1.12 ބިލިޔަން ޑޮލަރަށް ކަމަށެވެ.

ހަމްބަންޓޯޓާ ބަނދަރު ހިންގަމުން އައި ސްރީލަންކާ ޕޯޓް ހޯލްޑިންގެ މައިގަނޑު ހިއްސާ ވިއްކާލައި އެ ބަނދަރުގެ ކޮންޓްރޯލް ދޫކޮށްލަނީ ޗައިނާސަރުކާރުގެ ކުންފުންޏެއްކަމަށްވާ ޗައިނާ މާޝަންޓްސް ޕޯޓް ހޯލްޑިންސް( ސީއެމްޕޯޓް) އަށެވެ.

ވިކްރަމަ ސިންހަ މިއަދު ވިދާޅުވީ އެއީ ލަންކާއަށް ފައިދާ ހުރި އެއްބަސްވުމެއް ކަމަށެވެ.

" އަހަރެމެން ގައުމަށް މިހޯދައިދެނީ ރަނގަޅު ޑީލެއް. އެއްވެސް ދަރަންޏަކާ ނުލައި،" ވިކްރަމަސިންހަ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާއިން 99 އަހަރަށް ލިބޭ އިކުއިޓީ ދައްކާނީ ޗައިނާއިން ނަގާފައިވާ ދަރަނިއަދާކުރުމަށް ކަމަށެވެ.

ބަނދަރު ޗައިނާއަށް ކުއްޔަށް ދިނުމާ ދެކޮޅަށް ލަންކާގެ އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން އަންނަ އިރު، އެމައްސަލައިގައި ޕާލަމެންޓްގައި ބަހުސް ކުރަން ސަރުކާރުން އެއްބަސްވިއެވެ. ނަމަވެސް އެއްބަސްވުމުގައި މިއަދު ސޮއިކުރަން އުޅެނީ އެ ބަހުސް ނުކުރެވި ވަނިކޮށެވެ.

ވިކްރަމަ ސިންހަ ވިދާޅުވީ ބަހުސް ބާއްވަން އިދިކޮޅު ފަރާތްތަކާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ޖަލްސާތައް ހޫނުވެ، އަންނަ ހަފުތާއާ ހަމައަށް ޖަލްސާތައް ނުބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާ ކުންފުންޏަށް ފުރަތަމަ ވިއްކަން އުޅުނީ ބަނދަރުގެ 80.20 ޕަސެންޓް ހިއްސާއެވެ. ނަމަވެސް މުޒާހަރާތަކަށް ފަހު އެ އަދަދު ވަނީ 70 ޕަސެންޓަށް ބަދަލުކޮށްފައެވެ.

ހަމްބަންޓޯޓާ ބަނދަރަކީ އިންޑިއާ ކަނޑުގައި ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައި އޮތް ބަނދަރަކަށް ވާތީ އެ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް ކުއްޔަށް ދިނުމާ މެދު އިންޑިއާއިން ކަންބޮޑުވެއެވެ.