ދުނިޔެ

ބޮޑުވަޒީރުކަން ދޭނެ ބޭފުޅެއް ނަވާޒް ޝަރީފުގެ ޕާޓީން މިއަދު ނިންމަނީ

ޕާކިސްތާނުގެ ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް- އެން)ގެ ފަރާތުން ބޮޑުވަޒީރުކަމުގެ މަގާމަށް އިސްކޮށްފައި ހުންނެވި ނަވާޒް ޝަރީފަށް މަގާމު ގެއްލިވަޑައިގެންނެވުމުން އެމަގާމަށް ދެން ގެންނާނީ ކޮން ބޭފުޅެއްކަން ޕާޓީން މިއަދު ނިންމާނެ ކަަމަށް ބުނެފިއެވެ.

ޕީއެމްއެލް- އެންއާ ހަވާލާދީ ޖިއޯ ނިއުސް ބުނީ ބޮޑުވަޒީރުކަމުގެ މަގާމަށް ގެންނާނެ ބޭފުޅަކާ ބެހޭ ގޮތުން ގޮތެއް ނިންމާނީ މިއަދުިުި ހަވީރު 4.00 ގައި ފަށާ ބައްދަލުވުމެއްގައެވެ. އެޕާޓީގެ ލީޑަރެއް ކަމަށްވާ ޚަވާޖާ ސައުދު ރަފީގު ޖިއޯ ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވަގުތީ ގޮތުން 45 ދުވަސް ވަންދެން ބޮޑުވަޒީކަމުގެ މަގާމު ފުރުއްވާނެ ބޭފުޅަކު ހަމަޖައްސުމަށް ފަހު ނަވާޒް ޝަރީފުގެ ކޮށްކޯފުޅު ޝެހްބާޒް ޝަރީފަށް ބޮޑުވަޒީރުކަން ދޭނީތޯ (އޭނާ ޕާލަމެންޓަނަށް އިންތިހާބު ވުމަށް ފަހު) ނުވަތަ މިހާރު ޕާލަމެންޓްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު ދައުރު ނިމެންދެން ބޮޑުވަޒީރުކަމުގައި ބަހައްޓާނީތޯ ނިންމާނީ މިއަދު އޮންނަ ބައްދަލުވުމުގައެވެ.

ނަވާޒް ޝަރީފަށް މަގާމު ގެއްލިވަޑައިގަތުމުން އޭނާ ވަނީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ކޮއްކޯފުޅު ޝެހްބާޒްއަށް ބޮޑުވަޒީރުކަން ދޭން އެދިވަޑައިގެންފައެވެ. ޝެހްބާޒް މިހާރު ހުންނެވީ ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރަކަށެވެ. އޭނާއަށް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވޭނީ ނަވާޒް ޝަރީފުގެ ގޮނޑި ގެއްލުމުން ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރެއްވިއްޖެ ނަމައެވެ.

ނަވާޒް ޝަރީފަށް ބޮޑުވަޒީރުކަން ގެއްލިވަޑައިގެންނެވީ އޭނާ އަކީ އެމަގާމަށާއި ޕާލަމެންޓް މެމްބަރެއްގެ މަގާމަށް ޝަރުތު ހަމަނުވާ ބޭފުޅެއް ކަަމަށް ޕާކިސްތާނުގެ ސުޕްރީމްކޯޓުން ނިންމުންނެވެ. އެެކޯޓުން އެގޮތަށް ނިންމީ ދުނިޔޭގެ ގައުމުތަކުގެ ވެރިން ހިންގަވާފައިވާ ނާޖާއިޒް މުއާމަލާތްތައް ފަޅައި އެރި މަޝްހޫރު ޕެނަމާ ޕޭޕާސްއިން ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހިންގި ތަހުގީގަކަށް ފަހުގައެވެ.